ފަހި ދިރިއުޅުން ކޯޕަރޭޝަނުން (އެފްޑީސީ)ން މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ބައިނަލްއަޤްވާމީ ދުވަސް ފާހަގަކޮށްފިއެވެ.
މި ދުވަސް ފާހަގަކުރުމުގެ ހަރަކާތުގައި އެފްޑީސީއިން ޢަމަލުކުރަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ބައިވެރިންނާ ހިއްސާކޮށްފައެވެ. އެފްޑީސީގެ ޕްރޮޖެކްސް އަދި ޕްލޭނިން ޑިޕާޓްމަންޓުން، އެފްޑީސީ ފެސިލިޓީތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒުކުރުމުގެ ގޮތުން ޢަމަލުކުރަމުންދާ އުސޫލުތަކާއި ޤަވާއިދުތައްވެސް ވަނީ މުއައްޒަފުންނާއި ހިއްސާކޮށްފައެވެ.
މިއަހަރުގެ ބައިނަލްއަޤްވާމީ ރައްކާތެރިކަމުގެ ދުވަހުގެ ޝިއާރަކީ “މޫސުމީ ގޮންޖެހުންތަކާއެކުވެސް މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުން” އެވެ.
އެކަމަށް ހާއްސަކޮށްގެން އެފްޑީސީން ބޭއްވި ހަރަކާތް ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއާ އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރ، އޮޕަރޭޝަނަލް ސޭފްޓީ އެންޑް ހެލްތް މެނޭޖްމަންޓް މުޙައްމަދު އަބްދުﷲއެވެ. އެ ހަރަކާތުގައި އެމްއޭސީއެލް، އެޗްޑީސީ، އެމްއެންޑީއެފް ފަދަ، ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތްތައް ކުރާ އިދާރާތަކުން ބައިވެރިވިއެވެ.
އެ ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ފާހަގަކުރެއްވީ މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މަސައްކަތުގެ މާހައުލުގައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް، އަޅަން ޖެހޭނެ ކަމަށެވެ. އަދި ޤަވައިދާ އެއްގޮތުގެ މަތިން އަޅަމުންދޭތޯ ކަށަވަރުކުރުމުގެ ޚާއްސަ ޓީމެއް އަންނަނީ މަސައްކަތް ކުރަމުން ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެފްޑީސީއިން ތަރައްގީކުރަމުންދާ 4000 ސޯޝަލް ހައުސިންގ ޔުނިޓްގެ މަސައްކަތަށް “15 މިލިއަން ސޭފް މޭން-އަވަރޒް” ހާސިލްކުރެވިފައިވުމަކީ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށްވެސް ހަމްދާން ވަނީ ވިދާޅުވެފައެވެ.
ހަމްދާން ވިދާޅުވީ އިމާރާތްކުރުމުގެ މަސައްކަތްތައް ޒިންމާދާރުކަމާއި، ރައްކާތެރިކަމުގެ މިންގަނޑުތަކާ އެއްގޮތްވާގޮތުގެމަތިން ކުރިއަށް ގެންދިއުމަށްޓަކައި ހަރުދަނާ ނިޒާމެއް އޮންނާން ކެހޭނެ ކަމަށާއި، އެފަދަ އިޖުރާއަތްތައް އެފްޑީސީން ތަންފީޒުކުރަމުންދާކަމަށް ވެސް ހަމްދާން ވިދާޅުވިއެވެ.

