އިންސާނާގެ ޙަޔާތަށް އެންމެބޮޑު ބަދަލެއް ގެނުވާ އެއްތަނަކީ އެ މީހަކު ދިރިއުޅޭ މުޖްތަމަޢެވެ. އަދި އެއަށްފަހު އެކުވެރިންގެ ގޮތުގައި ޚިޔާރުކުރާ މީހުންނެވެ. ތިބާގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެންނަން އެދޭނަމަ ހެޔޮލަފާ ރަނގަޅު އެކުވެރިން އިޚްތިޔާރު ކުރަން ޖެހެއެވެ. އެހެން ނުވެއްޖެނަމަ ތިމާގެ ދިރިއުޅުން ބަރުބާދުވެ، އެކަމުގެ އިހްސާސް ގިނަފަހަރަށް ކުރެވޭނީ ވަގުތު ފާއިތުވާ ފަހުންނެވެ.
ވިޔާނުދާ އެކުވެރިންނާ އެކު އުޅުމުގެ ސަބަބުން ރެޔާއި ދުވާލު އިވޭނީ ގޯސްއަޑުތަކެވެ. ފެންނާނީ ހުތުރު މަންޒަރުތަކެވެ. މުޅި ދުވަސް ފާއިތު ވާނީ ކުޑަ ވެސް މަންފާއެއްނެތް ބޭކާރު ކަންކަމުގައެވެ. އެފަދަ ބައެއްގެ ތެރޭ މުޅި ދުވަސް ހޭދަ ވާނަމަ، އެ މީހުންގެ ކިބައިގައި ހުރި ގޯސް އާދަތަކުގެ ނުރަނގަޅު އަސަރު މަޑުމަޑުން ނަމަވެސް ތިބާ އަށް ކުރާނެކަން ދަންނާށެވެ. ކިތަންމެ ކުރަން ބޭނުން ނުވިޔަސް، އެކުވެރިންގެ މަލާމާތުން ރެކެން ނަމަވެސް އެފަދަ ގޯސް ކަންކަން ތަޖުރިބާކުރުން ނޫން އެހެން ގޮތެއް ތިބާއަށް ނޯންނަ ފަހަރު އަތުވެދާނެއެވެ.
އޭ ލޮބުވެތި އަޙާއެވެ! ލޮބުވެތި އުޙްތާއެވެ! ގޯސް ކަންކަމަށް ހިތްވަރު ދިނުމުގައި ތިބާ އަށް ވާގިވެރިވާ މީހުންނަކީ ޙަޤީޤީ އެކުވެރިންނެއް ނޫނެވެ. އެފަދަ މީހުންގެ ސަބަބުން ދުނިޔެއާއި އާޚިރަތް ގެއްލިދާ އަބާއްޖަވެރިންގެ ތެރެއިން ތިބާ ވެދާނެއެވެ. އަދި އެފަދަ ބަޔަކު އެކުވެރިންގެ ގޮތުގައި ޚިޔާރު ކުރެވުނީތީ ހިތާމަ ކުރާނެ ދުވަހެއް އަންނާނެކަން ޔަޤީނެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿يَا وَيْلَتَىٰ لَيْتَنِي لَمْ أَتَّخِذْ فُلَانًا خَلِيلًا﴾ (الفرقان: ٢٨) މާނައީ: “އޭ ހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ސަހަރޯއެވެ! ތިމަން އެވެނި މީހަކު މިތުރަކު ކަމުގައި ނުހިފިނަމަ، ކިހާ ރަނގަޅުވީސް ހެއްޔެވެ!”
އެފަދަ އެކުވެރިންނަކީ ދުނިޔަވީ ވަގުތީ މަންފާއަކަށްޓަކައި ތިބާގެ އަތުގައި ހިފާ މީހުންނެވެ. ކެޔޮގަނޑު ކަނޑައިލުމުން ގަހުގެ ބޭނުން ނެތުނީ އެވެ ބުނާ ފަދައިން މަޤުޞަދު ޙާސިލްވުމުން ތިބާގެ ބޭނުން ވެސް ކެނޑިދާނެއެވެ. އަދި ތިބާއާ މެދު ހަސަދަވެރިވާ ޢަދާވާތްތެރިންގެ ސަފުގައި އެބަޔަކު ވާތަން ފެންނާނެއެވެ. ޙަޤީޤީ އެކުވެރިކަމަކީ ﷲ އަށްޓަކައި ވެވޭ އެކުވެރިކަމެވެ. ހެޔޮކަންކަމަށް އެކަކު އަނެކަކަށް ހިތްވަރުދީ ބާރުއެޅުމެވެ. އެނޫން އަސާސެއްގެ މައްޗަށް އުފެދޭ ކޮންމެ ގުޅުމަކާ ދުރުހެލިވާށެވެ.
ލޮބުވެތި ބެލެނިވެރިންނޭވެ! ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރާށެވެ. ހެޔޮލަފާ އެކުވެރިން އިޙްތިޔާރު ކުރުމުގައި އެކުދިންނަށް އެހީތެރިވާށެވެ. ގޯސް މަގަކުން ހިނގައިދާނެހެން ހީވާނަމަ ދުރައިލާ އެކަމަށް ފިޔަވަޅު އަޅާށެވެ. މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ގެ ޙަދީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ. “ކޮންމެ މީހަކީވެސް ބެލެހެއްޓުން ތެރިއެކެވެ. އަދި އެމީހެއްގެ ބެލެހެއްޓުމުގެ ދަށުގައިވާ ކަންކަމާ ބެހޭ ގޮތުން، ސުވާލު ވެވޭނެއެވެ. ތަރުބިއްޔަތުގެ މަރުޙަލާގައި ދަރިފުޅުގެ އުޅުމާއި ގުޅުންތަކަށް ފާރަވެރިވުމަކީ، އެކުދިންނަށް ޖާސޫސު ކުރުމެއް ނޫނެވެ. އަދި އެއީ ދަރިފުޅަށް އިތުބާރު ނުކުރުމެއް ވެސް ނުމެ ނޫންމެވެ. އެހެނަކުންނޫނެވެ! އެއީ ބެލެނިވެރިންގެ މައްޗަށްވާ ޒިންމާ ފުރިހަމައަށް އަދާ ކުރުމެވެ.
މައުލޫމާތު: الشَيْخ حَارِث زَاهِر / ދީނުގެމަގު

