ސްޓޫޑެންޓް ލޯނަށް ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނުދޫކުރުމަށް ރައީސް ނިންމަވައިފިއެވެ.
މިކަން އިޢުލާންކުރެއްވީ މިހާރު ކުރިއަށްދާ އަހާ ފޯރަމްގެ ތެރެއިން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ މަރްޔަމް މާރިޔާއެވެ.
މިރޭގެ ފޯރަމްގެ ތެރެއިން ގަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައްސަލަ ތިން އަހަރު ދުވަހުގެ ތެރޭގައި ހައްލުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވަނީ ވިދާޅުވެފައެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ، ރާއްޖޭގައި ތިބި ބިދޭސީންގެ ޖުމްލަ އަދަދު އަދިވެސް ކަށަވަރު ނުކުރެވޭ ކަމަށާއި އެހެންކަމުން އެކަން ހައްލު ކުރުމަށް އެއް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ އިނގިލީގެ ނިޝާން ނަގައި ވޯކް ޕާމިޓްތަކާ ދިމާކުރުމުގެ މަސައްކަތް ފަށަން ނިންމާފައިވާ ކަމަށެވެ. އެގޮތުން 2 މެއިގައި ކ. ހިންމަފުށީގައި މި މަސައްކަތް ފަށާއިރު ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި މުޅި ރާއްޖޭގައި އެ މަސައްކަތް ފެށިގެން ކުރިއަށްދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

