ރާއްޖޭގެ ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައި މިއަހަރު ޑައިލަސިސްގެ ޚިދުމަތް ފެށުމަށް ހަމަޖައްސައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު މިއަދު ދެއްވަމުން ހެލްތު މިނިސްޓްރ ޑރ. ޚަލީލްއެވެ.
ރައްޔިތުންގެ މަޖިލިހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމްގެ ސުވާލަށް ޖަވާބު ދެއްވަމުން ޑރ. ޚަލީލު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުންދަނީ މައި ހޮސްޕިޓަލަށް އޮތް ޑިމާންޑް ކުޑަކުރުމަށް ކަމަށެވެ. އެގޮތުން އަތޮޅު އަދި ރީޖަނަލް ހޮސްޕިޓަލް ފެންވަރު ރަގަޅުކޮށް އާ ޚިދުމަތްތައް ފެށުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަމުގައި އޭނާ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ރީޖަނަލް ހޮސްޕިޓަލްތަކުގައި މީގެ ކުރިން ނުލިބޭ އެމްއާރުއައި، ސީޓީ ސްކޭން އަދި ޑައިލިސިސް ފަދަ ހިދުމަތްތައް ދިނުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުން ކަމަށް މިނިސްޓަރ ހަލީލު ވަނީ ވިދާޅުވެފައެވެ.
“އަޅުގަނޑުމެން މި ބަލަނީ މި އަހަރުގެ ތެރޭގައި ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައި ޑައިލިސިސްގެ ހިދުމަތް ފެށިގެން ދާނެ ކަމަށް. ހަމައެއާއެކު، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި ތިނަދޫގައި ހުރި ރީޖަނަލް ހޮސްޕިޓަލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، މި ތަންތަނުގައި ހިދުމަތް ރަނގަޅުކުރުމަށްޓަކައި ހާއްސަ ޕްލޭނެއްގެ ދަށުން މަސައްކަތްތައް ކުރިއަށް އެބަ ގެންދަން.” މިނިސްޓަރ ހަލީލު ވިދާޅުވި އެވެ.
ޚަލީލު ވިދާޅުވީ މި ޚިދުމަތްތައް ފެށިގެން ދިއުމުން ބޭސްފަރުވާއަށް ރަށްރަށުން މާލެ އަންނަންޖެހޭ މީހުންގެ އަދަދު މަދު ކުރެވިގެންދާނެ ކަމުގައެވެ.
ރާއްޖޭގައި ޑައިލަސިސްގެ ޚިދުމަތް މިހާރު ލިބޭ ތަންތަނުގެ ތެރޭގައި އައިޖީއެމްއެޗާއި ހުޅުމާލެ އަދި ވިލިމާލެ ހޮސްޕިޓަލްގެ އިތުރުން ރީޖަނަލް ގިނަ ހޮސްޕިޓަލްތަކާއި ފުވައްމުލަކު އަދި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި ބ. އޭދަފުށި އަދި ޅ. ނައިފަރުގެ އަތޮޅު ހޮސްޕިޓަލްތައް ހިމެނެއެވެ.

