ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ހައްޖު ދަތުރުތަކުގެ އަގުހެޔޮ ކުރުމުގެ މަސައްކަތް ހައްޖު ކޯޕަރޭޝަނުން ފަށާފައިވާ ކަމަށް ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލު ވިދާޅުވެއްޖެއެވެ.
އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ޝަކީލު ވިދާޅުވީ ހައްޖު ފަންޑުގެ ނަމުގައި ހާއްސަ ފަންޑެއް ގާއިމުކޮށް ހައްޖަށް ދިއުމަށް ރައްޔިތުންކުރާ ހޭދަ ކުޑަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ.
އެކިއެކި އިންވެސްޓްމަންޓްތައް، ހައްޖު ފަންޑުން ކޮށް ކުންފުންޏަށް އާމްދަނީ ލިބޭނެ އިތުރު ގޮތްތައް ހޯދައި، މާލީ ގޮތުން ވަރުގަދަ ކުންފުންޏަކަށް ހައްޖު ކޯޕަރޭޝަން ހަދައި ހައްޖަށް ދިއުމަށް ދިވެހި ރައްޔިތުން ކުރާ ހޭދަ ކުޑަކުރުމަށް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓްތަކާއެކު ހައްޖު ކޯޕަރޭޝަނުން ހައްޖު ދަތުރުތަކުގެ އަގުހެޔޮ ކުރުމުގެ މަސައްކަތް ފަށައިފި ކަމަށް ޝަކީލު ވަނީ ވިދާޅުވެފައެވެ.

އިސްލާމިކްމިނިސްޓަރާއި ހައްޖުކޯޕަރޭޝަނުގެ އިސްބޭފުޅުން
"ހައްޖު ފަންޑުން އެކިއެކި އިންވެސްޓްމަންޓްތައް ކޮށް ކުންފުންޏަށް އާމްދަނީ ލިބޭނެ އިތުރު ގޮތްތައް ހޯދައި، މާލީ ގޮތުން ވަރުގަދަ ކުންފުންޏަކަށް ހައްޖު ކޯޕަރޭޝަން ހަދައި ހައްޖަށް ދިއުމަށް ދިވެހި ރައްޔިތުން ކުރާ ހޭދަ ކުޑަކުރުމަށް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓްތަކާއެކު ހައްޖު ދަތުރުތަކުގެ އަގުހެޔޮ ކުރުމުގެ މަސައްކަތް ހައްޖު ކޯޕަރޭޝަނުން ފަށައިފިން." ޝަކީލު ވިދާޅުވިއެވެ.
ކުރިއަށް އޮތް ތަނުގައި ހައްޖު ކޯޕަރޭޝަނަށް ގެންނަ ބަދަލުތަކާއެކު ރާއްޖެއިން ހައްޖާއި އުމްރާއަަށް ގެންދިޔުމުގެ އަގުކުޑަ ކުރައްވާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އަދި ޙައްޖުގެ އަގު ކުޑަކުރުމަށް އިސްލާމިކް މިނިސްޓްރީއިންވެސް ސަރުކާރާ ހަވާލުވުމާ އެކުވަނީ މަސައްކަތްތަކެއް ފަށާފައެވެ.
މިގޮތުން ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމުގެ ހުރިހާ ކޯޓާއެއް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާ ހަވާލުކުރުމަށް ނިންމައި، އިސްލާމިކް މިނިސްޓްރީގައި މިކަމާ ގުޅުންހުރި އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

