ޓެކްނިކަލް މައްސަލަތަކެއް ދިމާވެގެން ވިނަރެސް އެޕާޓްމެންޓަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ގެއްލިފައިވާ ކަމަށް އެޗްޑީސީން ބުނެފިއެވެ.
އެޗްޑީސީން ބުނީ ނޮވެމްބަރ 2023 ގައި އޮންލައިން ޕޯޓަލް މެދުވެރިކޮށް ވިނަރެސް މަޝްރޫއިން އެޕާޓްމަންޓް ގަތުމަށް ހުޅުވާލި ފުރުސަތުގައި ފޯމް ހުށަހެޅުމަށް ޓެކްނިކަލް މައްސަލަތަކެއް ދިމާވެފައި ވާތީ، އެޕްލިކޭޝަން ތައް ވަނީ ބާތިލް ކުރެވިފަ ކަމަށެވެ.
މިގޮތުން އޮންލައިން ޕޯޓަލް މެދުވެރި އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ޓެކްނިކަލް މައްސަލަތަކެއް ދިމާވެ ފޯމު ހުށަހެޅުމުގައި ދިމާވި ދަތިތައް ބަޔާންކޮށް ގިނަ ޝަކުވާތަކެއް ވަނީ ހުށަހެޅިފައިވާ ކަމަށްވެސް ބުނެފައިވެއެވެ. އަދި ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ބެލިބެލުމުން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގައި ޓެކްނިކަލް މައްސަލަތަކެއް ދިމާވެފައިވާކަން އެ ކޯޕަރޭޝަނަށް ފާހަގަކުރެވިފައި ވާތީ، އެކަމާގުޅިގެން ގިނަ ބަޔަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ގެއްލިފައި ކަމަށް އެޗްޑީސީން ބުނެއެވެ.
މި މައްސަލަ ދިމާވެފައިވަނީ 5 ނޮވްމެބަރ 2023 ވަނަ ދުވަހު ހުޅުވާލި ފުރުސަތުގައި ހުށަހެޅި އެޕްލިކޭޝަނަތަކުގައި ކަމަށްވެސް އެޗްޑިސީން ވަނީ ފާހަގަކޮށްފައެވެ.
“ހުޅުމާލޭގައި ފްލެޓް އިމާރާތް ކުރުމަށް ފަށާފައިވާ އެކިއެކި މަޝްރޫއުތަކުން އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކައި، އެހެންނަމަވެސް ތަފާތު ސަބަބުތަކާ ހުރެ މަޝްރޫއު ކުރިއަށް ނުގޮސް ހުއްޓިފައި ވުމުން ބޯހިޔާވަހިކަމެއް ލިބިފައިނުވާ ގިނަ ފަރާތްތަކެއްގެ ޝަކުވާ މި ކޯޕަރޭޝަނަށް ތަކުރާރުކޮށް ދަނީ ލިބެމުން. އަދި އެ ފަރާތްތަކަށް ބޯހިޔާވަހިމެއް ހޯދައިދިނުމަށް މިހާރުގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ވިނަރެސް މަޝްރޫއުގެ ތެރެއިން ފުރުސަތު ތަނަވަސްވާ މިންވަރަކުން ހައްލު ހޯދައި ދިނުމަށް މަސައްކަތް ކުރަމުން. “އެޗްޑީސީ
ސަރުކާރުގެ އަމާޒާ އެއްގޮތަށް ބޯހިޔާވަހިކަމުގެ އިތުރު ފުރުސަތު ތަނަވަސްކޮށް، މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލުހޯދައި ދިނުމަކީ އެ ކޯޕަރޭޝަނުގެ އަމާޒެއް ކަމަށާއި، ވިނަރެސް އެޕާޓްމަންޓް ވިއްކުމުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަން މަސައްކަތް ކުރާ ކަމުގެ ޝަކުވާ އެ ކޯޕަރޭޝަނަށް ލިބިފައި ވާތީ، އެފަދަ ކަންކަމަށް ސަމާލުވުމަށް ވެސް ހުރިހައި ފަރާތްތަކަށް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

