ވެމްކޯގެ އޮޕަރޭޝަންތަކުގައި ޕްލާސްޓިކް ކުނި މެނޭޖު ކުރުމަށް ހާއްސަ އުޅަނދުތަކެއް އިތުރުކޮށް، މާލެ ސަރަހައްދުގެ ކުނި މެނޭޖު ކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށްފި އެވެ.
ވެމްކޯގެ ފްލީޓަށް އީވީ އިތުރުކުރުމަކީ ޕީއީޓީ ކުނި ރީސައިކަލް ކުރުން ހަރުދަނާ ކުރުމުގެ އިތުރަށް، ކާބަން އެމިޝަންސް ދަށްކުރުމާއި ކުނި މެނޭޖްކުރުމުގެ މަސައްކަތްތަކަށް އިޔާދަކުރަނިވި ހަކަތަ ފުޅާކުރެވޭނެ ބަދަލެއް ކަމަށް ވެމްކޯއިން ބުނެއެވެ.
ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލު ވިދާޅުވީ މިފަދަ އީކޯ-ފްރެންޑްލީ އުޅަނދުތަކަކީ ވެމްކޯއަށް ގެނެވޭ ބޮޑު ބަދަލެއް ކަމަށާއި މިއީ ރާއްޖޭގެ ކުނި މެނޭޖުކުރުން ޒަމާނީ ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.
ޖަލީލު ވިދާޅުވީ މިފަދަ އެއްބަސްވުންތަކުގެ ސަބަބުން ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތުގައި މާނަހުރި މަސައްކަތްތަކެއް ކުރެވޭނެކަން އެނގިގެންދާ ކަމަށާއި މި އުޅަނދުތަކާ އެކު ތިމާވެއްޓާއި އެ ކުންފުނީގެ އޮޕަރޭޝަންތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށެވެ.
ކުނި މެނޭޖު ކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އުޅަނދުތައް ވެމްކޯއާ ހަވާލުކުރީ، 18 މާޗު 2024ގައި އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)އިންނެވެ. އެކަމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނީ ދަ ކޮކާ-ކޯލާ ފައުންޑޭޝަން (ޓީސީސީއެފް) އެވެ.
ވެމްކޯގެ ފްލީޓަށް އިތުރުކުރި އުޅަނދުތަކުގެ ތެރޭގައި ދެ އިލެކްޓްރިކް ވެހިކަލް (އީވީ)އާ އެކު ޖުމްލަ ހަ އުޅަނދު ހިމެނެ އެވެ. މި އުޅަނދުތަކުގެ އެހީއާ އެކު މާލެ ސަރަހައްދުގައި ޕީއީޓީ ކުނި އެއްކުރުމާއި ޖުމްލަކޮށް މުޅި ރާއްޖޭގެ ޕްލާސްޓިކް ކުނީގެ މައްސަލައާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުންތަކެއް ލިބޭނެއެވެ.

