މީސް މީޑިއާގައި އަދި ފޯނު މެދުވެރިކޮށް ކާކުކަން ދެނެނުގަނެވޭގޮތަށް ފޮރުވިގެން ތިބެ ރާއްޖޭގެ ބައެއް މީޑިއާތަކަށް ބަޔަކު އިންޒާރުދެމުންދާތީ، ދިވެހި ސަރުކާރުން މި ޢަމަލު ކުށްވެރިކޮށްފިއެވެ.
ދިވެހި މީޑިއާތަކާ ނޫސްވެރީންގެ ޙިމާޔަތުގައި ދިވެހި ސަރުކާރުން ފުރިހަމަ ސަމާލުކަމާއެކު މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދިވެހި އެންމެހާ ރައްޔިތުންނަށާ މީޑިއާތަކަށް ސަރުކާރުން ވަނީ އަރުވަމެވެ.
“ފޮރުވިގެންތިބެ ނޫސްވެރީންނަށާ މީޑިއާތަކަށް އިންޒާރުދެމުންދާތީ އެކަމުގެ ތަޙްޤީޤް ދިވެހި ފުލުހުންގެ އިދާރާއިން މިހާރު ވަނީ ފަށާފަ. އެކަން އެކުރާ ބަޔަކު ދެނެގަތުމަށް ފުލުހުންނަށް ލިބިފައިވާ ހުރިހާ ވަސީލަތަކާ ޤާބިލްކަމެއްގެ ބޭނުންކޮށްގެން މަސައްކަތްކުރަމުންދާނަން.” ރައީސް އޮފީސް
އެއްވެސް މީޑިއާއަކަށް ނުވަތަ ނޫސްވެރިއަކަށް ބިރުދެއްކުމުގެ އެއްވެސް ޢަމަލެއް އެއްވެސް ފަރާތަކުން ހިންގަމުންދާނަމަ، ނުވަތަ އެފަދަ ކަމެއް ކުރަން އުޅޭކަމުގެ މަޢުލޫމާތެއް ލިބިވަޑައިގެންފައިވާ ނަމަވެސް ޤައުމީ މަޞްލަޙަތު އިސްކުރެއްވުމުގެ ޒިންމާ ކޮންމެ ދިވެހި ރައްޔިތަކުވެސް އަދާކުރައްވައި، އެކަން ފުލުހުންނަށް އަވަހަށް ރިޕޯޓްކުރެއްވުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.
ނޫސްވެރީންގެ އަޑުއަހައި، މީޑިއާތަކުގެ މަސައްކަތް ކުރިއަރުވައި، ޒިންމާދާރުކަމާއެކު ޚަބަރާ މަޢުލޫމާތު ފެތުރުމަށް ފުރުޞަތު ދިނުމަކީ މި ސަރުކާރުން އަބަދުވެސް ނަގަހައްޓާނޭ ސިޔާސަތެއް ކަަމަށާއި، އަދި ނޫސްވެރިންނަށާ މީޑިއާތަކަށް ބިރުދައްކައި، ޤައުމުގެ އަމްނަށް ނުރައްކާވާނެގޮތަށް ކުރާ ކޮންމެކަމެއް ހުއްޓުވައި ދިވެހި މުޖްތަމަޢުގެ މަސަލަސްކަމާ ހަމަޖެހުން ހިފެހެއްޓުމުގައި ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާއަކުންވެސް ވަފާތެރިކަމާ އިޚްލާޞްތެރިކަމާއެކު ރެޔާދުވާލު މަސައްކަތްކުރަމުން ގެންދާނެ ކަމަށްވެސް ބުނެފައި ވެއެވެ.

