އުމުރުން 75 އަހަރުވުމާއި ހަމަޔަށް ސަރުކާރަށް ހިދުމަތް ކުރެވޭނެ ގޮތް ހަމަޖައްސައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެހެން ވިދާޅުވީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައެވެ. އެ ހިތާބުގައި ރައީސް ވިދާޅުވީ، ސިވިލް ސާވިސް އަދި ސިއްހީ ހިދުމަތްފަދަ މުހިންމު މައިދާންތަކުގައި އަވަދިނެތިވެ އުޅުމަށްފަހު، މަސައްކަތާ ދުރަށް ދާން ޖެހިފައިވާ އެތައް ހިދުމަތްތެރިއަކަށް އަލުން ސަރުކާރުގައި މަސައްކަތްކުރުމުގެ ފުރުސަތު ފަހިކޮށްދެއްވަމުންދާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، 65 އަހަރުވުމުން ރިޓަޔާ ނުވަތަ މަސައްކަތުން މުސްކުޅި ކުރާ އުސޫލަށް ބަދަލު ގެނެސް، 75 އަހަރުވަންދެން ހިދުމަތް ކުރެވޭނެ ގޮތް ހަމަޖެއްސައިދެއްވާނެ ކަމަށެވެ.
“ސިވިލް ސާވިސް އަދި ސިއްހީ ހިދުމަތް ފަދަ މުހިންމު މައިދާންތަކުގައި އަވަދިނެތިވެ އުޅުއްވުމަށްފަހު، މަސައްކަތާ ފެޔަށްޖެހިވަޑައިގެންފައިވާ އެތައް ހިދުމަތްތެރިއަކަށް އަލުން ސަރުކާރުގައި މަސައްކަތްކުރެއްވުމުގެ ފުރުސަތު މިދަނީ ފަހިކޮށްދެމުން. އުމުރުން 65 އަހަރުވުމުން ވަޒީފާއިން މުސްކުޅިކޮށް ގޭގައި ބަހައްޓާ އުސޫލަށް ބަދަލުގެނެސް، އުމުރުން 75 އަހަރުވުމާ ހަމަޔަށް ސަރުކާރުގައި ހިދުމަތްކުރެވޭނޭ ގޮތް އިރާދަކުރެއްވިއްޔާ ހަމަޖައްސައިދޭނަން.” ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމައުން ހަވާސާވިޔަނުދީ، އެކަށޭނެ މަސައްކަތްތަކެއް ކުރުމާއި ރަނގަޅު އުޖޫރައެއް ލިބުމުގެ ފުރުސަތު މިހާރު ހޯދައިދެމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.
ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެމުން ދަނީ، ދައުލަތަށް އާމްދަނީ ލިބެމުންދާ މިންވަރަކުން މަސައްކަތްތެރި އަމިއްލަ ކުންފުނިތަކަށާއި ފަރުދުންނަށް ދައްކަން އޮތް ބޮޑު ދަރަނި އަދާކުރަމުން ދިޔުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މަސްވެރީންނަށް ސަރުކާރުން ނުދީ ހުރި އެތައް މިލިއަން ރުފިޔާއެއްދީ، ގައުމުގެ އިގްތިސޯދީ ލޭނާރު ހިމާޔަތް ކުރުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ތަރައްގީއަށާއި އެކި ދާއިރާތަކުން ގައުމަށް ލިބެމުންދާ ކުރިއެރުމުގެ އެންމެ ބޮޑެތި ހިއްސާދާރުންނަކީ މަސައްކަތްތެރިން ކަމަށް ރައީސް ވިދާޅުވިއެވެ. މަސައްކަތްތެރީންގެ ރެޔާއި ދުވާލުގެ ހިންމަތާ ނުލައި، މި ގައުމުގެ ކުރިމަގަށްޓަކައި ކުރާ އެއްވެސް އުންމީދެއް ހަގީގަތަކަށް ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

