އިރުމަތީ އެފްރިކާގެ ޤައުމެއް ކަމުގައިވާ ކެންޔާއަށް ބޯކޮށް ވާރޭވެހުމާ ގުޅިގެން ފެންބޮޑުވެ، ހިނގި އެކި ހާދިސާތަކުގައި މަރުވި މީހުންގެ ޢަދަދު 120އަށް އަރައިފިއެވެ.
ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެއް ރަށަކީ ކެންޔާގެ ދެކުނުގައި އޮންނަ މައި މަހިޔޫއެވެ. އެ ރަށުގެ ތެރެއިން ދެމޭ ކޯރެއްގައި ބިނާ ކޮށްފައިވާ ވޯޓާ ޑޭމެއް ހަލާކުވެ، ފެންގަނޑު ރަށުތެރެއަށް ފެތުރުމާ ގުޅިގެން 40 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ކެންޔާގެ ފުލުހުން ބުނީ މައި މަހިޔޫގައި ހިނގި ހާދިސާގައި މަރުވި 42 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށާއި، އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ ކުޑަކުދިން ހިމެނޭ ކަމަށެވެ. މި ހާދިސާގައި މަރުވި ކަމަށް ބެލެވޭ އިތުރު މީހުންގެ ހަށިތައް ހޯދަން މަސައްކަތް ކުރަމުންދާ ކަމުގައި ވެސް ފުލުހުންނާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
ކެންޔާގެ ރެޑް ކްރޮސުން ބުނީ، އެ ސަރަޙައްދުގައި ހާލުގައި ޖެހިފައިވާ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ. ކެންޔާއަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ހާދިސާތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން އެ ޤައުމުގެ ސަރުކާރު ވަނީ ނުކުޅެދިފައެވެ.
ކެންޔާގެ ސަރުކާރުން ބުނީ، ފެންބޮޑުވުމާ ގުޅިގެން 131,000 އެއްހާ މީހުންގެ ގެދޮރު ނެތިފައިވާ ކަމަށެވެ. ފެންބޮޑުވުމާ ގުޅިގެން ޢާންމުންގެ ގެދޮރުގެ އިތުރުން މަގުތަކާއި ބުރިޖުތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ވިއްސާރައިގެ އަސަރު ކެންޔާގެ ވެރިރަށް ނައިރޯބީއަށް ވެސް ކުރަމުންދާއިރު، ނައިރޯބީގެ ބައިނަލްއަޤުވާމީ ވައިގެ ބަނދަރަށް ވެސް ވަނީ ގެއްލުންވެފައެވެ. އަދި، ވައިގެ އުދުހުންތަކަށް ވެސް ވަނީ ހުރަސް އެޅިފައެވެ.
މި ވިއްސާރައާ ގުޅިގެން، ކެންޔާގެ ސަރުކާރުން ވަނީ ސްކޫލް ޗުއްޓީ އިތުރަށް ދަންމައިލާފައެވެ. ކެންޔާގެ ތަޢުލީމާ ބެހޭ ވުޒާރާއިން ބުނީ، ފެންބޮޑުވުމާ ގުޅިގެން ގިނަ ޢަދަދެއްގެ މަދަރުސާތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި، އެ ތަންތަނުގައި ކިޔަވައިދޭން ފެށޭނީ މަރާމާތަށް ފަހުގައި ކަމަށެވެ.
ކެންޔާގެ މޫސުމާ ބެހޭ އިދާރާއިން ބުނީ މޭ މަހުގެ ކުރީކޮޅު ވެސް އެ ޤައުމުގެ އެކި ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ކެންޔާގެ އިތުރުން އިރުމަތީ އެފްރިކާ ބައްރުގެ ގިނަ ޤައުމުތަކަށް ވަނީ މޫސުން ގޯސްވެފައެވެ. އަދި، އެ ސަރަޙައްދުގެ ގިނަ ޤައުމުތަކަށް ބޯކޮށް ވާރޭވެހެމުން ދިޔުމާ އެކު، އެ ޤައުމުތަކަށް ވަނީ ފެންބޮޑުވުމާ ކުރިމަތިލާން ޖެހިފައެވެ.

