ސަރުކާރުގެ މިހާރުގެ ސިޔާސަތުތަކާ އެއްގޮތަށް އީ-ވޮލެޓާއި، ބައިނަލްއަޤްވާމީ މާލީ މުޢާމަލާތްތައް ފަސޭހައިން ކުރެވޭނެ ޕޭމަންޓް ގޭޓްވޭގެ ޚިދުމަތް ރާއްޖެއަށް ތަޢާރަުފުކުރެވުމާއި އެކު މި ހިދުމަތް ފަސޭހައިން ލިބޭނެ ގޮތް ވެގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި މީޑިއާތަކަށް ފޮނުއްވި ހިތާބުގައެެވެ.
ދިވެހިރާއްޖޭގައި ހިނގަމުންދާ އިޤްތިޞާދީ މަސައްކަތްތައް ފުޅާކޮށް، އައު ބާވަތްބާވަތުގެ މަސައްކަތްތައް ފަށައި، އައު އިންވެސްޓްމަންޓްތައް ކުރުމަށް 5 އަހަރުގެ މި ދައުރުގައި ބޮޑު އިސްކަމެއް ދޭނެ ކަމަށާއި، ޓޫރިޒަމް ފުޅާކޮށް، މަސްވެރިކަމާއި ދަނޑުވެރިކަން އިތުރުކޮށް، ޓްރާންޝިޕްމަންޓް ޚިދުމަތް ފަދަ ކަންކަން ތަޢާރުފުކޮށް، ދަތުރުފަތުރުގެ ޚިދުމަތް ހަރުދަނާކުރުން ފަދަ ކޮންމެ ކަމަކުން އިތުރު ވަޒީފާތައް އުފެދާދޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެ ސަބަބުން ލިބޭ އާމްދަނީ މަތިވަމުންދާނެ ކަމަށާއި، އަދި ބޮޑެތި ޤައުމުތަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ހެދި ތަންފީޒުވާން ފެށުމުންނާއި، ސަރުކާރުގެ މިހާރުގެ ސިޔާސަތުތަކާ އެއްގޮތަށް އީ-ވޮލެޓާއި، ބައިނަލްއަޤްވާމީ މާލީ މުޢާމަލާތްތައް ފަސޭހައިން ކުރެވޭނެ ޕޭމަންޓް ގޭޓްވޭގެ ޚިދުމަތް ރާއްޖެއަށް ތަޢާރަުފުކުރެވުމުން، ދިވެހި އުފެއްދުންތަކަށާއި ހުނަރުތަކަށް ބައިނަލްއަޤްވާމީ މާރުކޭޓުތަކުން ފުރުޞަތު ލިބިގެންދާނެ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
ދިވެހި މަސައްކަތްތެރީންނާ ހުނަރުވެރީންނަށް ޤައުމުގައި ތިބެގެން ބޭރު ފައިސާއިން ސީދާ އާމްދަނީ ހޯދޭނެ މަގު ފަހިވާނެ ކަމަށާއި، އެހެންކަމުން މިކަންކަން އަވަހަށް ކުރެވޭތޯ ސަރުކާރުން މިދަނީ ހުއްޓުމެއްނެތި މަސައްކަތްކުރަމުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ މިދަނީ މަސައްކަތްތަކާއެކު ދިވެހި މަސައްކަތްތެރީންނަށް އުޖާލާ ކުރިމަގު ހޯދައިދިނުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

