މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯ އަށް އާމްދަނީގެ ގޮތުގައި 4.5 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
އެސްޓީއޯއިން ބުނެފައިވަނީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖުމްލަ އާމްދަނީގެ ގޮތުގައި 4.5 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާ ބަލާއިރު 12 އިންސައްތައިގެ ކުރިއެރުމެެއް ކަމަށް އެސްޓީއޯއިން ބުނެއެވެ.
ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކުންފުނިން ވިއްކި ތެލުގެ އަދަދު އިތުރުވުމާއި ކުންފުނިން ކުރަމުންގެންދާ އެހެނިހެން ވިޔަފާރި ރަނގަޅު ވެފައިވުން ކަމަށް އެސްޓީއޯއިން ބުނެއެވެ. އާމްދަނީ އިތުރުވުމާއިއެކު ޖުމްލަ ފައިދާގެ ގޮތުގައި 617 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި މިއީ މީގެ ކުރީ ކުއާޓަރާއި އަޅާ ބަލާއިރު 18 އިންސައްތައިގެ ކުރިއެރުމެއް ކަމަށް އެސްޓީއޯއިން ބުނެއެވެ.
ކުންފުނީގެ ޕްރޮވިޝަންސް އިތުރުވުމާއިއެކު ވިޔަފާރި ކުރުމުގެ ހަރަދު އިތުރުވީ ނަމަވެސް ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވުމާއި ހިންގުމުގެ ހަރަދު ކުޑަކުރެވުމާއިއެކު ފުރަތަމަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 308 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ. މިއީ މީގެ ކުރީ ކުއާޓަރާއި އަޅާ ބަލާއިރު 19 އިންސައްތައިގެ ކުރިއެރުމެއް ކަމަށް އެސްޓީއޯއިން ބުނެއެވެ.
ޓެކުހަށް ކެނޑުމުގެ ކުރިން މިދިޔަ ކުއާޓަރުގެ ފައިދާއަކީ 235 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ ކުއާޓަރ އާއި އަޅާބަލައި 46 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ ވެސް މައިގަނޑު ސަބަބަކީ ކުންފުނިން ކުރަމުންގެންދާ ވިޔަފާރިތައް ރަނގަޅުކުރެވި ޖުމްލަ ފައިދާ އިތުރުކުރެވިފައި ވުމާއިއެކު، ހިންގުމުގެ ހަރަދު ކުޑަކުރުން ކަމުގައި ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި ވަނީ 195 މިލިއަން ރުފިޔާ ލިބިފައެވެ.

