އާއިލާއާއި މުޅިރަށުގެ ރައްޔިތުން ކަންބޮޑުވެފައި!
ކުއްޖާ ވީ ހާލެއް، ވީ ގޮތެއް ނޭނގިގެން މައިންބަފައިން ހާލެއް ނެތިފައި! ނުހަނު ހިތާމަހުރި ކަމެއް!
މ. އަތޮޅު ރަށެއްގައި އަޅާފައި އޮތް ރިސޯޓެއްގެ ލޯންޗެއް ވަގަށް ނަގައިގެން، ކުޑަ ފިރިހެން ކުއްޖަކު، އެކަނި މާލެ ހިނގައްޖެ ކަމަށް އެ ރަށުގެ ކައުންސިލުން މިއަދު ބުނެފި އެވެ.
މިއީ ކުޑަކުއްޖަކާ ގުޅުން ހުރި ކަމަކަށް ވާތީ މި ކުއްޖާގެ ނަމާއި އަދި މިރަށުގެ މައުލޫމާތުވެސް ހާމަނުކުރީ ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުންނެވެ.
ހުވަދޫ ނޫހުން އެރަށުން މައުލޫމާތު ހޯދުމުން އެނގުނީ މި ކުއްޖާ މާލެ އައީ އެކުއްޖާ ރައްޓެހިވެގެން އަށް އެނގިފައިވާ ގޮތުގައި ކުއްޖާ މާލެ އައީ "ލޯބިވެރިޔާއާ" ބައްދަލުކުރާށެވެ.
ސިނަމަން ހަކުރާ ހުރާ ރިސޯޓުގެ ލޯންޗުފައި އައު އިންޖީނެއް އަޅައިގެން ރޭގައި، ޓެސްޓު ކޮށްލުމަށް ދުއްވާފައި، އެލޯންޗު މީމު އަތޮޅުގެ މި ދަންނަވާ ރަށުގައި ރޭގައި މަޑުކުރި ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. ލޯންޗު ބަނދަރުގައި އަޅާފައި ކެޕްޓަން ދިޔައީ ރަށުތެރެއަށް ކަމަށާއި ލޯންޗު ފަޅުގައި ނެތްކަން ކެޕްޓަނަށް އެނގުނީ ހެނދުނު ބަނދަރަށް ދިއުމުން ކަމަށްވެއެވެ.
މި ލޯންޗު ބަނދަރުގައި އޮއްވާ ކުރިން މި ދެންނެވި ސާދައަހަރުގެ ކުޑަފިރިހެންކުއްޖާ ލޯންޗު ނަގައިގެން ދިޔަކަން މި އެނގުނީ، އެލޯންޗު ގެއްލުނުތާ މާގިނަ އިރެއްނުވެ ކުޑަކުއްޖާ ގެއްލިގެން ރިޕޯޓް ކުރުމުން ކުއްޖާ ހޯދުމަށް މަސައްކަތް ފަށައިގެން އުޅެނިކޮށް މީހަކު އައިސް ދިން މައުލޫމާތަކުން ކަމަށް އެރަށުން ކިޔައިދިން މީހަކު ބުންޏެވެ. ނަން ހާމަނުކުރުމަށް އެދި އެރަށުގައި އުޅޭ ގާތް އެކުވެރިއަކު ބުނީ އެކުއްޖާ ގެއްލިގެން އުޅޭކަމަށް އާއިލާއިން ރިޕޯޓް ކުރީ ލޯންޗު ގެއްލިގެން އުޅެނިކޮށް ކަމަށެވެ.
އެރަށުން ކިޔައިދިން ފަރާތުން ބުނީ، އެ ހޯދަން ދިޔަ މީހުން ކައިރީގައި މީހަކު ބުނީ ލޯންޗު ހުޅުމާލެ ފެރީޓާމިނަލުން ފެނިއްޖެއޭ، އެ ލޯންޗުން ގެއްލިގެން އުޅޭ ސޮރު ފައިބައިގެން ދާތަންވެސް ފެނުނުކަމަށް ބުނި ކަަމަށެވެ.
ރަށު ކައުންސިލް ރައީސް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވަނީ މިއަދު ހެނދުނު ނުވައެއް ޖަހާ އެހައިކަށްހާއިރު ހުޅުމާލެއަށް މި ކުޑަކުއްޖާ ލޯންޗުން ފޭބި ކަމަށާއި ފޭބީ ތޮށިގަނޑުގައި އުޅަނދު ނުވެސް އައްސައި، އިންޖީނު ވެސް ނިއްވާނުލައި ކަމަށާއި އޭގެ ސަބަބުން އުޅަނދަށް ވެސް އެކިވަރުގެ ގެއްލުންތައް ލިބުނު ކަަމަށެވެ.
ކުއްޖާ މާލެ ދިޔައީ ކުއްޖާގެ އައިޑީކާޑާއި މަންމަގެ ފޯނުވެސް އަދި ބައެއް އަންނައުނުފަދަ ތަކެތިވެސް ދަބަހަކަށް އަޅައިގެންނެވެ. އެރަށުން ވާހަކަދެއްކި މީހާގެ އިތުރުން ރަށު ކައުންސިލް ރައީސްވެސް މި ފަނަރައަހަރުގެ ކުއްޖާގެ އެކުވެރި ރަހުމަތްތެރިންގެ ފަރާތުން ލިބުނު މައުލޫމާތުން އެނގިފައިވާ ގޮތުގައި މި ކުޑަ ކުއްޖާ މާލެ ގޮސްގެން މިއުޅެނީ އެ ކުއްޖާގެ ލޯބިވެރިޔާއާ ބައްދަލުކުރަން ކަމަށެވެ.
(މިއީ ކުޑަކުއްޖަކާ ގުޅޭ ގޮތުން މުހާތަބުކޮށް މުއާމަލާތު ކުރަން އެއްގޮތަކަށްވެސް އެދޭފަދަ ބަސްތަކެއް ނޫން ކަމަށް ވިޔަސް މިކަމުގެ ހަގީގަތް ހާމަކުރާ ކަމަށްވާނަމަ ބުނަން ޖެހޭތީވެ މިގޮތަށް ލިޔަން ޖެހުމުން އެކަމަށްޓަަކައި ނިހާޔަތަށް މާފަށްވެސް އެދެމެވެ.)
ކުޑަކުއްޖާގެ ބައްޕައަކީ ކުރިން އެ ރަށުގައި ދޯނި ދުއްވި މީހަކަށް ވާތީ މިކުޑަ ކުއްޖާއަށް ވެސް އުޅަނދު ދުއްވަން އެނގޭނެކަމަށާއި އެހެންނަމަވެސް ރޭ ފަތިހު، އެ ރަށު ބަނދަރުމަތީ މަސް ބާނަން ތިބި މީހުންނަށް ލޯންޗު ފަޅުން ނުކުމެގެންދާ ތަން ފެނުނީ ނިހާޔަތަށް ނުރައްކާތެރި މަންޒަރެއްގެ ގޮތުގައި ކަމަށާއި އެމީހުން ބުނި ގޮތުގައި ދަންވަރު 3 އެއް ޖަހާކަށްހައިއިރު އެ ލޯންޗު ހޫރެމުން ނުކުެގެން ދަނިކޮށް ފަރަށްވެސް އަރާފައި ނައްޓާލައިގެން ދިޔަކަމަށް ލަފާ ކުރެވޭކަމަށްވެސް އެމީހުން ވަނީ ބުނެފައެވެ.
"އެ މީހުން ބުނާ ގޮތުން ދަންވަރު ތިނެއް ޖަހާކަންހާއިރު ލޯންޗު ނުކުމެގެން ދަނިކޮށް ރަށުގެ ފަރަށް ވެސް އެރި ކަމަށް ބެލެވޭ. އޭރު ލޯންޗުގައި އެއްވެސް އަލިކަމެއް ނެތް. ހޫރެމުން ހޫރެމުން ކަހަލަ ގޮތަކަށް ދާތަން ފެނުނީ،" އޭނާ ވިދާޅުވި އެވެ.
ކައުންސިލް ރައީސް ނުހަނު ކަންބޮޑުވުމާއެކު ވިދާޅުވީ ކޮންމެއަކަސް މިއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ.
މިހާރު އެކުއްޖާ ހިފައިގެން ދިޔަ ފޯނާ ގުޅޭތޯ މަސައްކަތް ކުރަމުންދާ ކަމަށާއި ފޯނު ރިންގުވި ނަމަވެސް ފޯނަށް ޖަވާބެއް ނުދޭކަމަށްވެސް ކައުންސިލް ރައީސް ވިދާޅުވިއެވެ. އަދި މިހާލަސްވެގެންދާއިރު އެއްވެސް ހަބަރެއް ނުވާތީ އެންމެންވެސް ވަރަށްބޮޑަށް ކަންބޮޑުވެފައިވާ ކަންވެސް ފާހަގަކުރެއްވިއެވެ.
ކުޑަކުއްޖާ މާލެ ދިޔަކަން ޔަގީން ކުރެވުނު ނަމަވެސް، މިކުއްޖާ ހުޅުމާލެ އަދި މާލެއިން ވެސް އަދި ނުފެނެއެވެ.
ލޯންޗު މިހާރު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގަ އެވެ.
{މިކުއްޖާ ގޮސްގެން އުޅެނީ ހުޅުމާލެ ފޭސް ދޭއްގައި އުޅޭ ކުއްޖަކާ ބައްދަލުކުުރަން ކަމަށްވެއެވެ. ކޮންމެ ތަނެއްގައި ހުރި ކޮންމެ ފަރާތަކާ ބައްދަލު ކުރަން ދިޔަ ކަމުގައި ވިނަމަވެސް މިއަދުގެ މިހާދިސާއަކީ ނުހަނު ހިތާމަވެރި އެހާމެ ބިރުވެރި ނުރައްކާތެރި ހާދިސާއެކެވެ. މިކަަމުގައި ކުއްޖާ އެކަނި ގޯސް ކުރެވޭކަށް ނޯންނާނެއެވެ. އެހައި ދުރުން އެފަދަ މަގެއް ހިޔާރުކޮށްގެން ކުއްޖާ ދާނީ އެއްދުވަސް، އެއްރޭ، ދެދުވަސް ތިންހަތަރުރޭ ފަސްދުވަސް، ހަދުވަސް ހަރޭގެ ވިސްނުމަކަށްފަހުގައެއް ނޫނެވެ. އެއީ އެއްވަގުތަކުން ނިންމާފައިވާ ނިންމުމެއް ނޫނެވެ. އެހެންކަމަށްވީއިރު ، މިފަދަ ކަމެއް ހިނގީ ކޮންމެވެސް ބައެއްގެ ބޮޑު އިހުމާލަކުން ކަން ޔަގީނެވެ. މިއީ ވިސްނާލަން ޖެހޭ ވަރުގެ ބޮޑު ކަމެކެވެ،}

