ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ކުރިމަތިވި ބޮޑު ނާކާމިޔާބީއަށް ފަހު، އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ގައުމީ މަޖިލިސްގެ ޖަލްސާއެއް މިރޭ ބާއްވަން ތާވަލްކޮށްފި އެވެ.
މިއީ މިދިޔަ މަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ނާކާމިޔާބީއަށްފަހު ބާއްވާ ފުރަތަމަ ގައުމީ މަޖިލީހުގެ ޖަލްސާއެވެ. މިރޭ 9:00 ޖަހާއިރު ގ. ނިއުޝާގައި ހުންނަ އެމްޑީޕީގެ އޮފީހުގައި އޮންނަ މި ބައްދަލުވުމުގައި ބައިވެރިވުމަށް އެ ޕާޓީގެ ގައުމީ މަޖިލިސް މެންބަރުންނަށް މިހާރު ވަނީ ދައުވަތު ދީފަ އެވެ.
ވިހިވަނަ މަޖިލީހުގެ 93 ދާއިރާއަކަށް މެންބަރުން އިންތިހާބުކުރި އިރު، އެމްޑީޕީއަށް ލިބުނީ 12 ގޮނޑިއެވެ. ސުޕަ މެޖޯރިޓީއެއް ލިބުނީ ސަރުކާރު ހިންގާ ޕީއެންސީއަށެވެ. އެގޮތުން ވިހިވަނަ މަޖިލީހުގައި ޕީއެންސީގެ 76 މެންބަރުން ތިބޭނެއެވެ.
އަދަދު ނޫހުގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ، މަޖިލިސް އިންތިހާބުގެ ބައްޔަކީ ކުރީން ލަފާކުރި ބައްޔެއް ނޫން ކަމަށާއި އެ ބަލިން އަރައިގަތުމަށް ޕާޓީ އަލުން ރުކުރުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
“ވަރަށް ގިނަ މަޝްވަރާތަކެއް ކުރަމުން މިދަނީ މި އިންތިހާބުގައިވީ ގޮތާއި ކުރިމަގުގައި ކަަންކަން ބައްޓަން ކުރާނެ ގޮތާ. (މިރޭ) ގައުމީ މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ފުޅާކޮށް މަޝްވަރާ ކުރުމަށް” ފައްޔާޒް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީއެއް ލިބިދާނެ ކަމަށް ސަރުކާރުންވެސް ގަބޫލުކުރި ކަމަށާއި ނަމަވެސް ސަރުކާރަށް ބޮޑު މެޖޯރިޓީއެއް ލިބުނީ ސަރުކާރުން ދެއްކި ބިރާއި ނުފޫޒުން ކަމަށެވެ. އަދި އެމްޑީޕީ އަލުން ރުކުރުވާލައި، ކުރިއަށް އޮތް އިންތިހާބުތަކުގައި ކާމިޔާބީ ހޯދާނެ ކަމަށް ވިދާޅުވިއެވެ.

