ކުޑަގިރި އަބަދުވެސް އޮންނާނީ މާލޭގެ ރައްޔިތުންނަށް ހާއްސަ ތަނެއްގެ ގޮތުގައި ކަމަށް ސަރުކާރުން މިރޭ ވިދާޅުވެއްޖެއެވެ.
ކުޑަގިރިއަކީ މާލެ ސަރަހައްދުގައި ޕިކްނިކް އައިލެންޑެއް ވަކިން ހިއްކާފައިވާ ރަށެކެވެ. ކުޑަގިރި ތަރައްޤީކުރީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ދައުލަތުގެ ކުންފުނިތައް މެދުވެރިކޮށެވެ. އެ ރަށުގެ ކަންކަން ބަލަހައްޓަނީ ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަނުންނެވެ. ރަށް ހިއްކައި ޚިދުމަތް ފެށި ނަމަވެސް ގިނަ ޚިދުމަތްތައް އެ ރަށުން ނުލިބޭކަން އާންމުން އައީ ފާހަގަކުރަމުންނެވެ.
ރައީސް އޮފީހުގެ ޗީފް ސްޕޯކްސް ޕަރސަން ހީނާ ވަލީދު “އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުޑަގިރި އަބަދުވެސް އޮންނާނީ މާލޭގެ ރައްޔިތުންނަށް ޚާއްސަ ތަނެއްގެ ގޮތުގައިކަމަށެވެ. އަދި ކުޑަގިރީގައި މިހާރު ހުރި ވަސީލަތްތައް މަދުކަމާއި ހުރި ދަތިތަކާ ގުޅިގެން ލިބެމުންދާ ޝަކުވާތަކަށް ޙައްލެއް ހޯދުމުގެ މަސައްކަތްތައް ކުރައްވަނެކަމަށް ހީނާ ވިދާޅުވިއެވެ.
އެގޮތުން އެ ޝަކުވާތަކަށް ހައްލެއް ގެނައުމުގެ ގޮތުން ކުޑަގިރި މިހާރަށްވުރެ ފުރިހަމައަށް ރައްޔިތުންނަށް ޚިދުމަތް ލިބޭގޮތަށް ސަރުކާރުން ތަރައްޤީކުރައްވާނެކަމަށް ހީނާ ވިދާޅުވިއެވެ.
ކުޑަގިރި އަކީ އާންމުންނަށް ދަތުރުދިއުމަށް ޚާއްސަކޮށް މި ކޮންސެޕްޓަށް ރާއްޖޭގައިވެސް ތަރައްޤީކުރި ފުރަތަމަ ރަށެވެ. މިތަނުގައި ރަށުގެ ކަންކަން ބެލެހެއްޓުމަށް ޚާއްސަ އޮފީހަކާއި، ކެފޭއާއި ފިހާރަ އަދި މަޑުކޮށްލައިގެން ތިބުމަށް ޑޭ ރޫމްތައް ވަނީ ހަދާފައެވެ.
ރަށަށް ދަތުރުދާ މީހުންނަށް މަޑުކޮށްލައިގެން ތިބޭ ހަޓުތަކަކާއި ގިނަ ކުޅިވަރު ހަރަކާތްތަކެއް ރަށުގައި ކުރިއަށްގެންދެވޭނެ ފެސިލިޓީތައް ވަނީ ހަދާފައެވެ. މި ރަށް ހިންގަމުންދަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީގެ ބެލުމުގެ ދަށުންނެވެ.
ކުޑަގިރި ޕިކްނިކް އައިލެންޑްގައި އެއްފަހަރާ 500 އަށްވުރެ ގިނަ މީހުންނަށް ޚިދުމަތް ދެވޭނެ ވަޞީލަތްތައް ވަނީ ޤާއިމުކޮށްފައެވެ. ރަށް ތަރައްޤީކޮށްފައިވަނީ، ރަށުގެ ހުރިހާ ހިސާބުތަކަށް ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުންނަށްވެސް ދެވޭގޮތަށެވެ.

