ބިލަބޮންގ ހައިސުކޫލުގައި ކިޔަވަމުންދާ ދަރިވަރެއް ކަމަށްވާ 6 އަހަރުގެ ނައުޝީން ލިޔެފައިވާ "ވިސްޕަރސް އޮފް ވޮންޑަރ – ބައި ނައުޝީން" އިފްތިތާހްކޮށްފިއެވެ.
މި ފޮތް އިފްތިތާހުކޮށްފައިވަނީ އިއްޔެ (އޭޕްރިލް 30 ވަނަ ދުވަހު) ބޭއްވި ހަފުލާއެއްގައެވެ.
މިފޮތުގައި ލިޔެފައިވަނީ ނައުޝީން އެކި ދުވަސްމަތިން ހަދާފައިވާ ޅެން ތަކެކެވެ. ވަށައިގެންވާ މާހައުލުން ދިމާވާ ކަންތައް ފަށުވި އިބާރާތަކުން، ކުޑަކުއްޖެއްގެ ހިތަށްއަރާ އެއްޗެހި މަޖާ ގޮތަކަށް، ނައުޝީން ވަނީ އިނގިރޭސި ބަހުން ޅެންތަކެއް ހަދާފައެެވެ. "ވިސްޕަރސް އޮފް ވޮންޑަރ – ބައި ނައުޝީން" މިއީ އެޅެންތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ ފޮތެކެވެ.
މި ފޮތް އިފުތިތާހު ކޮށްފައި މިވަނީ ނައުޝީންގެ ހަތް ވަނަ އުފަންދުވަހުގައެވެ. މިއީ ނައުޝީންގެ މަންމަ ދިމްނާ ފާކިރު (ދިމީ) އާއި ބައްޕަ ކާނަލް އަލިމަނިކު (ދާރީ) ނައުޝީން ކުރި މަސައްކަތް ބަލައިގަނެ އުފަންދުވަހަށް ހަދިޔާއަކަށް އެކުލަވާލި ފޮތެކެވެ.

ނައުޝީން އަކީ ބިލަބޮންގް ހައި އިންޓަރނޭޝަނަލް ސްކޫލް ގްރޭޑް 1 ގައި ތަޢުލީމު ހާސިލްކުރަމުންއަންނަ ދަރިވަރެކެވެ. އެންމެ ތުއްތުއިރުން ފެށިގެން ވެސް ފޮތަށް އަހުލުވެރިވެ ލޯބި ޖެހިފައިވާ ނައުޝީން އަނީ "ނައުޝީން ބުކްސް އެންޑް ޓޯއީސް"ގެ ފައުންޑަރ ވެސް މެއެވެ.
މީގެ އިތުރުން ނައުޝީންގެ ފޮތްކިޔުމުގެ ހުނަރު ފާހަގަކޮށް 4 އަހަރުގައި ނައުޝީނަށް ވަނީ ދަ ޗައިލްޑް ޕްރޮޑިޖީ އިން ޗައިލްޑް ޕްރޮޑިޖީ – އިންސްޕިރޭޝަނަލް ރީޑަރސް އެވޯޑްވެސް ގްރާންޓް ކޮށްފައެވެ.

މިފޮތް އެލުލަވާލާފައިވަނީ ނައުޝީންގެ މަންމަ ދިމްނާ ފާކިރު (ދިމީ) ގެ އެހީތެރިކަމާއިއެކުއެވެ. އަދި ފަރުމާކޮށްފައިވަނީ ނައުޝީންގެ ދޮންބެ މުހައްމަދު އަމްދާންއެވެ. ފޮތް އެޑިޓް ކުރުމުގައި އެހީތެރިވެފައިވަނީ އިނގިރޭސި ބަހުގެ ތަޖުރިބާކާރު ޓީޗަރ މިސް ޔޫލީ އެވެ.
މިފޮތް އިހްތިތާހް ކޮށްދެއްވީ ނައުޝީންގެ ފުރަތަމަ ޕްރީ ސްކޫލް ޓީޗަރ ކެންގަރޫ ކިޑްސްގެ ޕްރިންސިޕަލް އާމިނަތު ތަހުމީނާ އެވެ. އަދި ހާއްސަ މެހެމާނުންގެ ގޮތުގަ ބިލަބޮންގް ހައި ސްކޫލްގެ ޕްރިންސިޕަލް ސައުދު ޢަލީ އާއި ސްކޫލްގެ އިސްވެރިންގެ އިތުރުން، ޕްރީސްކޫލް އަދި ގްރޭޑް 1 ގެ ޓީޗަރުންނާއި، ނައުޝީންގެ ދެފަރާތުގެ އާއިލާ އަދި ރައްޓެހިން ވަނީ ހާޟިރުވެފައެވެ.
މހަފްލާގައި މިފޮތުން ޅެމެއް ހުށަހެޅުމާއެކު ނައުޝީން ވަނީ ޝުކުރު ދަންނަވާފައެވެ.
ނައުޝީންގެ އާއިލާއިން ހާމަކޮށްފައިވާ ގޮތުގައި މިފޮތް ވަރަށްއަވަހަށް ބުކްޝޮޕްތަކުން ލިބެން ފަށާނެއެވެ.
މިއީ ދިވެހިރާއްޖެ ކުރިއަރައިދާކަމުގެ ހެއްކަކަށްވާއިރު ދިވެހިން ފަހުރުވެރިވާފަދަ ކަމެއްވެސް މެއެވެ. އަދި ކޮންމެ ކުއްޖަކީވެސް ކޮންމެވެސް ކަހަލަ ހުނަރެއް ލިބިފައިވާނެ ކުއްޖެއްކަން ދަނެގެން އެހުނަރު ކުރިއެރުމަށް ފުރުސަތުދީ މަގުދެއްކުމުން ފެންނާނެ ތަރައްގީ ހާމަވެގެންގޮސްފައިވާ ކަމެއްވެސްމެއެވެ.
ހުވަދޫނޫހުގެ ޓީމާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި ނައުޝީންގެ މި ކާމިޔާބީއާއި ކުރިއެރުމަށް ހޫނު ތަހުނިޔާއަކާއި މަރުހަބާއެއް ކިޔަމެވެ. އަދި ނައުޝީންގެ ކުރިމަގު ދުވަހަކަށްވުރެ ދުވަހެއް އުޖާލާވެ ފާގަތިކަމާއެކު ތަރައްގީވަމުންދިއުމަށް އެދެމެވެ.

