އެންމެ ފަހުގެ ބޮޑު ދެ އިންތިހާބުގައި ބޮޑު ބައްޔަކުން އެމްޑީޕީ ބަލިވުމުން، އެ ޕާޓީގެ ލީޑަޝިޕް އެއްކޮށް އިސްތިއުފާ ދިނުމަށް ބައެއް މީހުން ގޮވަމުން ދިޔަ ނަމަވެސް އެ އިން އެއްވެސް ބޭފުޅަކު މި ވަގުތު އިސްތިއުފާ ދެއްވުމުގެ ވިސްނުމެއް ނެތް ކަަމަށް ޗެއާޕާސަން ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، މިދިޔަ މަހުގެ 21 ގައި ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީ ބަލިވި ފަހުން ރޭ ބޭއްވި ގައުމީ މަޖިލިހުގެ ފުރަތަމަ ބައްދަލުވުމާ އެކު، ބޭއްވި މީޑިއާ ބްރީފިންގަ އެވެ.
ވާދަވެރި އެ އިންތިހާބުގައި 20 ވަނަ މަޖިލިހުން އެމްޑީޕީ އަށް ނެގުނީ އެންމެ 12 ގޮނޑި އެވެ. އެކަމަކު، 77 ގޮނޑިއާ އެކު، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ ވަނީ ސުޕަ މެޖޯރިޓީ ޕާޓީ އަށް ވެފަ އެވެ.
ރޭގެ މީޑިއާ ބްރީފިންގައި ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުން ފައްޔާޒު ވިދާޅުވީ، އިންތިހާބުތަކަށް ފަހު ލީޑަޝިޕް އިސްތިއުފާ ދިނުމަކީ އެ ބޭފުޅުން ގަބޫލު ކުރައްވާ ކަމެއް ވެސް ނޫން ކަމަށެވެ. ވިދާޅުވީ، ކޮންމެވެސް އެއް ބަޔަކަށް މޮޅު ލިބި އަދި އަނެއް ބަޔަކު ދަށްވާނެ ކަމަށެވެ.
މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބާއި މިދިޔަ މަހުގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީ އަށް އެހާ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނު ސަބަބު ދެނެގަތުމަށް ދިރާސާއެއް ކުރުމަށް އެ ޕާޓީގެ ގައުމީ މަޖިލިހުގެ ރޭގެ ބައްދަލުވުމުގައި ފާސްކުރި އެވެ.
ފައްޔާޒު ވިދާޅުވިގޮތުގައި އެމްޑީޕީގެ ކުރިމަގު ބައްޓަން ކުރަން އެނގޭނީ އޭގެ ފަހުންނެވެ. އަދި އަންނަ އަހަރު އެމްޑީޕީގެ ކޮންގްރެސް ވެސް އޮތުމާ އެކު، މިހާރުގެ ލީޑަޝިޕް އިސްތިއުފާ ދޭން މެމްބަރުން ބޭނުންވާ ނަމަ އެ ފުރުސަތު ފަހިވާނެ ކަމަށް ވިދާޅުވި އެވެ.
“ކުރިއަށް އޮތް މުސްތަގުބަލްގައި އަޅުގަނޑުމެންގެ މެމްބަރުންނަށް އަޅުގަނޑުމެންގެ ލީޑަޝިޕް ބަދަލުކުރަން ޖެހޭނެ ކަމަށް ވަންޏާމު އެ ފުރުސަތު ވެސް އަޅުގަނޑުމެން ދޭނަން. އެހެން ނަމަވެސް މިއީކީ އެ ވަގުތު ކަމަކަށް އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ،” ފައްޔާޒު ވިދާޅުވި އެވެ.
އެމްޑީޕީގެ އެންމެ ފަހުގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި ފައްޔާޒު ވިދާޅުވީ، މިއީ އެ ޕާޓީ ނަގައި ކޮޅަށް ޖަހަން ޖެހޭ ވަގުތު ކަމަށާއި އެމްޑީޕީ ދެމިއޮތުމަކީ ރާއްޖެ އަށް ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ. އެހެންވެ، އެ ކަމަށް އުނިކަން ލިބޭނެ އެއްވެސް ކަމެއް ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފައްޔާޒު ދެކެވަޑައިގަންނަވާ ގޮތުގައި އެމްޑީޕީގެ ލީޑަޝިޕްގެ އިސްތިއުފާ އަށް ގިނައިން ގޮވަނީ އެ ޕާޓީއާ ދެކޮޅު ވިސްނުމުގެ މީހުންނެވެ. އެކަމަކު، އެމްޑީޕީގެ މީހުންގެ ތެރޭގައި ވެސް ކޮންމެވެސް ވަރެއްގެ ހިޔާލު ތަފާތުވުން ހުރި ކަމަށް ވިދާޅުވި އެވެ.
“އެހެން ނަމަވެސް މި ވަގުތުގައި އިސްތިއުފާ ދިނުމުގެ އެއްވެސް ވިސްނުމެއް ނެތް،” ފައްޔާޒު ވިދާޅުވި އެވެ.

