ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތް ދެމުންދާ ރަށްތަކުގެ ތެެރެއިން 5 ރަށެއްގައި އިޔާދަކުރަނިވި ހަކަތައިން ކަރަންޓް ފޯރުކޮށްދިނުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތް ދެމުންދާ ރަށްރަށުގެ ތެރެއިން މަދުވެގެން 5 ރަށެއްގައި މި އަހަރުގެ ނިޔަލަށް ބެޓަރިން ކަރަންޓު ދޭން ފެށުމަށް ނިންމަވާފައިވާކަން ހާމަކުރީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.
މިކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި އެމްޑީ ޙުސައިން ފަހުމީ ވިދާޅުވީ، ވިސްނުމަކީ އެކުންފުނިން ޚިދުމަތް ދެމުންދާ 33 ރަށުގައި އިޔާދަކުރަނިވި ހަކަތައިން ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން 5 ރަށެއްގައި އިޔާދަކުރަނިވި ހަކަތައިން ކަރަންޓްގެ ޚިދުމަތް ދިނުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައި ވާކަމަށާއި އެ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި މިމަސް ނުވަތަ އަންނަ މަހު ސޮއިކުރެވޭނެ ކަމަށެވެ.
“ފުރަތަމަ ލިބުނު ބިޑްތަކުގެ އަގު ބޮޑުވުމުން ދެވަނަ ފަހަރު ބިޑަށް ހުޅުވާލިން. ދެވަނަ ފަހަރު ބިޑަށް ހުޅުވާލުމުން ރީޒަނަބަލް އަގެއްގައި އެމަސައްކަތް ކުރެވޭނެ ގޮތް ވަނީ ވެފައި” ހުސައިން ފަހުމީ ވިދާޅުވިއެވެ.
މީގެ ކުރިން ފަހުމީ ވިދާޅުވެފައިވަނީ ކ އަތޮޅާ، އއ އަތޮޅާ، އދ އަތޮޅުގެ އިތުރުން ވ އަތޮޅުގައި ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތްދޭ ރަށްތަކުގެ ތެރެއިން މަދުވެގެން 5 ރަށެއްގައި އެކަށޭނަ ޢަދަދަށް އިއާދަކުރަނިވި ހަކަތަ އުފައްދަން ފަށްޓަވާނެ ކަމަށެވެ. އަދި އެ ރަށްތަކުގައި މި އަހަރު ނިމުމުގެ ކުރިން މަދުވެގެން 12 ގަޑިއިރު ބެޓަރިން ކަރަންޓު ދޭން ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ފަހުމީ ވިދާޅުވިއެވެ. މި ޚިދުމަތް އިތުރު ރަށްތަކަށް ފުޅާކުރައްވަމުން ގެންދަވާނެކަން ވެސް ފަހުމީ ފާހަގަކުރެއްވިއެވެ.
ފަހުމީ ވަނީ އިޔާދަކުރަނިވި ހަކަތައިން ކަރަންޓް ފޯރުކޮށްދޭން ފެށުމުން ޚަރަދު ކުޑަވެ ތެލަށް ކުރާ ހޭދަ ކުޑަވެގެންދާނެކަން ފާހަގަކުރައްވާފައެވެ.

