ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ރަށްރަށުގެ ތެރެއިން ބިން ލިބިފައިވާ ރަށްތަކުގައި އައު އިންޖީނުގެތައް އެޅުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ރަށްރަށުގައި މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ހުރި އިންޖީނުގެތައް ބަދަލުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނައިރު އައު އިންޖީނުގެތައް ތަރައްޤީކުރަނީ ޒަމާނީ ފެންވަރަށެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވީ ސްޓެލްކޯއިން ކަރަންޓްގެ ޚިދުމަތް ދެމުންދާ 33 ރަށުގައި ހުރި އިންޖީނުގެ ތެރެއިން ބައެއް އިންޖީނުގެތައް ހުރީ ރައްޔިތުން ދިރިއުޅޭ ސަރަހައްދުގައިަކަމަށެވެ. އަދި އިންޖީނުގެތައް ހުންނަ ސަރަހައްދުގެ ގޮތުން އަޑުގަދަވުމާއި ދުމުގެ އަސަރުކުރުމުގެ ސަބަބުން އެކަމާ ރައްޔިތުން ކަންބޮޑުވާކަން ފަހުމީ ފާހަގަކުރެއްވިއެވެ.
ނަމަވެސް ގިނަ ރަށްރަށުގައި މީހުން ދިރިއުޅޭ ހިސާބުގައި ހުރި އިންޖީނު ގެތައް މީހުން ދިރި ނޫޅޭ ސަރަޙައްދުތަކަށް ބަދަލުނުކުރެވިފައި ހުރި ރަށްރަށުން ބިން ލިބުމުގައި ދަތިތަކާ ކުރިމަތިލާންޖެހި ބިން ނެތުމުގެ ސަބަބުންކަމަށް ފަހުމީ ވިދާޅުވިއެވެ. ފަހުމީ ވިދާޅުވީ މިވަގުތު އިންޖީނުގެތައް އެޅުމަށް ބިން ލިބިފައިވާ ރަށްރަށުގައި އައު އިންޖީނުގެތައް އެޅުމުގެ މަސައްކަތް ފަށާނެކަމަށެވެ.

