ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަ ކޮށްފިއެވެ.
މަސައްކަތްތެރިންގެ ދުވަހަކީ ކޮންމެ އަހަރެއްގެ މޭ މަހުގެ ފުރަތަމަ ދުވަސްކަމުން މިއަރުގެ މި ދުވަސްވެސް ރާއްޖޭގައި ފާހަގަކޮށްފައިވަނީ އެހެންއަހަރުތަކޭ އެއްގޮތަށް ކުލަގަދަ ކޮށެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި މި ދުވަސް ފާހަގަކުރިއިރު މަސައްކަތްތެރިންގެ އަގު ވަޒަން ކުރުމުގެ ގޮތުން ކުންފުނިތަކާއި، އެކި އިދާރާތަކުގައި ވަނީ މަސައްކަތް ކުރާ މުއައްޒަފުންގެ އަގުވަޒަންކޮށް ހަނދާނީ ލިއުންވެސް ދެއްވާފައެވެ. އަދި މުއައްޒަފުން ދުވަސް ފާހަގަކުރުމުގެ ގޮތުން މުއައްޒަފުން އެއްތަންވެ އުފާވެރި ވަގުތުކޮޅެއްވެސް ހޭދަކޮށްފައި ވެއެވެ.
މަސައްކަތްތެރިންގެ ދުވަހާއި ގުޅުވައިގެން 6 ޖަމިއްޔާއަކުން ވަނީ ހިނގާލުމެއްވެސް އިއްޔެ ބާއްވާފައެވެ. އެގޮތުން އެ ޖަމިއްޔާތަކުން މަސައްކަތްތެރިންގެ ހައްގުގައި އަޑުއުފުލާފައި ވެއެވެ. އެގޮތުން އެ ހިނގާލުމެގެ ބައިވެރިން ގޮވާލާފައިވަނީ ދިވެހިންނަށް މިނިމަމް ވޭޖު ކަނޑައެޅިފައިވާގޮތަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށްވެސް މިނިމަމް ވޭޖް ކަނޑައެޅެން ޖެހޭ ކަމަށެވެ.
އަދި ރިސޯޓުތަކުގައި މަސައްކަތްކުރާ ދިވެހިންގެ އަދަދު 50 އިންސައްތައިގައި ހިފެހެއްޓުމާއި، މަސައްކަތްކުރާ ބޭރު މީހުންގެ އަދަދު މަދުކޮށް ދިވެހިންނަށް ވަޒީފާގެ ފުރުސަތު ހޯދައި ދިނުގެ އިތުރުން މަސައްކަތްތެރިންނަށް ކޮންމެ ހަފްތާއެކު ދެ ދުވަހު އޮފް ދިނުމަށް ގޮވާލާފައިވެއެވެ.

