ދިވެހިންގެ ތެރޭގައި ވަރަށް އާންމު، ކެއުމުގައި އެކި ގޮތްގޮތަށް ބޭނުން ކުރާ މުރަނގަފަތަކީ ހަށިގަނޑަށްވެސް އެހާމެ ފައދާ ހުރި ބާވަތެކެވެ.
ގަރުނުތަކެއް ކުރިއްސުރެ ބޭސްވެރިކަމުގައި ވެސް ބޭނުން ކުރަމުން އަންނަ މުރަނގަ ފަތަކީ ދިވެހި ބޭސްވެރިކަމުގައި ނުވަތަ ޔޫނާނީ ބޭސްވެރިކަމުގައި 300 އަށްވުރެން ގިނަ ބަލިބައްޔަށް ފަރުވާ ދިނުމަށް ބޭނުންކުރެވޭ ފަތެކެވެ.
މުރަނގަފަތު ރިހައަކީ މިފަތުން ތައްޔާރުކުރާ ސަޓަނި، ބިސްގަނޑު، ތެލުލިމަސްފަތް/ތެލުލިފަތް، މިހުރިހާ ބާވަތަކަށްވުރެ ތަފާތު މީރުކަމެއް އިހުސާސްކުރެވެނީ މުރަނގަފަތު ރިހައިންނެވެ. މީރުކޮށް ކައްކާފައި ހުންނަ މުރަނގަފަތު ރިހައާއި ބަތް/ރޮށި/ބަނަސް/ޕާން، މިއިން ކޮންމެ އެއްޗަކާއެކު ކާން ފެށުމަށްފަހު ވަށައިގެންވާ ހުރިހާ ކަމެއްވެސް ހަނދާން ނެތޭހާ މި ކެއުން މީރެވެ. މުރަނގަފަތުން ރިހަ ކަންކަން އެނގިލައްވާތޯއެވެ. ރެސިޕީ މިއޮތީއެވެ. އަވަހަށް ކޮންމެވެސް އެއްވަގުތެއްގެ ކެއުމަށް މި ރިހަ ތައްޔާރުކޮށްލަވާށެވެ.
ހަވާދުޕޭސްޓްއަށް ބޭނުންވާ ތަކެތި:
- ½ ޖޯޑު ހުނި
- 2 ½ މޭޒުމަތީ ސަމުސާ ނުމުގުރާހުރި ކޮތަނބިރި
- 2 ½ މޭޒުމަތީ ސަމުސާ ނުމުގުރާ ހުރި ދިރި
- 1 މޭޒުމަތީ ސަމުސާ ނުމުގުރާހުރި ދަވިއްގަނދު
- 3 ހިކި މިރުސް (ނޫނީ ބޭނުން ވަރަކަށް)
- ½ ފިޔާ
- 3 ލޮނުމެދު
- ½ އިންޗީގެ އިނގުރު ކޮޅެއް
- 6 ކާފޫރު ތޮޅި
- ½ އިންޗީގެ ފޮނިތޮށި ކޮޅެއް
- 6 ހިކަނދިފަތް
- ½ އިންޗީގެ ރާނބާ ފަތްކޮޅެއް
- ½ ސައިސަމުސާ ނުމުގުރާހުރި އަސޭމިރުސް
- ¼ ސައިސަމުސާ ރީނދޫ
- 8 މޭޒުމަތީ ސަމުސާ ފެން
ފިޔާކޮޅު ކޮށާލާށެވެ. ކޮންމެވެސް ވަރަކަށް ބޮޑެތިކޮށް ހުއްޓަސް ރަނގަޅުވާނެއެވެ.
ތެއްޔެއް، ނުވަތަ ތަވައެއް
އުދައި ރަނގަޅަށް އެ ހޫނު ކުރުމަށްފަހު ހަވާދަށް ބޭނުންވާ ތަކެތީގެ ތެރެއިން ރީނދުލާއި ފެން ފިޔަވައި އެހެން ހުރިހާ އެއްޗެއް ތަވައަށް އަޅާލާށެވެ.3. ތަންކޮޅެއް މަޑުކޮށް ގިނި ބަހައްޓައިގެން ހުނި ކޮޅަށް ރަން މުށިކުލަ އަރަން ފަށަންދެން ހަނާކުރާށެވެ.
ދެން އޭގެ ތެރެއަށް ރީނދޫކޮޅު އަޅާލުމަށްފަހު އަނެއްކާވެސް މިނެޓެއް ވަރު ކައްކާލާށެވެ. އުނދުން މަތިން ބޭލުމަށްފަހު ހަނާކުރި ތަކެތި ހިހޫވެލަން ދޭށެވެ. ހިހޫ ވުމުން، މިކްސަރު ބޭނުން ކޮށްގެން ހަނާކުރި ތަކެއްޗާއި ފެންފޮދު އެއްކޮށްގެން ޕޭސްޓްގަނޑެއް ހަދާށެވެ.
ރިހަ ކެއްކުމަށް ބޭނުންވާ ތަކެތި:
- 2 ޖޯޑު މުރަނގަފަތް
- 2/3 ޖޯޑު ވަޅޯމަސް
- ½ ފިޔާ
- 2 ލޮނުމެދު
- 3 ހިކަނދިފަތް
- 3 އިންޗީގެ ރާނބާފަތް ކޮޅެއް
- 1 ½ ޖޯޑު ބޯކިރު
- 1 މޭޒުމަތީ ސަމުސާ ތެޔޮ
- ¼ ގިތެޔޮ މިރުސް (ނޫނީ ބޭނުން ވަރަކަށް)
- ½ ސައިސަމުސާ ލޮނު (ނޫނީ ބޭނުން ވަރަކަށް)
- 2 ޖޯޑު ފެން
ތައްޔާރުކުރާނެ ގޮތް
އުނދުން މައްޗަށް ތެއްޔެއް އުދުމަށްފަހު އޭގެ ތެރެއަށް ފެންފޮދު އަޅާލާށެވެ. ފެންގަނޑު ބޮކިޖަހާ ކެކެން ފެށީމައި ދެން މުރަނގަ ފަތް ކޮޅު އަޅާނީ އެވެ. ގިނި މަޑުކޮށްލާފައި ތެލީގައި މަތިޖަހައިގެން 5 މިނެޓު ވަރު ވަންދެން މުރަނގަ ފަތްކޮޅު ކައްކާށެވެ.
ދެން ފަތްކޮޅު ފުރާނާލުމަށް ފަހު އެއްޗަކަށް އަޅާފައި ބަހައްޓާށެވެ. ފިޔައާއި ލޮނުމެދު ތުނިކޮށް ކޮށާށެވެ.
ތެއްޔަކަށް ތެޔޮކޮޅު އަޅައި އެ ރަނގަޅަށް ހޫނު ކުރުމަށް ފަހު ތެޔޮ ކޮޅުގެ ތެރެއަށް ފިޔާކޮޅާއި، ރާނބާފަތާއި، ގިތެޔޮ މިރުހާއި ހިކަނދިފަތްކޮޅު އަޅާލުމަށްފަހު ފިޔާކޮޅަށް ރަން މުށި ކުލަ އަރަން ފަށަންދެން މީރު ކުރާށެވެ. ދެން ލޮނުމެދު ކޮޅު އެޅުމަށްފަހު ތިރީހަކަށް ސިކުންތު އިތުރަށް ކައްކާލާށެވެ.
ދެން ކުރިން ތައްޔާރުކުރި ހަވާދު ގަނޑާއި ބޯކިރުކޮޅާއި ވަޅޯމަސްކޮޅު ތެއްޔަށް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ.
ތެލީގައި މަތިޖެހުމަށްފަހު ބައިންދާށެވެ. މުރަނގަފަތްކޮޅާއި ލޮނު ކޮޅު އަޅައި ރަނގަޅަށް އެއްކޮށްލާނީ އެވެ. ތެލީގައި މަތި ޖަހައިގެން މަޑު ގިނީގައި މިނެޓުވަންދެން ކައްކާލާށެވެ.
މިހާރު އެހެރީ ހަމަ އެންމެ ހެޔޮވަރު ވަރަށް ސާމާނު އަޅައިގެން ފެންވަރުގެ މީރު ރިހައެއް ތައްޔާރުކުރެވިފައެވެ. ރަހަމީރު މުރަނގަފަތުރިހައިގެ މީރުރަހަ، ހަނދާނުން ފިލުމެއް ނެތެވެ.

