އެންމެ ފަހުން ދިޔަ ކަރަންޓު ބިލަށް ޑިސްކައުންޓެއް ދިނުމަށް ކަމާއި ގުޅުންހުރި ފަރާތްތަކާއި އެކު ދަނީ މަޝްވަރާކުރަމުން ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
މުއާޒް ” ހުވަދޫ” އަށް ވިދާޅުވީ ސަރުކާރުން ޑިސްކައުންޓެއް ދިނުމަށް ނިންމީ ރަމަޟާން މަހުގެ ކަރަންޓު ބިލަށް ކަމަށެވެ. އަދި އެގޮތަށް އެކަން ކުރުމަށް ޔުޓިލިޓީ ރެގިއުލޭޝަން އޮތޯރިޓީން ވެސް ވަނީ އަންގަވާފައި ކަމަށެވެ. އަދި ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް މާރޗް މަހުގެ ބިލުން ޑިސްކައުންޓް ދީފައިވާ ކަމަށެވެ.
އެހެންނަމަވެސް އޭޕްރިލް މަހުގެ ބިލް ބޮޑުވެފައިވަނީ އޭގެތެރޭގައި ރަމަޟާން މަހުގެ ދުވަސްތަކެއް ހިމެނިފައިވާތީ ކަރަންޓު ބޭނުން ކުރުމުގައި އެހެން މަސްމަހާއި ހިލާފަށް ރޯދަ މަހު ގިނައިން ކަރަންޓު ބޭނުންކުރެވޭތީ ކަމަށެވެ. އަދި މިކަމާއި ގުޅިގެން އޭޕްރިލް މަހުގެ ބިލަށް އިތުރު ޑިސްކައުންޓެއް ދިނުމަށް މިހާރު މަޝްވަރާ ކުރެވެމުންދާ ކަމަށެވެ. އަދި ހުއްދަ ލިބުނުހާ އަވަހަށް އެބިލަށް ޑިސްކައުންޓެއް ދެއްވާނެ ކަމަށެވެ.
ސްޓެލްކޯއިން ހިދުމަތް ހޯދަމުންދިޔަ ފަރާތްތަކަށް އެކުންފުނިންވެސް ވަނީ ޑިސްކައުންޓެއް ދިނުމަށް ނިންމަވާފައެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ، ހުސެއިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ނިމިދިޔަ ރަމަޟާން މަހު ބޭނުން ކޮށްފައިވާ ކަރަންޓަށް ޑިސްކައުންޓް ދިނުމަށް އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ.
https://twitter.com/muazmr/status/1786042679933153457އެހެން ކަމުން މިހާރު ފޮނުވާފައިވާ ބިލްތައް މި ބަދަލާ އެއްގޮތަށް އަދާހަމަކުރުމަށްފަހު، ވީއެންމެ އަވަހަކަށް ކަސްޓަމަރުންނަށް ފޮނުވިގެންދާނެ ކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ.
ފަހުމީ ވަނީ ސަރުކާރުގެ ހަރުދަނާ، އޯގާތެރި ސިޔާސަތުތަކާއި އެއްގޮތަށް ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދިނުން މަތީ ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.
ނިމިދިޔަ ރަމަޟާން މަހު ބޭނުން ކުރި ކަރަންޓް ނުވަތަ އެމަހުގެ ބިލުން ޑިސްކައުންޓް ދިނުމަށް ނިންމާފައިވާއިރު، ނިމިދިޔަ އޭޕްރިލް މަހުގެ 28 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރުން ވަނީ ރޯދަ މަހަށް ރައްޔިތުންނަށް ލުޔެއް ދިނުމުގެ ގޮތުން ދިން ޑިސްކައުންޓުގެ ދަށުން ހުރިހާ ކަރަންޓު އަދި ފެން ބިލްތަކުން ޑިސްކައުންޓުގެ ގޮތުގައި ޖުމްލަ 20 މިލިޔަން ރުފިޔާ ކަނޑާފައިވާނެކަން ހާމަކޮށްފައެވެ.
މާރޗް، އޭޕްރީލް އަދި މެއި މަހަކީ އާންމުކޮށް ރާއްޖޭގައި ކަރަންޓު ބިލް ބޮޑުވާ ތިން މަހަށްވާއިރު ރޯދަމަހު އެކަނި ކަރަންޓު ބިލުން ޑިސްކައުންޓު ދިނުމާ ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފަހުމީ ވިދާޅުވީ، ސްޓެލްކޯއިން ބެލި ބެލުމުން އެހެން މަސްތަކުގައި ކަރަންޓުގެ ޕީކު ހުންނަ މިންވަރު ރޯދަމަހު އިތުރުވާ ކަމަށެވެ. ރޯދަމަހުގެ ބިލުން ޑިސްކައުންޓު ދޭން ނިންމި ނިންމުމަކީ ރަނަގަޅަށް ބެލުމަށްފަހު ނިންމި ނިންމުމެއް ކަމަށް އޭނާ ވިދާޅުވިއެވެ

