ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދިޔަ، އައިޖީއެމްއެޗުގެ ޑރ. އައިމިނަތު ރަމްޝާ މިއަދު އަވަހާރަވެއްޖެ އެވެ.
ޑރ. ރަމްޝާ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ދުވަސްތަކެއް ވެއްޖެ އެވެ. ކެންސަރު ޖެހުނުކަން އެނގިވަޑައިގަތުމާ އެކު އޭނާ ގެންދެވީ ތައިލެންޑަށް ދިރިއުޅުން ބަދަލުކުރައްވައި، ފަރުވާ ހޯއްދަވަމުންނެވެ. އަވަހާރަވީ ވެސް ތައިލެންޑްގަ އެވެ.
ރަމްޝާއަކީ ރާއްޖޭގައި އުފެދުނު އަންހެން މޮޅު ދުވުންތެރިންގެ ތެރެއިން އެކެކެވެ. ދުވުމުގައި އޭނާ ހާއްސަވީ 800 މީޓަރާއި 1500 މީޓަރުގަ އެވެ. އޭނާ ވަނީ ބޭރުގެ މުބާރާތްތަކުގައި ވެސް ރާއްޖެ ތަމްސީލްކުރައްވައިފަ އެވެ.
ޑރ. ރަމްޝާގެ މަންމަ ވެސް ދުނިޔެ ދޫކުރެއްވީ ކެންސަރު ބަލީގަ އެވެ. އެ ތަޖުރިބާތައް ހިއްސާކުރައްވަމުން އޭނާ ވަނީ ކެންސަރުގެ ބަލި މީހުންނަށް ހިތްވަރު ހޯއްދަވައިދެއްވައިފަ އެވެ.
ޑރ. ރަމްޝާއަކީ ލޯފަން ކުދިންނާއި މީހުންނާ ވެސް ގާތް ގުޅުމެއް ބޭއްވެވި ބޭފުޅެކެވެ.

