ރާއްޖެއަށް ބޭނުންވާ ކަންކަމުގައި ޢަރަބި އިސްލާމީ ޤައުމުތަކުގެ ފުރިހަމަ އެއްބަރުލުމާއި، އިތުބާރާއި އަދި އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ މުސްލިމް ވޯލްޑް ލީގުގެ އެންމެ މަތީ މަޖިލީހުގެ މެންބަރަކަށް އެމަނިކުފާނު އައްޔަން ކުރުމާ ގުޅިގެން އެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވުމަށާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އަހަރީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ސައުދީ ޢަރަބިއްޔާ އަށް ކުރެއްވި ދަތުރުފުޅާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.
މިދިޔަ މަހު ސަޢުދީއަރަބިއްޔާ އަށް ކުރެއްވި ދަތުރުފުޅުގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ މުސްލިމް ވޯލްޑް ލީގުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން އެ ލީގުގެ ސެކެރެޓަރީ ޖެނެރަލް ޝެއިޚް ޑރ. މުޙައްމަދު ބިން ޢަބްދުލްކަރީމް އަލް އީސާއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި މުސްލިމް ވޯލްޑް ލީގާއި އިސްލާމީ މުއައްސަސާތަކާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. އަދި ސަރުކާރުގެ އިސްލާމީ ސިޔާސަތުތަކާއި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ދީނީ ގޮތުން ރާއްޖޭގެ ކަންތައްތަކަށް ގެންގުޅުއްވާ ތަޞައްވަރު ހިއްސާކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ސަޢުދީޢަރަބިއްޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރާ ބައްދަލުކުރައްވާ ކިންގް ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވުމާ ގުޅޭގޮތުންވެސް މި ދަތުރުފުޅުގައި ވަނީ މަޝްވަރާ ކުރައްވައި ރާއްޖެއިން ޙައްޖަށް ދާ މީހުންނަށް ސައުދީން ދެމުންގެންދާ ޚިދުމަތްތަކަށް ވަޒީރުވަނީ ޝުކުރު އަދާކުރައްވާފައެވެ.
“މުސްލިމް ވޯލްޑް ލީގާއި ރާއްޖެއާ އޮންނަ ގުޅުން ކުރިއަށްވުރެ ބޮޑަށް ވަރުގަދަވެގެން ދާނެ. ޖަލްސާގެ ހަވާސާގައި ސަޢުދީޢަރަބިއްޔާގެ އިސްލާމީ ކަންތައްތަތަކާ ބެހޭ ވަޒީރާ ބައްދަލުކުރިން. އެ ބައްދަލުވުމުގައި ކިންގް ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވުމާއި ގުޅޭގޮތުން މަޝްވަރާކުރިން. ޙައްޖުގެ ފަހުން ކިންގް ސަލްމާން މިސްކިތް ހުޅުވުމުގެ ކަންކަން ކުރިއަށް ގެންދެވޭތޯ، އެތަން ހުޅުވުމަށް ހަރަމްފުޅުގެ ކޮންމެވެސް އިމާމެއް ގެނައުމަށް މަޝްވަރާކުރިން.” ޕީއެސްއެމްއާ ހަވާލާދީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އެ ދަތުރުފުޅުގެ ތެރެއިން ވޯލްޑް އެސެމްބްލީ އޮފް އިސްލާމީކް ޔޫތުގެ ބޭފުޅުންނާ ބައްދަލުކުރައްވާ ކުރިން ރާއްޖޭގެ ސްކޫލްތަކުގައި ނަމާދުކުރުމަށް ޖާގަހެދުމަށް ކުރިއަށް ގެންދިޔަ މަޝްރޫޢު އަލުން ފެށުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށެވެ. އަދި ޒުވާނުންނަށް ސްކޮލަޝިޕްތައް ހޯދުމާއި ޤުރުއާން ހިތުދަސްކުރާ ކުދިންނަށް އުމްރާއަށް ފޮނުވުމުގެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި ވަޒީރު ވަނީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގެން މާލީ ގިނަ މުއައްސަސާތަކާ ބައްދަލުކުރައްވާފައެވެ. ވަޒީރު ވިދާޅުވީ އެ މުއައްސަސާތަކާ ބައްދަލުކުރުމުގެ މައިގަނޑު ބޭނުމަކީ ރައީސުލްޖުމްހޫރިއްޔާގެ މާލީ ސިޔާސަތުތަކާއި ރާއްޖެއަށް މިވަގުތު ބޭނުންވާ ކަންތައްތަކާގުޅޭގޮތުން މަޝްވަރާކޮށް އެހީތެރިކަން ހޯދުން ކަމަށެވެ.
އިސްލާމީ ދުނިޔެއާ ރާއްޖެއަށް މިއޮތް ގުޅުން އިތުރަށް ވަރުގަދަކުރުމަކީ އަމާޒެއްކަން ފާހަގަކުރައްވާ ވަޒީރު ވަނީ ރައީސް ޑރ. މުއިއްޒު ގެންގުޅުއްވާ އެންމެ މުހިއްމު އެއް ސިޔާސަތަކީ ރާއްޖެއާއި އަވަށްޓެރި ޤައުމުތަކާއި އިސްލާމީ ޤައުމުތަކާ ދެމެދު ގުޅުންތައް ވަރުގަދަކުރުންކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައިވެސް ޢަރަބި އިސްލާމީ ޤައުމުތަކުގެ ފުރުހިމަ އިތުބާރާއި އެހީތެރިކަން ރާއްޖެއަށް ލިބޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ވަޒީރު ވިދާޅުވިއެވެ.
ސަޢުދީއަށް ކުރެއްވި ދަތުރުފުޅުގައި ވަޒީރު ވަނީ ކުވައިތުގެ ޒަކާތު ހައުސްގެ އިސްވެރިންނާ ބައްދަލުކުރައްވާ ރާއްޖޭގެ ޒަކާތު ހައުސް އިތުރަށް ތަރައްޤީކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ.

