އިގިރޭސި ވިލާތުގެ ފުލުހުން އަލީ ވަހީދު ހައްޔަރުކޮށްގެން ގެންދާ ވީޑިޔޯއެއް މީސްމީޑިޔާގައި ދައުރުވާން ފަށައިފިއެވެ.
ލަންޑަނުގެ ފުލުހުން އަލީ ވަހިދު ގެންގޮސް ޕޮލިސް ވެހިކަލަށް އަރުވާތަން މިވީޑިޔޯއިން ފެނިގެންދެއެވެ.
އަލީ ވަހީދުގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމަށް ދޫކޮށްފައިވާ ވިސާ ހަމަވުމާއި ގުޅިގެން ސަރުކާރުން އެކަން އިނގިރޭސި ފުލުހުންގެ ސަމާލުކަމަށް ގެނައުމުން އޭނާވަނީ ހައްޔަރުކޮށްފައެވެ.
އަލީ ވަހީދުގެ އަރިސް ބޭފުޅަކު މީޑީޔާއަށް މައުލޫމާތުދީފައިވާ ގޮތުގައި އަލީ ވަހީދު މިވަގުތު ހުންނެވީ އިގިރޭސި ވިލާތުގެ ގެޓްވިކްގެ ޑިޓެންޝަން ސެންޓަރެއްގައި ކަމަށާއި މައިބަދައިގެ އޮޕްރޭޝަނެއް ކުރުމަށްޓަކައި ވިސާގެ މުއްދަތު އިތުރުކޮށްދިނުމަށް އެދިވަޑައިންގަނަވާ ކަމަށެވެ.
އިގިރޭސިވިލާތުގެ ހިމާޔަތަށް އަލީ ވަހީދު އެދޭ ކަމަށް ބުނެ މީޑީޔާތަކުގައި ފަތުރަމުންދަނީ ދޮގު ޚަބަރެއް ކަމަށް މައުލޫމާތުދިން ފަރާތުން ވަނީ ބުނެފައެވެ.
އެފަރާތުން ބުނާގޮތުގައި އަލީ ވަހީދު އިގިރޭސިވިލާތުގެ ހިމާޔަތަށް އެދިފައެއް ނުވެއެވެ.
އަލީ ވަޙީދުގެ އަޑުއެހުމުގައި އޮންލައިންކޮށް ޝަރީޢަތުގައި ބައިވެރިވުމަށް ކްރިމިނަލް ކޯޓުން ހުއްދަ ދިނުމާ ގުޅިގެން ސުޕްރީމް ކޯޓުގައި މިމައްސަލަ ވަނީ އިސްތިއުނާފްކޮށްފައެވެ.
މިމައްސަލާގައި ޝަރީޢަތުގެ މަޖިލިހަށް ވަޑައިނުގެންނެވީތީ ކޯޓުގެ ހުރުމަތްކެނޑި ކަމަށް ކަނޑައަޅައި 2 މަހާއި 12 ދުވަހަށް ޖަލަށްލުމަށް އަލީ ވަޙީދުގެ މައްޗަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ރާއްޖޭގެ ފުލުހުން މިއަދު ވިދާޅުވެފައިވަނީ މިހުކުމް ތަންފީޒު ކުރުމަށް އަލީ ވަހީދު ރާއްޖެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

