ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ގެންދަވަނިކޮށް ނިޔާވި އައިޖީއެމްއެޗްގެ ކުރީގެ ސާޖިކަލް މެޑިކަލް އޮފިސަރު ޑރ. އައިމިނަތު ރަމްޝާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް ރަމްޝާ ނިޔާވެފައިވަނީ ބެންކޮކްގައި އިއްޔެގެ ވަގުތެއްގައެވެ.
ރަމްޝާ ނިޔާވުމާ ގުޅިގެން ރައީސް ޑރ މުއިއްޒު ރޭ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހިދުމަތްތެރި އަދި މަގުބޫލު ޑޮކްޓަރެއް ކަމަށްވާ ރަމްޝާ ނިޔާވި ހަބަރު އެމަނިކުފާނު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ.
ޑރ ރަމްޝާގެ ހިދުމަތްތާއި މަސައްކަތްތަކަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި، ރައީސް ވިދާޅުވީ، ޤައުމަށް ގެއްލިގެން އެދިޔައީ ކުޅިވަރުގެ މައިދާނުގައި ރީތި ނަމޫނާ ދެއްކެވި މޮޅު އެތުލީޓެއް ކަމަށާއި އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގައި ރެޔާދުވާލު މަސައްކަތްކުރެއްވި ވާގިވެރިއެއް ކަމަށެވެ. އަދި ރަމްޝާއަކީ ބަލިމީހުންނާ ނުކުޅެދޭ މީހުންނަށް ހިތްވަރުދެއްވުމުގައި އޯގާތެރި އެހީތެރިއެއް ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
“މަރްޙޫމާ ޑޮކްޓަރު އާމިނަތު ރަމްޝާގެ ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާށިއެވެ. ކީރިތިﷲގެ ރުއްސެވުމާ، ފުއްސެވުމާ، ސުވަރުގޭގެ ދާއިމީ ނިޢުމަތް އެ މަރްޙޫމާއަށް މިންވަރުކުރައްވާށިއެވެ. އާމީން.” ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ކެންސަރު ބަލީގައި ނިޔާވިއިރު، ޑރ. ރަމްޝާ ވަނީ ބެންކޮކުގެ ބައެއް ހޮސްޕިޓަލްތަކުގައި ވެސް މަސައްކަތް ކޮށްފައެވެ. އަދި ކެންސާ ސޮސައިޓީގެ ބޯޑު މެމްބަރެއްގެ ގޮތުގައި ވެސް ޑރ ރަމްޝާ ވަނީ ހިދުމަތްކުރައްވާފައެވެ.

