ށ. ފުނަދޫގައި ސިހުރު ހެދިކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެއްސިއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، ށ. ފުނަދޫގައި ސިހުރު ހެދިކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. އަދި މިހާރު އެމީހާ ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
“މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 60 އަހަރުގެ ދިވެހި ފިރިހެނެއް. އެހެންނަމަވެސް އޭނާއާގުޅޭ އިތުރު ތަފްޞީލެއް ފުލުހުން ހާމަނުކުރޭ.” ފުލުހުން
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަޙްޤީޤުކުރަމުންނެވެ.
ސިހުރު ހެދިކަމަށް ތުހުމަތުކުރެވޭ މީހަކު ފުނަދޫއިން ހައްޔަރުކޮށްފައިވާއިރު، ފުނަދޫގެ އިންތިޚާބީ މެންބަރަށް އަމާޒުކޮށް ސިހުރު ހަދަން އެރަށަށް އެރިކަމަށްބުނާ މީހާ، ސިހުރު ހަދާ ތަކެއްޗާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފައެވެ. އަދި މި މައްސަލައާއި ގުޅިގެ އެ ރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ ވަނީ މި މައްސަލައިގައި އެމީހާއަށް ހަރުކަށިފިޔަވަޅު އެޅުމަށްވެސް ގޮވާލާ އިހުތިޖާޖު ކޮށްފައެވެ.

