އިރުދެކުނު އޭޝިއާގައި ރެކޯޑް މިންވަރަކަށް ހޫނުގަދަވެ މުޅި ސަރަހައްދަށް ސިއްހީ އިންޒާރުތަކެއް ނެރެފައިވާ މި ދަނޑިވަޅުގައި ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ.
މުޅި ފިލިޕީންސްގެ އެތައް މިލިއަން ދަރިވަރުންނެއް ހޯމަ ދުވަހުން ފެށިގެން ކަމާބެހޭ ފަރާތްތަކުން ސްކޫލުތަކުގެ ކިޔެވުން މެދުކަނޑާލާފައިވާތީ ގޭގައި މަޑުކުރަން ޖެހުނެވެ. ޑިޕާޓްމަންޓް އޮފް އެޑިއުކޭޝަނުން ވަނީ 47،000 އަށް ވުރެ ގިނަ ޕަބްލިކް ސްކޫލްތަކުގެ ދަރިވަރުން ގޭގައި، އޮންލައިން ފިލާވަޅުތަށް ކުރިއަށް ގެންދިޔުމަށް އަންގާފައެވެ.
އެގައުމުގެ މީހުންނަށް ދިން ނަސޭހަތަކީ ގެއިން ބޭރުގައި އުޅުން މަދުކޮށް، ގިނަގިނައިން ފެން ބުއިމަށެވެ. ހާއްސަކޮށް ކުޑަކުދިންނާއި މުސްކުޅިންނަށް މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އަންގާފައިވެ އެވެ.

ކެމްބޯޑިއާގެ ސްކޫލެއްގެ ދަރިވަރުން ކްލާސް ފިނި ކުރުމަށް ޑެސްކްޓޮޕް ފަންކާ ބޭނުންކުރަނީ
ހޫނުގަދަވުމުގެ ސަބަބުން ފެނުގެ ދަތިކަމާއި ކަރަންޓް ކެނޑުމާއި ދަނޑުގޮވާމަށް ގެއްލުންވުމުގެ ބިރު ވެސް ބޮޑުވެފައިވެއެވެ.
މޫސުމާ ބެހޭ އޮފިޝަލުން ބުނެފައިވާ ގޮތުގައި ހޮނިހިރު ދުވަހު 38.8 ޑިގްރީ ސެލްސިއަސް (101.84 ޑިގްރީ ފަރެންހައިޓް) އަށް ފިނިހޫނުމިން އުފުލި ،14 މިލިއަނަށް ވުރެ ގިނަ މީހުން ފިނިކޮށްލުމަށް ވެރިރަށް މެނިލާގެ އެއާކޮންޑިޝަންކޮށްފައިވާ ޝޮޕިން މޯލްތަކުގައި ތޮއްޖެހިފައިވެއެވެ.

ބެންކޮކްގެ ކްލޮންގް ޓޮއީ ޑިސްޓްރިކްޓް ސަރަހައްދު ހޫނުގަދަކަމުން ރޭލު ދަނޑިތަކުގެ ކައިރީގައި ހިޔަލުގައި ކުޑަކުދިން އަރާމުކޮށްލަނީ
އެގައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނީ ހީޓް އިންޑެކްސް – ނިސްބަތުން ހަށިގަނޑަށް އިހުސާސްވާ ހަގީގީ ފިނިހޫނުމިން – ރެކޯޑް 45 ސެލްސިއަސް (113އެފް) ގައި ހުރުމުގެ ސަބަބުން ހީޓްސްޓްރޯކް ޖެހުމުގެ ނުރައްކާ އެބައޮތް ކަމަށެވެ.
ކެމްބޯޑިއާގައި ފާއިތުވި 170 އަހަރު ތެރޭގައި ރެކޯޑް ކުރެވިފައިވާ އެންމެ މަތީ ފިނިހޫނުމިން މިއަހަރު ކުރިމަތިވެފައިވާ ކަމަށް އެގައުމުގެ މިނިސްޓްރީ އޮފް ވޯޓާ ރިސޯސަސް އެންޑް މީޓިއޮރޮލޮޖީގެ ތަރުޖަމާނު ޗާން ޔޫތާ ބުނެފައިވެއެވެ. މި ހަފްތާގައި ގިނަ ސަރަހައްދުތަކުގެ ފިނިހޫނުމިން 43 ސެލްސިއަސް (109އެފް) އަށް އަރާނެ ކަމަށް އެ މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ.
މިޔަންމާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ބުނީ މެދުތެރޭގެ މެގްވޭ، މަންޑަލޭ، ސަގައިން އަދި ބާގޯ ޑިވިޝަންގެ ހަތް ޓައުންޝިޕެއްގައި މީގެ ކުރިން ދުވަހަކުވެސް ހޫނު ނުވާ ވަރަށް ހޫނު ގަދަ ވެފައިވާކަމަށެވެ.
ތައިލެންޑްގެ އުތުރުގައި ބައެއް ސަރަހައްދުތަކުގައި ފިނިހޫނުމިން 44 ސެލްސިއަސް (111އެފް) އަށް ވުރެ މައްޗަށް ގޮސްފައިވާއިރު، ވެރިރަށް ބެންކޮކާއި މެޓްރޯޕޮލިޓަން ސަރަހައްދުތަކުގައި ފިނިހޫނުމިން 40 ސެލްސިއަސް (104އެފް) އަށް ވުރެ މައްޗަށް ގޮސްފައިވެއެވެ. މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި އާންމުކޮށް ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން މެއި މަހުގެ ފަހުކޮޅު ހަމައަށް މިއަހަރުގެ ހޫނު މޫސުމުގައި މިދިޔަ އަހަރަށް ވުރެ 1-2 ސެލްސިއަސް (1.8-3.6އެފް) ހޫނުވާނެކަށެެވެ. އަދި ވާރޭ ވެހޭ މިންުވަރުވެސް އެވްރެޖަށް ވުރެ ދަށްވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
ތައިލެންޑްގެ ޑިޕާޓްމަންޓް އޮފް ޑިޒީސް ކޮންޓްރޯލް އިން ބުނެފައިވަނީ މިދިޔަ ހަފްތާ އެކަނިވެސް މިއަހަރުގެ މިހާތަނަށް ހީޓްސްޓްރޯކް ޖެހިގެން 30 މީހުން މަރުވެފައިވާކަމަށެވެ.ނަމަވެސް މިދިޔަ އަހަރު ހޫނުގަދަވެގެން މުޅި ޖުމްލަ މަރުވެފައިވަނީ 37 މީހުންނެވެ.

ވިއެޓްނާމްގެ ގައުމީ މޫސުމާ ބެހޭ އިދާރާއިންވަނީ ޖަންގަލިތަކުގައ އަލިފާން ރޯވުމާއި ޑީހައިޑްރޭޝަން އަދި މާބޮޑަށް ހަށިގަނޑު ހޫނުގަދަވުން ފަދަ ނުރައްކާތަކުގެ އިންޒާރު ދީފައެވެ.
ފާއިތުވި ދުވަސްތަކުގައި ކަރަންޓް ބޭނުންކުރާ މިންވަރު ރެކޯޑް މިންވަރަކަށް މަތިވެފައިވާތީ ދައުލަތުގެ ކަރަންޓް ކުންފުނިން ވަނީ އެއާކޮންޑިޝަން ޔުނިޓްތައް މާގިނައިރު ޖައްސާފައި ނުބެހެއްޓުމަށް އިލްތިމާސްކޮށްފަ އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހޫނުގަދަވުމުގެ ސަބަބުން މަރުވާ މީހުންގެ އަދަދު ފާއިތުވި އަހަރުތަކުގައި ފިނިހޫނުމިނާއި އެކު ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ކަމަށް ސައިންސްވެރިން ބުނެފައިވެއެވެ.
ނަމަވެސް
ހޫނުގެ ސަބަބުން މަރުވާ މީހުން ގިންތިކުރާނެ ގޮތެއް ސާފުވެފައި ނުވާތީ އޭޝިއާގައި މިހާތަނަށް ގިނަ މަރުތަކާއި ގުޅުންހުރި ޓްރެންްްޑާއި މެދު ސުވާލު އުފެދެއެވެ.

