ނޫސްމަޖައްލާ ރަޖިސްޓްރީކުރުން ގިނަވެފައިވާކަމަށާއި، މިހާތަނަށް ރާއްޖޭގައި 265 ނޫސް މަޖައްލާ ރަޖިސްޓްރީވެފައިވާއިރު، މި ވެރިކަމުގެ މިހާތަނަށްވެސް 17 ނޫސް މަޖައްލާ ރަޖިސްޓްރީ ކޮށްދީފައިވާ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ގުޅިގެން ދެއްވި ހިތާބުގައެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ގުޅިގެން ދެއްވި ހިތާބުގައި ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވީ، ދައުލަތުގެ އެއްވެސް މުއައްސަސާއަކުން، ނޫސްވެރިކަމުގެ މިނިވަންކަމަށް އެއްވެސް މިންވަރަކަށް ހުރަސް އެޅުމަކީ، ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށެވެ.
ހަމައެހެންމެ މި ހައްގު ކަށަވަރު ކޮށްދެއްވާނެކަމުގެ ޔަޤީންކަން ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދެއްވާފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.
ނޫސްވެރިންނަށް ފަހި މާހައުލެއް ގާއިމު ކޮށްދިނުމަށް ސަރުކާރުން ކުރަން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ މީޑިއާ ވިލެޖްގެ މަސައްކަތް މިހާރު ވަނީ ވަޒީރުންގެ މަޖިލީހުން ނިންމާ، އަމަލީ މަސައްކަތާއިހަމައަށް ދިޔުމުގެ މަގުމަތީގައިކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި މިނިވަން ނޫސްވެރިކަން ފުރިހަމަ ކުރުމަށް ޤާނޫނީ އިމުގެ ތެރެއިން ގެންނަން ހުރި ބަދަލުތައް ގެނައުމުގެ މަސައްކަތް ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ތެރޭގައި ހިމެނިގެން ކުރިއަށްދާއިރު، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި މޯލްޑިވްސް މީޑިއާކައުންސިލަކީ އެއް ޤާނޫނަކުން ފުރިހަމަ ކުރެވިފައިވާ މުއައްސަސާ އަކަށް ހެދުމުގެ މަސައްކަތްވެސް ކުރިއަށް ދާކަން ވަނީ ފާހަގަކުރައްވާފައެވެ.

