ޗައިނާގެ ދެކުނުގައި ހައިވޭ ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 48 އަށް އަރާފައިވާއިރު، އެ ހާދިސާ ހިނގި ސަރަހައްދުން ކާރުތައް ހޯދުމަށް އިމަޖެންސީ ޓީމުތަކުން ކުރަމުންދާ މަސައްކަތްތައް ކުރިއަށް އެބަދެއެވެ.
އެގައުމުގެ ނޫސް އެޖެންސީއެއް ކަމަށްވާ ޒިންހުއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބުރާސްފަތި ދުވަހުގެ މެންދުރު 3:35 (ޖީއެމްޓީ 07:35) ގައި މަރުވި މީހުންގެ އަދަދު އަޕްޑޭޓްކޮށްފައިވެއެވެ. އެ ނޫހުން މައުލޫމާތު ދީފައިވާ ގޮތުގައި 30 މީހަކަށް އަނިޔާވެފައިވާ ކަމަށާއި އެ މީހުންގެ ފުރާނައަށް ނުރައްކާވާ ހާލަތެއް ނެތް ކަމަށެވެ.
ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހައިވޭ ވެއްޓިފައިވަނީ ޗައިނާގެ މެއި މަހުގެ ބޮޑު ބަންދު ފެށުމުން ކަމަށާއި އެއީ އަހަރުގެ އެންމެ ބިޒީ އެއް ދުވަސްވަރު ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ޗައިނާގައި ބުދަ ދުވަހު ހައިވޭ ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ ހަށިތައް ހޯދުމަށް ކޮންސްޓްރަކްޝަން ކެރޭންތައް ބޭނުންކުރަނީ
ވައިގެ މަގުން ނަގާފައިވާ ފޮޓޯތަކުން ދައްކާ ގޮތުގައި މެއިޒޯ ސިޓީ އާއި ޑަބޫ ކައުންޓީއާ ދެމެދު އޮންނަ އެސް12 ހައިވޭ ވެއްޓިފައި ވަނީ އޭގެ ދަށުގައިވާ ބިންގަނޑު ކަނޑައިގެން ދިޔުމުންނެވެ. މީގެ ސަބަބުން ފަރުބަދަމަތިން ވެއްޔާއި ޗަކަ ފައިބައިފައި ވެއެވެ.
"އެއީ ގުދުރަތީ ކާރިސާއެއް. ގިނަދުވަސްތަކެއް ވަންދެން ދިގުދެމިގެންދިޔަ ބޯ ވާރޭގެ ސަބަބުން ހިނގައިދިޔަ ކަމެއް" ނޫހުން މައުލޫމާތުދެއެވެ.
އެ މަގުގެ 17.9 މީޓަރު (58.7 ފޫޓު) ދިގުމިނުގެ ސަރަހައްދެއް ވެއްޓިފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވާއިރު، މިހާތަނަށް 23 އުޅަނދެއް ހެދިފައިވާ ފުން ވަޅުގަނޑުން ފެނިފައިވެ އެވެ.
މި ހާދިސާ ފެނުނު ބައެއް މީހުން އެގައުމުގެ މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުއި އެމީހުންނަށް އިވުނީ ބޮޑު ގޮވުމެއްގެ އަޑާއެކު ކާރުތައް ވެއްޓުނު އަޑު ކަމަށެވެ.
"އަހަރެމެން ހުއްޓި ކާރުން ފައިބައިގެން ވީގޮތެއް ބަލަން ދިޔައިރު މަގު ވެއްޓިފައިވާ ކަމެއް ނޭނގޭ" ގުއިޒޯ އިވިންގް ނިއުސްއަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.
ދެފަރާތުން ހައިވޭ ބަންދުކޮށްފައިވާއިރު، ސަލާމަތީ އޮޕަރޭޝަނުގައި އެހީތެރިވުމަށް ފަޔާ ފައިޓަރުންނާއި މައިން ރެސްކިއުގެ ތަޖުރިބާކާރުން ހިމެނޭ ގޮތަށް 500 އެއްހާ މީހުން މި ސަރަހައްދުގައި ހަރަކާތްތެރިވި އެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި ހަލާކުވެފައިވާ ކާރުތައް ބޮޑު ކެރޭނަކުން ވަޅުގަނޑުން ނަގަމުންދާއިރު ، އެކްސްކަވޭޓަރުތައްވެސް ކައިރީގައި އެބަ ހުއްޓެވެ. މީގެ އިތުރުން ރެސްކިއު ޓީމްތަކުން ވެސް ކުއްތާއާއި ލައިފް ޑިޓެކްޓިން އާލާތްތައް ބޭނުން ކޮށްގެން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދެއެވެ.

ޗައިނާގެ މީޑިއާތަކަށް މައުލޫމާތު ދެމުން ފަޔާ ޑިޕާޓްމަންޓުގެ އޮފިޝަލަކު ބުނީ މީހުން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދަން އުނދަގޫވީ ވާރޭ ވެހުމާއެކު ބިންގަނޑު ކައްސައި ތަނުގައި ހަރަކާތްތެރިވަމުން އަންނަ މީހުންނަށް އެކަމުގެ ނުރައްކާ އޮތުމުގެ ސަބަބުން ކަމުގައެވެ.
މި ހާދިސާއަކީ ފާއިތުވި ހަފްތާތަކުގައި ގުއަންޑޮންގްގައި ހިނގަމުން އަންނަ މޫސުމީ ކާރިސާތަކުގެ ތެރެއިން އެންމެ ފަހުން ހިނގާފައިވާ ހާދިސާއެވެ.
މިދިޔަ މަހު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެ އަވަށުގެ އެހެން ސަރަހައްދެއްގައި ފެންބޮޑުވެ ހަތަރު މީހަކު މަރުވެ، އެއްލައްކައަށް ވުރެ ގިނަ ރައްޔިތުން އެތަން ދޫކޮށް އެހެން ތަނަކަށް ހިޖުރަ ކޮށްފައިވެއެވެ. އަދި މިދިޔަ ހަފްތާގައި ގުއަންޒޯގެ މެގަސިޓީއަށް ނަގޫރޯޅިއެއް އަރައި ފަސް މީހަކު މަރުވެފައިވެ އެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެހެން އަހަރުތަކަށް ވުރެ ބޮޑަށް މިއަހަރު ވިއްސާރަވެ ބޯކޮށް ވާރޭވެހިފައިވެއެވެ.

