ދުސިތު ތާނީ މޯލްޑިވްސް ރިސޯޓުގައި ހަނީމޫނު ހޭދަ ކުރަމުންދިޔަ ޓޫރިސްޓު ދެމަފިރިއަކު މޫދަށް ގެނބެމުންދިޔަ ދިވެއްސެއް ސަލާމަތް ކޮށްފިއެވެ.
ޖޯޑަން ޑެނިއަލް ވެން ޑައިކް އާއި މިސް ޑެނިއެލް ޑި ބްރޫއިން ނަމަކަށް ކިޔާ މި ދެމަފިރިން ހަނީމޫން، ދުސިތް ތާނީގައި ހޭދަކުރަމުންދަނިކޮށް، މިދިޔަ މަހުގެ 28 ވަނަ ދުވަހު އެ ރިސޯޓު ވޯޓާ ވިލާގެ ޑެކުން ވެއްޓުނު މުވައްޒަފަކު ސަލާމަތްކުރުމުން ބ. އަތޮޅު ފުލުހުން ވަނީ މިކަން ފާހަނގަކޮށް އެ ދެ މީހުންނަށް ޝުކުރު އަދާކޮށްފައެވެ.
ބ. އަތޮޅުގައި ތިބި އިސް ފުލުހުން ވަނީ އެ ރިސޯޓަށް ގޮސް އެ ދެ ޓޫރިސްޓުންނާ އިއްޔެ ބައްދަލު ކޮށްފައެވެ. ބ. އަތޮޅުގެ ޕޮލިސް ކޮމާންޑަރު އަފްރާ އާދަމް ވަނީ އެ ދެމަފިރިންނަށް ހަނދާނީ ފިލައެއް ވެސް ދީފައެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ މީހެއްގެ ފުރާނަ ސަލާމަތް ކުރުމަށް ވެދިން އެހީތެރިކަން ފާހަގަ ކޮށް އެ ދެމަފިރިންނަށާއި އެ މީހުން ޗުއްޓީ ހޭދަ ކުރަމުންދިޔަ ރިސޯޓުގެ މެނޭޖްމަންޓަށް ޝުކުރު އަދާ ކޮށްފައެވެ.

