ރަމަޟާން މަހުގެ ދުވަސްތަކެއް ހިމެނޭހެން ފޮނުވާފައިވާ އޭޕްރިލް މަހުގެ ކަރަންބިލުން ޑިސްކައުންޓް އާންމު މަސްތަކާއި އެއްވަރަށް ބިލް ތައްޔާރުކޮށް ހަވާލު ކުރަމުންދާކަމަށް ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ވިދާޅުވެއްޖެއެވެ.
ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ފޭސްބުކް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް ނިމިދިޔަ ރަމަޟާންމަހު ބޭނުންކޮށްފައިވާ ކަރަންޓާއި ފެނުގެ ބިލްތައް އާންމު މަސްމަހުގެ ބިލްތަކަށްވުރެ ބޮޑު ނުވާނޭހެން ޑިސްކައުންޓު ދިނުމަށް ނިންމައި، ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާއި އެއްގޮތަށް ތަންފީޒުކޮށްފަައިވާ ކަމަށެވެ.
އެގޮތުން ރަމަޟާން މަހުގެ ދުވަސްތައް ހިމެނޭހެން އެޕްރީލް މަހު ފޮނުވާފައިވާ ބިލްތަކުގައި ޑިސްކައުންޓް ހިމަނާފައިވާއިރު، ރަމަޟާން މަހުގެ ބާކީ ދުވަސްތައް ހިމެނޭހެން އެންމެ ފަހުން ތައްޔާރުކޮށްފައިވާ ބިލްތަކުގައިވެސް ޑިސްކައުންޓު ހިމެނުމަށްފަހު، މި ރޭގެ ނިޔަލަށް އެ ބިލްތައް ފޮނުވުމުގެ މަސައްކަތް ސްޓެލްކޯއިން ދަނީ ކުރަމުންކަމަށެވެ.
މީގެ އިތުރުން، ޑިސްކައުންޓު ހިމެނުމުގެ ކުރިން ދައްކާފައިވާ ބިލްތަކުން، ޑިސްކައުންޓު ހިމެނުމުން ފަރަޤުވާ އަދަދު ޖެހިގެން އަންނަ މަހުގެ ބިލްތަކުން އުނިކޮށްދޭން ވަނީ ހަމަޖެހިފަައި ކަމަށް ފަހުމީ ވިދާޅުވިއެވެ. އަދި ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއި އެއްގޮތަށް ރައްޔިތުން އެދޭފަދަ ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމުގައްޔާއި، ރައްޔިތުންނަށް ލުއި ފަސޭހަކަން ގެނެސްދެވޭނެ ކޮންމެ ކަމެއް ކުރުމުގައި ސްޓެލްކޯ އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަޤީންކަންދެއްވާ ކަމަށް ފަހުމީ ވިދާޅުވިއެވެ.
އާންމު މަސްތަކާއި އެއްވަރަށް ކަރަންޓާއި ފެން ބިލް ރޯދަމަހުގައި ބޮޑުނުވާނޭ ގޮތަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

