ޙައްޖަށާއި، ޢުމުރާގެ އަޅުކަމަށް ގަވާއިދާ ހިލާފަށް މައްކާއަށް އެތެރެވާ މީހުން މަދުކުރުމަށް ސައުދީ އަރަބިއާގެ ސަރުކާރުން ފިޔަވަޅުތައް ވަރުގަދަ ކޮށްފިއެވެ.
ސައުދީގެ ޖެނެރަލް ޑިރެކްޓަރޭޓް އޮފް ޕަބްލިކް ސެކިއުރިޓީން ނެރުނު ބަޔާނެއްގައިވާ ގޮތުން، އާ ގަވާއިދުގައިވާ ގޮތުން މައްކާއަށް ވަންނަން ބޭނުންވާ ނަމަ ކަމާބެހޭ ފަރާތްތަކުން ހުއްދަ ހޯދަންޖެހޭނެއެވެ. މި ގަވާއިދަށް އަމަލުކުރަން ފަށާނީ 2024 މެއި 4 ވާ ހޮނިހިރު ދުވަހުން ފެށިގެން ކަމަށް ވެސް އެބަޔާނުގައި ވެއެވެ.
ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި މައްކާގެ ކައިރީގައި ހުންނަ ސެކިއުރިޓީ ޗެކްޕޮއިންޓްތަކުގައި ތިބޭ ސައުދީގެ ސެކިއުރިޓީ މުއައްޒަފުން އެކަށީގެންވާ ހުއްދައެއް ނެތް މީހެއް ނަމަ ވަނުން މަނާކުރާނެ އެވެ.
މި ފިޔަވަޅުތައް އެޅުމަށް ސައުދީ ސަރުކާރުން ނިންމާފައިވަނީ ހައްޖު މޫސުމުގައި ހައްޖުވެރިންގެ އަދަދު ކޮންޓްރޯލްކޮށް ހައްޖުވެރިންނަށް ރައްކާތެރިކަމާއި ހިމާޔަތް ފޯރުކޮށްދިނުމުގެ މަގްސަދުގައެވެ.
ކޮންމެ އަހަރަކު ވެސް އެތައް މިލިއަން މުސްލިމުންނެއް ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާގެ މާތް ވެގެންވާ މައްކާއަށް އެތެރެވެއެވެ. 2022 ވަނަ އަހަރުގެ ހައްޖުގެ އަޅުކަމުގައި 899،000 އަށް ވުރެ ގިނަ ބިދޭސީން ބައިވެރިވި އިރު، ސައުދީ އަރަބިއްޔާގެ އެތެރޭން ވެސް އެތައް ލައްކަ ޑޮމެސްޓިކް ހައްޖުވެރިން ބައިވެރިވި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ސައޫދީ ސަރުކާރުން އެކި ގައުމުތަކަށް ކޯޓާ ދޫކުރަނީ އެ ގައުމުތަކުގެ މުސްލިމުންގެ އާބާދީއަށް ބަލައިގެން ކަމަށްވާއިރު އެންމެ ގިނަ އިން ކޯޓާ ދޫކުރަނީ އިންޑިއާ، ޕާކިސްތާން، ބަންގްލަދޭޝް އަދި އިންޑޮނޭޝިއާ އަށެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ކުރިން 2019 ވަނަ އަހަރު ގާތްގަނޑަކަށް 2.49 މިލިއަން މީހުން ވަނީ އުމްރާގެ އަޅުކަން އަދާކޮށްފައެވެ.

