ކައިވެނިކުރަނީ އުމުރަށް އެކީގައި އުޅުމަށް ވައުދުވެ އުފާވެރި ހަޔާތެއް ހޯދުމަށެވެ. ވިސްނާނުލާ ކުރެވޭ ކައިވެނީގެ ސަބަބުން ދެމީހެއްގެ މުޅި ދިރިއުޅުން އެފުށް މިފުށަށް ޖެހިގެން ހިނގައިދާނެއެވެ. މިއީ އެދެމީހެއްގެ ހަޔާތުގައި ދިމާވާނެ އެންމެ ބޮޑު އެއް އިމްތިހާނެވެ.
މީހަކާއި ނީދެހުރެ ގިނަ ދުވަސް ވުމަކީ މުޖުތަމައު ތެރޭގައި މީހުންގެ ފާޑުކިޔުން އަމާޒުވަމުން ދާނެކަމެކެވެ. މި ފަދަ ހާލަތްތަކުގައި ގިނަ ފަހަރު ދިރިއުޅުމުގެ މިސްރާބު ގެއްލި އެއްވެސް ވަރަކަށް ބެލުމެއް ނެތި އަތު ޖެހުނު މީހަކާ ކައިވެނިކުރެވޭ ފަހަރު އާދެއެވެ. މީހަކާއި ނީދެ ހުރެ މުސްކުޅިވެދާނެތީ ބިރުން އަވަސްއަރުވާލައިގެން ކައިވެނި ނުކުރާށެވެ.
އެކަނިވެރި ދިރިއުޅުމެއް އުޅެންޖެހިދާނެތީ ވަރަށް ގިނަ މީހުން އަވަސް އަރުވާލައިގެން ކައިވެނި ކުރެއެވެ. ގިނަ ފަހަރަށް ވިސްނާލުމެއް ނެތި ކުރެވޭ މިފަދަ ކައިވެނިތަކުގެ ސަބަބުން އެކަނި އުޅުމަށް ވުރެ މާބޮޑަށް އެކަނިވެރި ހަޔާތެއް ވޭތުކުރުމަށް މަޖުބޫރުވާ ފަދަ ފަހަރުވެސް އާދައެވެ. އަވަސް އަރުވާލައިގެން މިފަދަ މީހުންނާއި ކައިވެނި ނުކުރާށެވެ.
ތިމާގެއެކުވެރިން ކައިވެނި ކުރާތަން ފެނި ދެއްކުން ތެރިކަމަށް ޕާޓީތަށް ބޭއްވުމަށް ކައިވެނި ނުކުރާށެވެ. އެއީ އެކަމުން ތިމާއަށް ލިބޭ ފައިދާ އަށްވުރެ ބޮޑު ގެއްލުމެއް ލިބޭނެ ކަމަކަށް ގިނަ ފަހަރުވެވެގެންދާނެއެވެ.
ކުޑައިރުގެ ލޯބިވެރިޔާ ގެއްލިދާނެތީ އޭނަގެ ފުށުން ފެންނަ ގޯސް ސިފަތަކަށް ބެލުމެއްނެތި ލޯބި އިސްކޮށްގެން ކައިވެނި ނުކުރާށެވެ. އެއީ ގިނަފަހަރު ތިމާއަށް ކެހި ލިބި ކައިވެނީގެ ފުރިހަމަ މަގުސަދު ގެއްލި ހިނގައިދާނެ ކަމެއް ކަމަށް ވެދާނެއެވެ.
ވިސްނުމެއް ހިޔާލެއްނެތި ލޯބީގެ ގޮތުން ގުޅޭ ކޮންމެ މީހަކާ ކައިވެނި ނުކުރާށެވެ. ކައިވެނި ކުރަންވީ ހުރިހާގޮތަކަށް ބެލުމަށް ފަހު ތިބާއާއި އެކު ރަގަނޅު ދިރިއުޅުމެއް ބިނާކުރެވޭނެ ފަދަ ދީނަށް ލޯބިކުރާ ހެޔޮލަފާ ސާލިހް ބައިވެރިޔަކާއެވެ.
ކައިވެންޏަކީ އިންސާނީ ދަރިފަސްކޮޅު ހެޔޮގޮތުގައި ދެމެހެއްޓުމަށްޓަކައި އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ މާތް އަގުދެކެވެ. ދެ ޖިންސުގެ ދެމީހެއްގެ ދިރިއުޅުން އެއްދިރިއުޅުމެއްގެ ގޮތުގައި އެއް ހަށިގަނޑެއްގެ ގޮތުގައި ގުޅާލެވޭ ގުޅާލުކެވެ. އެހެންކަމުން ކައިވެނި ކުރަންވާނީ ވަރަށް މާތް މަގުސަދެއްގައެވެ.
ދެމީހުން އެކަކުއަނެކަކަށް އިހްތިރާމްކޮށް އިންތިހާއަށް ލޯބިވާންވާނެއެވެ. އިސްލާމީ މަތިވެރި އުސޫލުތަކާއި ހިލާފް ނުވާ ކޮންމެކަމަކަށް ފިރިމީހާ އަމުރުކޮށްފި ނަމަ އަނބިމީހާ ފިރިމީހާއަށް ކިޔަމަންވާވާނެއެވެ. ފިރިމީހާ އަނބިމީހާއަށް ހެޔޮކޮށް ހިތައި ވަފާތެރިވާން ވާނެއެވެ. އެކަކުއަނެކަކަށް އަދާކުރަން ޖެހޭ ހައްގުތައް ބަރާބަރަށް އަދާކުރަން ވާނެއެވެ. މި ކަންކަމާއި ރަގަނޅަށް ވިސްނާލުމަށް ފަހު ކައިވެނި ކުރާށެވެ. މާތްﷲ ގެ ހެޔޮ ރަހުމަތުން ބާއްޖަވެރި ހަޔާތެއް ލިބިގެންދާނެކަން ޔަގީނެވެ.

