އެންމެ ފަހުން ދިޔަ ކަރަންޓު ބިލަށް ޑިސްކައުންޓެއް ދިނުމަށް ކަމާއި ގުޅުންހުރި ފަރާތްތަކާއި އެކު ދަނީ މަޝްވަރާކުރުމަށް ފަހު އެ ބިލްތަކަށް ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ޑިސްކައުންޓް ހަމަޖައްސައިދީފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް، އާންމު މަސްމަހުގެ ބިލްތަކަށްވުރެ ބޮޑު ނުވާނެހެން ރަމަޟާން މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށް ކަނޑައެޅުނު އުސޫލުގެ ދަށުން ރަމަޟާން މަހުގެ ބައެއް ދުވަސްތައް ހިމެނޭ އެންމެ ފަހުން ތައްޔާތުކޮށްފައިވާ އޭޕްރީލް މަހުގެ ބިލުން ވެސް ޑިސްކައުންޓް ދިނުމަށް ނިންމާ، އައު ބިލަތައް ފޮނުވުމުގެ މަސައްކަތް ފެނަކައިން މިއަދު ވަނީ ފަށާފައި ކަމަށް ފެނަކައިން ބުނެފައިވެއެވެ.
އަދި ޑިސްކައުންޓު ހިމެނުމުގެ ކުރިން ބިލް ދައްކަވާފައިވާ ފަރާތްތަކަށް ޖެހިގެން އަންނަ މަހު ތައްޔާރު ކުރެވޭ ބިލުން ޑިސްކައުންޓަށްވާ އަދަދު އުނިކުރެވޭނެ ކަމަށާއި، ފެނަކައިން އަބަދުވެސް މަސައްކަތް ކުރަމުން އަންނާނީ ސަރުކާރުގެ ވިސްނުންފުޅާ އެެއްގޮތަށް، ރައްޔިތުންނަށް ދެވޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ވީހާވެސް ލުއި ގޮތްތައް ހޯދައި ދިނުމަށް ކަމުގައި ކަމަށެވެ.
ނިމިދިޔަ ރަމަޟާން މަހު ބޭނުން ކުރި ކަރަންޓް ނުވަތަ އެމަހުގެ ބިލުން ޑިސްކައުންޓް ދިނުމަށް ނިންމާފައިވާއިރު، ނިމިދިޔަ އޭޕްރިލް މަހުގެ 28 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރުން ވަނީ ރޯދަ މަހަށް ރައްޔިތުންނަށް ލުޔެއް ދިނުމުގެ ގޮތުން ދިން ޑިސްކައުންޓުގެ ދަށުން ހުރިހާ ކަރަންޓު އަދި ފެން ބިލްތަކުން ޑިސްކައުންޓުގެ ގޮތުގައި ޖުމްލަ 20 މިލިޔަން ރުފިޔާ ކަނޑާފައިވާނެކަން ހާމަކޮށްފައެވެ.
މާރޗް، އޭޕްރީލް އަދި މެއި މަހަކީ އާންމުކޮށް ރާއްޖޭގައި ކަރަންޓު ބިލް ބޮޑުވާ ތިން މަހަށްވާއިރު ރޯދަމަހު އެކަނި ކަރަންޓު ބިލުން ޑިސްކައުންޓު ދިނުމާ ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފަހުމީ ވިދާޅުވީ، ސްޓެލްކޯއިން ބެލި ބެލުމުން އެހެން މަސްތަކުގައި ކަރަންޓުގެ ޕީކު ހުންނަ މިންވަރު ރޯދަމަހު އިތުރުވާ ކަމަށެވެ. ރޯދަމަހުގެ ބިލުން ޑިސްކައުންޓު ދޭން ނިންމި ނިންމުމަކީ ރަނަގަޅަށް ބެލުމަށްފަހު ނިންމި ނިންމުމެއް ކަމަށް އޭނާ ވިދާޅުވިއެވެ

