މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓް، (އެސްއޯސީޑީ)އިން ތަހުގީގު ކުރަމުންދާ، އޮފީހެއްގެ މުދަލަށް ގެއްލުންދީ އެތަނުން ވައްކަން ކޮށްފައިވާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވާން ޖެހޭ މީހަކު ހޯދަން އިއުލާންކޮށްފިއެވެ.
ފުލުހުންގެ އެސްއޯސީޑީ އިން ބަލަމުންދާ މިމައްސަލައިގައި ހާޒިރު ކުރަން ބޭނުންވެގެން އިއުލާން ކޮށްފައި ވަނީ އުމުރުން 34 އަހަރުގެ ގދ ތިނަދޫ ސަކީނާމަންޒިލް، އައިޑީ ކާޑު ނަންބަރު: A317560، އިބްރާހީމް ނާޝިދު ކިޔާ މީހެކެވެ.
މީނާ ހޯދަން އިއުލާން ކޮށްފައި މިވަނީ، މި މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށެވެ.
ހާޒިރުވާންޖެހޭ ތަނާއި ތާރީޚާއި ގަޑި: ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، 2024 މެއި 12 ވަނަ ދުވަހުގެ 08:30 އަށް
މީނާއަކީ ކުރިންވެސް މަސްތުވާތަކެތީގެ އެކިކަހަލަ މައްސަލަތަކާއި އެހެނިހެން މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ މީހެކެވެ.

