ނައިޖީރިއާގެ އިރުއުތުރުގެ ސްޓޭޓެއް ކަމަށްވާ އަޑަމާވާގައި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ހިމަބިހި ޖެހިގެން 42 މީހަކު މަރުވެފައިވާ ކަމަށް އެ ސްޓޭޓްގެ ހެލްތު ކޮމިޝަނަރު މައުލޫމަތު ދީފައިވެ އެވެ.
ފެލިކްސް ޓަންގްވާމީ ހުކުރު ދުވަހު ބުނެފައިވާ ގޮތުގައި ހިމަބިހީގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ލޯކަލް ގަވަމެންޓްގެ ދެ ސަރަހައްދަކަށް ކަމަށާއި އެ ސަރަހައްދުން ގާތްގަނޑަކަށް 200 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ.
"ހިމަބިހީގެ ވެކްސިން ވަނީ އެ ސަރަހައްދުތަކަށް ދޫކޮށްފައި. އަޅުގަނޑުމެންގެ ފީލްޑް ޓީމުތަކުން ދަނީ ހާލަތު ކޮންޓްރޯލް ކުރުމަށް މަސައްކަތްކުރަމުން." މީޑިއާ ބްރީފިންގައި އޭނާ ބުނެފައިވެ އެވެ.
ހިމަބިއްސަކީ ގައިންގަޔަށް އަރާ، ވައިގެ ޒަރިއްޔާއިން ފެތުރޭ ވައިރަހެކެވެ. މި ބަލި އާންމުކޮށް ޖެހެނީ ފަސް އަހަރުން ދަށުގެ ކުޑަކުދިންނަށެވެ. މިބަލިން ސަލާމަތްވުމަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރަން ޖެހެއެވެ. މިބަލި ޖެހިގެން އެންމެ ފުރަތަމަ ފެންނަ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ކެއްސުމާއި ނޭފަތުން ފެން އައުން ހިމެނެއެވެ. މީގެ އިތުރުން މުޅި ގައިގައި ރިއްސުން އެހެނިހެން އުދަނގޫތައްވެސް ކުރިމަތިވެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި 2000 ވަނަ އަހަރުން ފެށިގެން މިހާތަނަށް ވެކްސިން ގެ ސަބަބުން ހިމަބިހި ޖެހިފައިވާ 50 މިލިއަނަށް ވުރެ ގިނަ މީހުން މި ބަލިން ސަލާމަތްވެފައިވެއެވެ.
ނައިޖީރިއާގެ އުތުރުގެ ގިނަ ސްޓޭޓްތަކެއްގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ނުތަނަވަސްކަމުގެ ސަބަބުން ވެކްސިން ކެމްޕެއިންތަކަށް ހުރަސްއެޅި، އެތައް ކުޑަކުދިންނެއް ބޮޑު ނުރައްކަލަށް ހުށަހެޅިގެންދެއެވެ.
ހަތިޔާރު އެޅި ޖަމާއަތެއް ކަމަށްވާ ބޯކޯ ހަރާމުން ނައިޖީރިއާގައި 2009 ވަނަ އަހަރު ހަމަލާދޭން ފެށި ފަހުން މިހާތަނަށް ދެ މިލިއަނަށް ވުރެ ގިނަ މީހުން ގެދޮރު ގެއްލި، ދުނިޔޭގައި މިހާރު ހިނގަމުންދާ އެންމެ ނުރައްކާތެރި އިންސާނީ ކާރިސާއާ ކުރިމަތިލާން ޖެހުނެވެ.
ނައިޖީރިއާގެ ހުޅަނގު އުތުރުގެ ސަރަހައްދުތަކުގެ ސަލާމަތީ ކަންކަން ދަށްވުމުގެ ސަބަބުން ގޭންގުތަކުގެ ބާރު ވަނީ އިތުރަށް ވަރުގަދަވެފަ އެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އެގައުމުގެ ބައެއް ސަރަހައްދުތަކުގެ ސިއްހީ ނިޒާމާއި ވެކްސިން ޕްރޮގްރާމްތަކަށް ވެސް ބުރޫ އަރާފައިވާ ކަމަށް އެމްއެސްއެފްގެ ނަމުން މަޝްހޫރުވެފައިވާ ޑޮކްޓާސް ވިތައުޓް ބޯޑާސް އިން ބުނެ އެވެ.
އެމްއެސްއެފް އިން މި އަހަރުގެ ކުރީކޮޅު ބުނެފައި ވަނީ ނައިޖީރިއާގައި ޕަބްލިކް ހެލްތުގެ ފަރާތުން މަސައްކަތްކުރާ ފަރާތްތަކަށް ހިމަބިހި ކޮންޓްރޯލް ކުރުމަށް ބޭނުންވާ 95 ޕަސެންޓް ވެކްސިން ރޭޓް ހާސިލް ނުކުރެވުމުގެ ސަބަބުން މިދިޔަ އަހަރު ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.
އެމްއެސްއެފް އިން ބުނީ އޮކްޓޯބަރު މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް 3،965 މީހަކަށް މި ބައްޔަށް ފަރުވާ ދީފައިވާ ކަމަށެވެ.
"މިއީ މައިދުގުރީގެ ވަށައިގެންވާ މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ވަނުމުގައި ސިއްހީ ހިދުމަތްތެރިންނަށް ދިމާވާ ދަތިތަކުގެ ސަބަބުން މެދުވެރިވާ ކަމެއް،"
އިރުއުތުރުގެ ސްޓޭޓެއް ކަމަށްވާ ބޯނޯގެ ވެރިރަށުގައި ހުންނަ ގްވަންގޭ ޕީޑިއެޓްރިކް ހޮސްޕިޓަލްގެ އެމްއެސްއެފް މެޑިކަލް އެކްޓިވިޓީ މެނޭޖަރު ޖޮމްބޯ ޓޮޗުކުވޫ-އޮކޮލީ މިދިޔަ ފެބްރުއަރީ މަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެ އެވެ.
ވެކްސިން ނުޖަހާ ކުދިންގެ މެދުގައި މި ވައިރަސް ވަރަށް އަވަހަށް ފެތުރިގެންދާނެއެވެ. "ބަލި ޖެހިފައިވާ އެއް ކުއްޖެއްގެ ފަރާތުން ވެކްސިން ނުޖަހާ އިތުރު 9 ކުދިންނާއި 12 ކުދިންނާއި ދެމެދުގެ އަދަދަކަށް ވައިރަސް ފެތުރިގެންދާނެ" ޓޮޗުކުވޫ-އޮކޮލީ އިތުރަށް ބުނެފައިވެއެވެ.

