ގަވާއިދާ ހިލާފަށް މާލޭ އިންޑަސްޓްރިއަލް ވިލެޖަށް ކުނިއަޅާ މީހުންނާމެދު ފިޔަވަޅު އަޅާނެ ކަމަށް، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯ އިން ހާމަކޮށްފިއެވެ.
ވެމްކޯއިން މިކަން ހާމަލކޮށްފައި މިވަނީ ކުނި ގިނަވެ، ގޮނޑުވެފައި އޮންނަތާ އެތަކެއް ދުވަސް ވެފައިވާ މާލޭގެ އިންޑަސްޓްރިއަލް ވިލެޖު ސާފުކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން އިއްޔެ ފަށާފައިވާ ދަނޑިވަޅެއްގައެވެ.
ވެމްކޯއިން ބުނީ، ގަވާއިދާއި ޚިލާފަށް ތަންތަނަށް ކުނިއަޅާ ފަރާތްތަކަށް މާލެ ސިޓީ ކައުންސިލާ ގުޅިގެން ފިޔަވަޅު އަޅާނެކަމަށާއި އެފަދަ ޢަމަލުތައް ހުއްޓުވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ވެމްކޯ އިން ވަނީ ގޮވާލާފައެވެ.
“އިންޑަސްޓްރިއަލް ވިލެޖް ކްލީން އަޕް” ޙަރަކާތް ކުރިއަށް ގެންގޮސްފައިވާއިރު ނުވަ މަސް ދުވަހުގެ ތެރޭގައި އެ ސަރަޙައްދު ތިން ފަހަރެއްގެ މަތިން އެއްކޮށް ސާފު ކޮށްފައި ވާކަމަށް ވެމްކޯ އިން ވަނީ ބުނެފައެވެ.
މާލޭ އިންޑަސްޓްރިއަލް ވިލެޖު ސާފުކުރަނީ މާލޭ ސިޓީ ކައުންސިލާއި، ވެމްކޯ، ހައުސިން މިނިސްޓްރީ، ލޯކަލް ގަވަމަންޓު މިނިސްޓަރީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އަދި ފުލުހުން ގުޅިގެންނެވެ.

