އާންމުންގެ މެދުގައި މަޝްހޫރު ޓީވީ ސިލްސިލާ ޑްރާމާ “އަނުޕަމާ” ގައި ޓައިޓްލް ރޯލު ކުޅެމުން އަންނަ ބަތަލާ ރުޕާލީ ގަންގޫލީ ވެރިކަން ކުރާ ޕާޓީ، ބީޖޭޕީ އަށް ސޮއިކޮށްފި އެވެ.
ބޮޑު މަގުބޫލު ކަމެއް ހޯދައިފައިވާ އެންމެ ގިނަ މީހުން ބަލާ އެއް ޑްރާމާގެ ގޮތުގައި، އަދި އެންމެ ގިނަ އެވޯޑް އެންމެ ފަހު އެވޯޑް ހަފުލާގައިވެސް އުފުލާލި “އަނުޕަމާ” ރުޕާލީ ވެގެން ގޮސްފައިވަނީ ގިނަ ބައެއްގެ އެންމެ މަގުބޫލު ޑްރާމާ ކުޅޭ ބަތަލާއަށެވެ. ކޮންމެ ރެއެއްގެ އެޕިސޯޑު ނިމޭއިރު އެންމެންގެ ލޯތައްވެސް ކަރުނުން ފުރުވައިލާ، އަދި ކޮންމެ ހިތަކުން ޖާގަ ހޯދަމުންދާ އަނޫޕަމާ، ނުވަތަ ރޫޕާލި ނިއު ދިއްލީގައި ހުންނަ ބީޖޭޕީގެ ހެޑްކުއާޓަރުގައި އެ ޕާޓީ އަށް ސޮއިކުރީ މިދިޔަ ބުދަ ދުވަހުގައެވެ.
މި ރަސްމިއްޔާތުގައި ޕާޓީގެ ލީޑަރުން ކަމަށްވާ ވިނޯދު ތައުޑޭ އާއި އަނިލް ބަލޫނީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ސޯޝަލް މީީޑިއާގައި އޭނާ ވަނީ ފޮޓޯތަށް ހިއްސާ ކޮށްފައިއެވެ.
ބީޖޭޕީއާ ގުޅުމަށްފަހު ބަތަލާ ރުޕާލީ ގަންގޫލީ(އަނޫޕަމާ) ބުނީ ބީޖޭޕީއާ މެދު އެންމެން ޝައުގުވެރިވާ އެއް ޝަހުސިއްޔަތަކީ މޯދީކަމަށާއި އޭނާގެ މަސައްކަތުގެ ވައްޓަފާޅިއާއި ޝަހުސިއްޔަތާއި އަޅުގަނޑުމެންގެ ގައުމު ތަރައްގީއާ ދިމާލަށް ގެންދެވި ގޮތާއި އިންޑިއާގެ ކޮންމެ ރައްޔިތަކު ވެސް ބޭނުންވަނީ “މޯދީ ސޭނާ” އާ ގުޅިވަޑައިގެން ގައުމަށް އެހީތެރިކަން ފޯރުކޮށްދޭން ކަމަށާއި އަޅުގަނޑަށް ވެސް އެކަން އިހުސާސް ކުރެވުނު ކަމަށާއި އެހެންވެ ބީޖޭޕީއާ ގުޅުނީ ކަމަށެވެ.
“ކޮންމެ މީހަކުވެސް ބީޖޭޕީއާމެދު ޝައުގުވެރިކުރުވާ ސަބަބަކީ މޯދީޖީ، މީގެ ކުރިން ސިޔާސީ ކަންކަމަށް ޝައުގުވެރިނުވާ ފަރާތްތައްވެސް މޯދީޖީގެ ސަބަަބުން ބީޖޭޕީއާ ގުޅެން ބޭނުންވޭ. މޯދީޖީ ގައުމަށް ކޮށްދެއްވާފައިވާ ކަންތައްތަކާއި މޯދީޖީގެ މަސައްކަތުގެ ވައްޓަފާޅިއާއި ޝަހުސިއްޔަތާއި ގައުމު ތަރައްގީއާ ދިމާލަށް ގެންދެވި ގޮތްފެނި އިންޑިއާގެ ކޮންމެ ރައްޔިތަކުންވެސް މޯދީސޭނާ އާ ގުޅިގެން ގައުމަށް އެހީވާން ބޭނުންވޭ، އެހެންވެ ހިތަށްއެރީ “މޯދީ ސޭނާ” އާ ގުޅިގެން ގައުމަށް ކުޑަނަމަވެސް ކޮންމެވެސް ކަހަލަ ހިދުމަތެއް ކޮށްދޭން ވެއްޖެއޭ، މޯދީސޭނާ އާ ގުޅުނީ،” ރޫޕާލީ (އަނޫޕަމާ) ކިޔައިދިނެވެ.
ރުޕާލީ ބުނީ އިންޑިއާ ބޭނުން ވަނީ މޯދީ ކަހަލަ ވެރިއެއް ކަމަށާއި އެފަދަ ވެރިއަކު ގައުމު ހިންގެވުމުގައި ހުންނެވުމަކީ އިންޑިއާގެ ހުރިހާ ރައްޔިތުން ފަހުރުވެރިވާން ޖެހޭ ކަމެއް ކަމަށެވެ. އަންނަ މަހުގެ 1 ގައި ނިންމާ ގޮތަށް ކުރިއަށްދާ އިންތިހާބު ވާނީ މޯދީ އަށް ވެރިކަމުގެ ތިން ވަނަ ދައުރެއް ލިބޭނެތޯ ނޫންތޯ ސާފުވާނެ އިންތިހާބަކަށެވެ.

