މިހާރު އެކުލަވާލައި މަޖްލީހަށް ފޮނުވުމަށް މަސައްކަތްކުރަމުންދާ ޓްރޭޑްމާރކާއި ބެހޭ ބިލާމެދު ކަމުގެ މާހިރުންނާ ހިޔާލުބަދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
ޔުނައިޑެޓް ސްޓޭޓްސް ޕޭޓަންޓް އެންޑް ޓްރޭޑްމާރކް އޮފީސް (ޔޫ.އެސް.ޕީ.ޓީ.އޯ) އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި، މޯލްޑިވްސް ކަސްޓަމްސް ސާރވިސް ގުޅިގެން ޓްރޭޑްމަރކުގެ ހައްޤުތަކާއި ގުޅޭގޮތުން ކަމާގުޅުންހުރި އިދާރާތަކުގެ މުވައްޒަފުން ވަނީ ތަމްރީން ކުރައްވާފައެވެ. އެގޮތުނ މިހާރު އެކުލަވާލައި މަޖްލީހަށް ފޮނުވުމަށް މަސައްކަތްކުރަމުންދާ ޓްރޭޑްމާރކާއި ބެހޭ ބިލާމެދު ކަމުގެ މާހިރުންނާއެކު ހިޔާލުބަދަލުކޮށް މަޝްވަރެވުނު ކަމަށްވެސް ބުނެފައި ވެއެވެ.
މީގެ ކުރިން ޓްރޭޑްމާކްގެ ބިލަށް އާންމުގެ ހިޔާލުހޯދުމަށްވެސް ހުޅުވާލިއެވެ. އެ ގޮތުން އޭރު އިކޮނޮމިކް މިނިސްޓްރީން ބުނީ އެ ބިލުގެ ދާއިރާގައި ހިމެނޭ ކަންކަމަށް ޢާންމުންގެ ޚިޔާލު ލިބުމަކީ، ސަރުކާރުގެ މުހިއްމު މަސައްކަތަށް ލިބިގެންދާނެ އިތުރު ފުރިހަމަކަމެއް ކަމުގައެވެ. އެ މިނިސްޓްރީން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ފުރިހަމަކުރެއްވުމަށް ޓްރޭޑްމާރކާ ގުޅުންހުރި ޙައްޤުތައް ރަޖިސްޓަރީކޮށް ރައްކާތެރިކުރުމުގެ ޤާނޫނީ އޮނިގަނޑެއްބޭނުންވާ ކަމުގައެވެ.
ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކަށް ފަހި މާހައުލެއް ޤާއިމުކުރުމަށްޓަކައި ޓްރޭޑްމާރކް ރަޖިސްޓަރީ ކޮށްދިނުމާގުޅޭ ނިޒާމެއް ޤާއިމުކޮށް އެކަމާގުޅޭ މައިގަނޑު އުސޫލުތައް ކަނޑައަޅަން ޖެހޭ ކަމަށާއި، އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ އުސޫލު އަދި ޙައްޤު ގެއްލޭ ފަރާތްތަކަށް ލިބިދޭ ފަރުވާވެސް އޮންނާނެ ކަމަށް ބުނެއެވެ.
މި މަހުގެ 5 ވަނަ ދުވަހު ފެށުނު މި ބައްދަލުވުން ނިންމާލީ މިއަދުއެވެ. މި ބައްދަލުވުން ކުރިއަށް ދިޔައީ މޯލްޑިވްސް ކަސްޓަމްސް ސާރވިސްގައެވެ.
ިއެ ސެމިނަރގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މޯލްޑިވްސް ކަސްޓަމްސް ސާރވިސް، އެޓާނީ ޖެނެރަލްގެ އޮފީސް، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް، މިނިސްޓްރީ އޮފް ޔޫތް، މޯލްޑިވްސް ޕޮލިސް ސާރވިސް، ބާ ކައުންސިލް އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ މުވައްޒިފުން ބައިވެރިވިއެވެ.
އެ ސެމިނަރގައި ޓްރޭޑްމަރކް ރަޖިސްޓްރީކުރުމުގައި ބަލަންޖެހޭ ކަންކަމާއި، ރަޖިސްޓްރޭޝަން ޕްރޮސެސް ހިނގާގޮތާއި، ރަޖިސްޓްރީކުރުމުގައި ދިމާވާ ދަތިތަކާއި ގުޅޭގޮތުން ސެމިނަރގެ ބައިވެރިންނަށް މައުލޫމާތް ދެވުނެވެ. ވިޔަފާރިތަކަށް އެންމެ ފުރިހަމަ ގޮތުގައި ފިކުރީމުދަލުގެ ނަފާ ލިބޭނެގޮތް ހޯދައިދީ، ދިވެހިރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަށް ދިވެހިރާއްޖޭގެ ވިޔަފާރީގެ މާހައުލަށް އިތުބާރު ހޯދައިދިނުމަށްޓަކައި ފިކުރީމުދާ ހިމާޔަތްކޮށް ރައްކާތެރިކޮށްދިނުމަކީ ސަރުކާރުން އިސްކަމެއް ދީގެން ކުރަމުންގެންދާ މަސައްކަތެކެވެ.
މިގޮތުން ކޮޕީރައިޓާއި، އެއާއި ގުޅޭ އެހެނިހެން ހައްޤުތަކުގެ ޤާނޫނު އިސްލާހުކުރުމަށް މިހާރުވަނީ މަޖްލީހަށް ފޮނުވިފަ ކަމަށްވެސް ބުނެފައި ވެއެވެ. އަދި މިއަހަރުތެރޭގައި ޓްރޭޑްމަރކާއި ބެހޭ ބިލް މަޖްލީހަށް ފޮނުވުމަށް މަސައްކަތްކުރަމުންދާ ކަމަށާއި، އަދި އެ މިނިސްޓްރީން ގެންދަނީ ޕޭޓަންޓާއި ބެހޭ ބިލަކާއި، ޖޯގްރަފިކަލް އިންޑިކޭޝަންސް އާއި ބެލޭ ބިލެއްވެސް ތައްޔާރުކުރުމުގެ މަސައްކަތްކުރަމުން ކަމަށް ބުނެފައެވެ.
މީގެ އިތުރުން އަދަބީ އަދި ފަންނީ މަސައްކަތްކުރާ ފަރާތްތަކަށް އެމީހުންކުރާ މަސައްކަތަށް ރޯޔަލްޓީ ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި ކަލެކްޓިވް މެނޭކްމަންޓް އޯގަނައިޒޭޝަންއެއް އުދެއްދުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ބުނެފަވެއެވެ.

