ޣައްޒާގެ އުތުރުގައިވާ ސަރަޙައްދުތަކުން ކާބޯތަކެތި ހުސްވެފައިވާ ކަން ހާމަކޮށް، އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުން ބަނޑަށްޖެހެމުންދާ ކަމުގެ އިންޒާރު އދއިން ކޮށްފިއެވެ. އދގެ އިދާރާއެއް ކަމުގައިވާ ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޕުރޮގުރާމު (ޑަބްލިޔުއެފްޕީ)ން ބުނީ ޣައްޒާގެ އެހެން ސަރަޙައްދުތަކުން ވެސް ހަލުވިކަމާ އެކު ކާބޯތަކެތި ހުސްވަމުންދާ ކަމަށާއި، އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ވެސް ހައިހޫނުގައި ޖެހިފައިވާ ކަމުގައެވެ.
ޑަބްލިޔުއެފްޕީގެ ވެރިޔާ ސިންޑީ މެކެއިން ވިދާޅުވީ، މިއީ ބަޔަކު ބުނި ބަހަކަށް ބިނާކޮށް ހާމަކޮށްފައިވާ މަޢުލޫމާތެއް ނޫން ކަމަށާއި، މިއީ ޣައްޒާގެ މިއަދުގެ ޙަޤީޤަތް ކަމުގައެވެ. އަދި، ޣައްޒާގެ އުތުރުގެ ސަރަޙައްދުތަކުން އެ އިދާރާގެ އޮފިޝަލުންނަށް ފެންނަމުންދާ މަންޒަރުތަކުގެ މައްޗަށް ބިނާކޮށް ހާމަކޮށްފައިވާ މަޢުލޫމާތެއް ކަމުގައެވެ. އދގެ އިދާރާތަކާއި އެހީދޭ ޖަމާޢަތްތަކުން މީގެ ކުރިން ވެސް ވަނީ ޣައްޒާގެ ރައްޔިތުން ހައިހޫނުގައި ޖެހިފައިވާ ކަން ހާމަކޮށް، އިންޒާރު ކޮށްފައެވެ.
"އެއީ ބޮޑު ބިރެއް. އެ މަންޒަރު ބަލަން ވަރަށް ދަތި. އެ އަޑުތައް އަހަން ވަރަށް ދަތި. އަޅުގަނޑުމެން މެދުކެނޑުމެއް ނެތި އާދޭސް ކުރަމުން މި ދަނީ [ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ] ޢުދުވާން މެދުކަނޑައިލަން. ޣައްޒާއަށް ވަނުމުގެ ފުރުޞަތު ދިނުމަށް،" މެކެއިން ވިދާޅުވިއެވެ. ޣައްޒާގެ އާބާދީގެ 70 އިންސައްތަ މީހުން ހައިހޫނުގައި ޖެހިފައިވާ ކަމުގައި އދ އިން ބުނެއެވެ.
ޣައްޒާއިން ކާބޯތަކެތި ހުސްވެ، އެ ސަހަރުގެ 2.3 މިލިޔަނެއްހާ ރައްޔިތުން ހައިހޫނުގައި ޖެހިފައިވާ ކަމަށް އދއާއި އެހީދޭ ޖަމާޢަތްތަކުން އިންޒާރު ކުރި ނަމަވެސް، ޔަހޫދީން އެ ކަމަށް ފަރުވާލެއް ނުދެއެވެ. ޔަހޫދީ ފައުޖުން އަދިވެސް ދަނީ ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރަން ހުރަސް އަޅަމުންނެވެ. އަދި، ވައްދާ މަދު އުޅަނދުފަހަރަށް ޙަމަލާދެމުންނެވެ. އަދި، އެހީގެ އިންތިޒާރުގައި މަޑުކޮށްގެން ތިބި ފަލަސްޠީނުގެ މުސްލިމުންނަށް ޙަމަލާދީ، އެ މީހުން ޝަހީދު ކުރަމުންނެވެ.
މި ހަފުތާގައި ޔަހޫދީ ފައުޖުން ވަނީ ބަޔިތު ޙަނޫން ސަރަޙައްދީ ރޮނގު ވަގުތީ ގޮތުން ހުޅުވައިލައި، އެހީގެ ގާފިލާތައް ވެއްދުމުގެ ފުރުޞަތު ދީފައެވެ. ނަމަވެސް، ޔަހޫދީ ވަޒަންވެރިންގެ ބަޔަކު ވަނީ، އެ މަގުން ޣައްޒާއަށް ވަތް އުރުދުންގެ ގާފިލާތަކަށް ޙަމަލާދީ، ދަތުރު ކުރުމަށް ހުރަސް އަޅާފައެވެ. އދއިން ބުނީ، ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުން ބަނޑުފުރާނަމުއްތި ކުރަން ބޭނުންވާ މިންވަރަށް ކާބޯތަކެތި ނުވެއްދޭ ކަމުގައެވެ.
ޣައްޒާގެ އާބާދީގައި ހިމެނޭ 1.5 މިލިޔަނެއްހާ ރައްޔިތުން މި ވަގުތު ތިބީ އެ ސަހަރުގެ އެންމެ ދެކުނުން އޮތް ރަފަޙުގައެވެ. އެ މީހުން ދިރިއުޅެމުން ދަނީ ތޮއްޖެހިފައިވާ ފޭލިގެތަކާއި ވަގުތީ ހިޔާތަކުގައި ވަރަށް ނިކަމެތި ހާލުގައެވެ. ނަމަވެސް، އެ މީހުންނަށް ވެސް ރައްކަލެއް ނެތެވެ. ޔަހޫދީ ފައުޖުން މިހާރު ދަނީ އެއްގަމު މަގުން ރަފަޙަށް އަރައި، ޢުދުވާން ފުޅާ ކުރަން ތައްޔާރުވަމުންނެވެ.
2023ވަނަ އަހަރުގެ އޮކްޓޫބަރު 7 ގައި ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 34,654 އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000 އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު، ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000 އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 77,908 އަށް އުފުލިފައެވެ. އދއިން ބުނީ، ޣައްޒާގައި ހައިހޫނު ކަމާ ކުރިމަތިލާން ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.

