އަންނަ ދިރާސީ އަހަރުގައި މާލެ ސަރަޙައްދުގެ ސްކޫލްތަކަށް ގްރޭޑް އެކަކަށް ވެއްދުމަށް އެދި 2000 އަށް ވުރެ ގިނަ ފޯމް ހުށައަޅައިފިއެވެ.
ދިރާސީ އައު އަހަރުގައި މާލެ ސަރަޙައްދުގެ ސްކޫލްތަކަށް ކުދިން ވެއްދުމަށް ފޯމް ހުށައެޅުމުގެ ފުރުޞަތު އަންނަ އަންގާރަ ދުވަހަށް ހަމަވާނެއެވެ.
ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވީ މިހާތަނަށް މާލެ ސަރަޙައްދުގެ ސްކޫލްތަކުގެ ގްރޭޑް 1 އަށް ވެއްދުމަށް އެދި 2290 ފޯމް ލިބިފައިވާކަމަށެވެ. އަދި ގްރޭޑް 1 ފިޔަވައި އެހެނިހެން ގްރޭޑްތަކަށް ވެއްދުމަށް އެދި 1450 ފޯމް ލިބިފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މީގެ އިތުރުން އަތޮޅުތަކުގެ ސްކޫލްތަކުން މާލެ ސްކޫލްތަކަށް ބަދަލުވާން އެދި 790 ފޯމެއް ލިބިފައިވާކަމަށާއި، މާލޭގެ އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވުމަށް އެދި 660 ފޯމް ހުށައަޅާފައިވާކަމަށް ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވީ، އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ހުށައަޅާ ހުރިހާ ފޯމްތަކަށް މި މަހުގެ 13 ވަނަ ދުވަހުގެ ކުރިން ޖަވާބު ފޮނުވާނެކަމަށެވެ.
2024 ވަނަ އަހަރުގެ ދިރާސީ އައު އަހަރު ފެށޭނީ މިމަހުގެ 26 ވަނަ ދުވަހުއެވެ.
ތަޢުލީމީ ވުޒާރާއިން ވިދާޅުވެފައިވަނީ ދިރާސީ އަހަރު ޔޫ.ކޭ.ޖީ ފުރިހަމަކޮށްފައިވާ ހުރިހާ ދަރިވަރުން އަންނަ ދިރާސީ އަހަރު ގްރޭޑް އެކަކަށް ބަދަލުކުރެވޭނެކަމަށެވެ. އެ ކުދިން ވާންޖެހެނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް 6 އަހަރު ފުރި، 7 އަހަރު ނުފުރޭ ކުދިންނަށެވެ.

