އިސްރާއީލު ހަނގުރާމައިގައި ޒަހަމްވި މީހުންނަށް ފަރުވާ ދިނުމަށް ޣައްޒާގައި 43 ދުވަސް ހޭދަކުރި ޑޮކްޓަރު ޣައްސާން އަބޫ ސިއްތާ ފްރާންސަށް އެތެރެވުން މަނާކޮށްފިއެވެ.
"އަހަރެން މިހުރީ ޗާލްސް ޑި ގޯލް އެއާޕޯޓުގައި. ފްރާންސަށް ވަނުމަށް އެމީހުން ހުރަސް އަޅަނީ. އަހަރެން މިއަދު ފްރާންސްގެ ސެނެޓްގައި ތަގުރީރު ދިނުމަށް ހަމަޖެހިފައިވޭ." ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި އަބޫ-ސިއްތާ ހޮނިހިރު ދުވަހު ކުރި ޕޯސްޓެއްގައި ވެ އެވެ.
ގްލާސްގޯ ޔުނިވާސިޓީގެ ރެކްޓާކަން ކޮށްފައިވާ އިނގިރޭސި-ފަލަސްތީނަށް ނިސްބަތްވާ މަޝްހޫރު ޕްލާސްޓިކް ސާޖަން ބުނެފައިވާ ގޮތުގައި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުން ޖަލުގައި މަރާލާއިރު، ޔޫރަޕުން ހެކިވެރިންގެ އަނގަ ބަންދުކޮށްލަނީއެވެ.
އަބޫ ސިއްޓާ މިހާރު ހުރީ އެއާޕޯޓުގެ ހޯލްޑިން ޒޯނެއްގައި ބަހައްޓާފައި ކަމަށް ސެނެޓުގައި ވާހަކަ ދެއްކުމަށް ދައުވަތު ދިން ގްރީން ޕާޓީގެ މެމްބަރެއް ކަމަށްވާ ފްރާންސްގެ ސެނެޓަރު ރޭމޮންޑޭ ޕޮންސެޓް މޮންގޭ ބުންޏެވެ.
ގްރީންސްގެ ސެނެޓް ގްރޫޕްގެ ރައީސް ގުއިލައުމް ގޮންޓާޑް ވަނީ އަބޫ-ސިއްޓާ ބްލޮކް ކުރަން ނިންމި ނިންމުމަކީ ވަރަށް ދެރަ ނިންމުމެއް ކަމަށް ސިފަކުރައްވައި، އެނިންމުން އަނބުރާ ނެގުމަށް ދާޚިލީ ވުޒާރާތަކާއި ޚާރިޖީ ވުޒާރާތަކާ މަޝްވަރާ ކުރައްވަމުން ގެންދާ ކަމަށް ބުނެފައެވެ. ނަމަވެސް އެ ޑޮކްޓަރު އަނބުރާ އިނގިރޭސިވިލާތަށް ފޮނުވާލެވޭނެ ކަމަށް އޭނާ ބުނެފައިވެ އެވެ.
އެކްސްގައި ޕޯސްޓްކުރަމުން ޕޮންސެޓް މޮންގޭ ބުނީ މި ސެމިނާއަށް އަބޫ-ސިއްތާއަށް ނާދެވޭތީ ހިތްހަމަ ނުޖެހުން ފާޅުކުރާކަމަށާއި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަބޫ-ސިއްތާއަށް ވާހަކަ ދެއްކޭނެ އިންތިޒާމް ހަމަޖެހިގެން ދާނެ ކަމަށެވެ.
އަބޫ-ސިއްތާ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އޭނާ ފްރާންސަށް އެތެރެނުވެވުނީ މިދިޔަ މަހު ޖަރުމަނުން އޭނާ އެތެރެވުން މަނާކޮށްފައިވާތީ ކަމަށެވެ .
"އެމީހުން ބުނާގޮތުގައި ޖަރުމަނުން ވަނީ އަހަރެން ޔޫރަޕަށް އެތެރެވުން 1 އަހަރު ދުވަހަށް މަނާކޮށްފައި" އޭނާ ލިޔެފައިވެއެވެ.
ފްރާންސްގެ ފުލުހުންގެ މަސްދަރަކުން އޭއެފްޕީ ނިއުސް އެޖެންސީއަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި ފްރާންސަށް ޑޮކްޓަރު އެތެރެވުމަށް ހުއްދަ ނުދެވެނީ ޖަރުމަނުން ޔޫރަޕްގެ ބޯޑަރ ފްރީ ޝެންގެން ޒޯނަށް އޭނާ އެތެރެވުން މަނާކޮށްފައި އޮތުމުންނެވެ.
ފަރަންސޭސި ވިލާތުގެ ޚާރިޖީ ވުޒާރާއާއި ދާޚިލީ ވުޒާރާއާއި ޕެރިސް އެއަރޕޯޓް އޮތޯރިޓީން މިކަން ހިނގައިދިޔަ ގޮތާ ބެހޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
މިދިޔަ އޭޕްރީލް މަހު ބާލިންގައި ބޭއްވި ފަލަސްތީނު ކޮންގްރެސް އިވެންޓުގައި އަބޫ-ސިއްތާ ތަގުރީރު ދޭން ހަމަޖެހިފައި ވަނިކޮށް ޖަރުމަނުން ވަނީ އޭނާ ވަނުމަށް ހުރަސް އަޅާފައެވެ.
އޭނާ ބުނެފައިވާ ގޮތުގައި އެއާޕޯޓުގައި އެތައް ގަޑިއިރެއް ވަންދެން އޭނާއާ ސުވާލުކުރުމަށްފަހު އެގައުމަށް އެތެރެވުމުގެ ހުއްދަ ނުދޭނެކަމަށް ނިންމާފައިވާ ކަމަށެވެ.
އިޒްރޭލްގެ އެންމެ ބޮޑު އަސްކަރީ ސަޕްލަޔަރުންގެ ތެރޭގައި ހިމެނޭ ޖަރުމަނަކީ 2023 ވަނަ އަހަރު 326.5 މިލިއަން ޔޫރޯ (353.7 މިލިއަން ޑޮލަރު) ގެ ސާމާނާއި ހަތިޔާރު އިޒްރޭލަށް ފޮނުވާފައިވާ ގައުމެއް ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ފަލަސްތީނުގެ ކޮންގްރެސް ކެންސަލް ކުރުމަށް ސަރުކާރުގެ ޕްރެޝަރު އޮތް ކަމަށާއި ޖަރުމަނުން މަސައްކަތް ކުރަމުން ދަނީ ހަރަކާތަށް ހުރަސް އެޅުމަށް ކަމަށް މި ކޮންގްރެސް އިންތިޒާމްކުރި ފަރާތެއް ކަމުގައިވާ ނަދީޖާ ސަމޯރު ބުނެފައިވެއެވެ.
މިދިޔަ ހޮނިހިރު ދުވަހު މުޒާހަރާގެ ބައިވެރިންނާއި ފާޑުކިޔާ ފަރާތްތަކުން ވަނީ އީޔޫއިން އަބޫ ސިއްތާއާ މެދު އަމަލުކުރަމުންދާ ގޮތް ކުށްވެރިކޮށްފަ އެވެ.
"މިއީ ހަރުކަށި، އިންސާނިއްޔަތާ ހިލާފު ފާޑުކިޔުންތަކާއި އިސްރާއީލު ދިފާއުކުރުމަށް ކުރާ މި ފާޅުކަން ބޮޑު މަސައްކަތާ ދެކޮޅަށް އީޔޫގެ އެކި ކަންކޮޅުތަކުގައި ތެދުވާންވީ ވަގުތު"
އަބޫ-ސިއްތާ އާއެކު ބާލިން ފަލަސްތީނު ކޮންގްރެސްގައި ވާހަކަ ދެއްކުމަށް އިންކާރު ކުރި ގްރީސްގެ ކުރީގެ ފިނޭންސް މިނިސްޓަރު ޔާނިސް ވަރޫފާކިސް އެކްސްގައި ބުނެފައިވެ އެވެ.
އަދި ޖަރުމަނުން އޭނާ އެތެރެވުން މަނާކުރި ސަބަބު އަންގަން އޭނާގެ ވަކީލުން އެދުމުން ޖަރުމަނުގެ ކަމާބެހޭ ފަރާތްތަކުން އެކަމަށް ދެކޮޅު ހަދާތީ އެމައްސަލަ ކޯޓަށް ގެންދާނެ ކަމަށް އަބޫ-ސިއްތާ ވަނީ ބުނެފައެވެ.
އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ޙަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 34،600 އަށްވުރެ ގިނަ މީހުން ޝަހީދުވެ 77،800 މީހުން ޒަޚަމްވެފައިވެއެވެ.
އަބޫ-ސިއްތާ އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ޣައްޒާގައި ހުރި ދުވަސްވަރު ހޮސްޕިޓަލްތައް ބިމާހަމަވެ ، އިސްރާއީލު ސިފައިން ފަލަސްތީނުގެ ރައްޔިތުން މަރާލަނީ ރަހުމެއްނެތިއެވެ.
ސެނެޓުގެ ޕްރެސް ސާވިސް އިން ބުނި ގޮތުގައި އަބޫ-ސިއްތާ ފްރާންސަށް ދައުވަތު ދިނީ ސެނެޓުގައި އިކޮލޮޖިސްޓް ގްރޫޕަކުން ހޮނިހިރު ދުވަހު ބޭއްވި ކޮލޮކިއަމްގައި ޣައްޒާގެ ހާލަތާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށެވެ. މި ސެނެޓުގައި ޣައްޒާއާ ގުޅުންހުރި ތަޖުރިބާ ލިބިފައިވާ ޑޮކްޓަރުންނާއި ނޫސްވެރިންނާއި ބައިނަލްއަގްވާމީ ގާނޫނީ މާހިރުންގެ ހެކިބަސް ވެސް ހިމެނެއެވެ.

