މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގާ، އެއްވެސް މަޤްސަދެއްގައި ވީޑިޔޯކޮށް ޢާއްމުންގެ ތެރޭގައި ފަޟީހަތްކޮށް ހެދުމަކީ، އަޚްލާޤީ ގޮތުންނާއި އިޖްތިމާޢީގޮތުން ބަލާއިރު އެއްގޮތަކަށްވެސް ކޮށްގެންވާނޭ ކަންކަމެއްނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިއަދު އެކްސްގައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކުށެއް ކޮށްފި މީހަކާއިމެދު ކަންކުރާނޭ ގޮތް ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެކަމަށް ފިޔަވަޅު އަޅަން މުއައްސަސާތަކާއި ޤާނޫނީ ނިޒާމު ޤާއިމް ވެފައިވާ ކަމަށެވެސް ވިދާޅުވިއެވެ. ކަންމިހެން ހުރިއިރު، ދީނީ ގޮތުންނާއި އިޖްތިމާޢީގޮތުން އޮންނަ ރިވެތި މިންގަނޑުތައް ދޫކޮށް ޤާނޫނުގެ ވެރިކަން އަމިއްލަ އަތްމައްޗަށް ނެގުމަކީ މުޖްތަމަޢުން ނައްތާލަން މި ސަރުކާރުން މަސައްކަތްކުރާ ބަދަލު ހިފުމުގެ ރޫޙު ނައްތާލުމަށްވެސް އެޅޭ ހުރަހަކަށް ނޫނީ ނުވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
"މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގާ، އެއްވެސް މަޤްސަދެއްގައި ވީޑިޔޯކޮށް ޢާއްމުންގެ ތެރޭގައި ފަޟީހަތްކޮށް ހެދުމަކީ، އަޚްލާޤީ ގޮތުންނާއި އިޖްތިމާޢީގޮތުން ބަލާއިރު އެއްގޮތަކަށްވެސް ކޮށްގެންވާނޭ ކަންކަމެއްނޫން! ކުށެއް ކޮށްފި މީހަކާއިމެދު ކަންކުރާނޭ ގޮތް ޤާނޫނުގައި ބަޔާންކޮށްފައިވޭ. އެކަމަށް ފިޔަވަޅު އަޅަން މުއައްސަސާތަކާއި ޤާނޫނީ ނިޒާމު ޤާއިމް ވެފައިވޭ. ދީނީ ގޮތުންނާއި އިޖްތިމާޢީގޮތުން އޮންނަ ރިވެތި މިންގަނޑުތައް ދޫކޮށް ޤާނޫނުގެ ވެރިކަން އަމިއްލަ އަތްމައްޗަށް ނެގުމަކީ މުޖްތަމަޢުން ނައްތާލަން މި މަސައްކަތްކުރާ ބަދަލު ހިފުމުގެ ރޫޙު ނައްތާލުމަށްވެސް އެޅޭ ހުރަހަކަށްނޫނީ ނުވޭ! އަޅުގަނޑުމެން އެންމެންނަކީ އޯގާތެރި، ކުލުނުވެރި، އަދި ޒިންމާދާރު މުޖުތަމަޢެއް ބިނާކުރުމުގައި ޒިންމާދާރު ބަޔަކަށް ވަމާތޯ!"
ރައީސް މުޢިއްޒު މިހެން ވިދާޅުވެފައި މިވަނީ، ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ ކާރު އެކްސިޑެންޓުވި މައްސަލައިގައި ހެންވޭރު ދެކުނު ދާއިރާއަށް އަލަށް އިންތިހާބުވި އިމްރާން ލަތީފު (އިންމު) ބަސް ވިދާޅުވުމުން އެކަމާއި ގުޅިގެން އާއްމުންގެ ޚިޔާލު އެ މައްސަލާގައި ދެކަފިވެފައިވާ ދަނޑިވަޅެއްގައެވެ.

އިމްރާން ކާރު އެކްސިޑެންޓުވީ ފަހަތުން އައި ކުޑަ ޕިކަޕެއްގައި ޖެހިގެންނެވެ. އެތަނުގައި އިމްރާން މަޑުކޮށްގެން ހުންނެވިއިރު، ޕިކަޕު ޑްރައިވަރާއެކު އިންމު ވެސް ހުންނެވި އެވެ. އަދި ސޯޝަލް މީޑިއާގައި އާންމު ކުރި ވީޑިއޯއެއްގައި އިންމު އެދިވަޑައިގަންނަވަނީ، ޕިކަޕު ޑްރައިވަރަށް މައާފު ކުރުމަށްފަހު ދޫކޮށްލުމަށެވެ. ކާރު ހަދަން ބަދަލެއް ބޭނުންވެއްޖެ ނަމަ އިންމު އެ ފައިސާ ދައްކައިދެއްވާނެ ކަމަށް ވެސް އޭނާ އެ ވީޑިއޯގައި ވިދާޅުވެ އެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި އެ ވީޑިއޯ 65،000 އަށް ވުރެ ގިނަ ފަހަރު ވަނީ ބަލައިފަ އެވެ. އަދި އެ ވީޑިއޯގެ ސަބަބުން އިމްރާންއަށް ވަރަށް ބޮޑަށް މީހުން ގެންދަނީ ފާޑުކިޔަމުންނެވެ.
އޭފެ ފަހުން އަދާލަތު ޕާޓީއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އިންމުއަށް ފާޑުކިޔައި އޭނާ ދޮގު ހެއްދެވި ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. އަދި ޕިކަޕު ޑްރައިވަރަށް ނިސްބަތްކޮށް "ނިކަމެތި ބަސް" އިންމު ވިދާޅުވެފައިވާ ކަމަށް ވެސް އަދާލަތު ޕާޓީން ބުންޏެވެ.
މިދިޔަ އޭޕްރީލް 21، ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީއިން ސުޕަ މެޖޯރިޓީ ހޯދާފައިވާއިރު، އިންމުއަކީ އެ އިންތިހާބުން އެންމެ ތަނަވަސް ނަތީޖާއަކުން ކާމިޔާބު ހޯދި އެއް ކެންޑިޑޭޓެވެ. އެ އިންތިހާބުގައި މަކުނުދޫ ދާއިރާއަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން ވެސް ވާދަ ކުރެއްވި އެވެ. އިމްރާން ވަޑައިގެންނެވީ ދާއިރާއިން ދެ ވަނައަށެވެ.

