ކުޑަކުދިން ބައެއް ފަހަރު ކުރާ ކަންކަމަކީ އަޅާނުލައި ދޫކޮށްލާ ވަރަށް ވުރެ ސީރިއަސް ކަންކަމެވެ. ނަމަވެސް ގިނަ މީހުން ނުވަތަ ބެލެނިވެރިން މިފަދަ ކަންކަމަށް މާ ބޮޑު ސަމާލުކަމެއް ނުދެ އެވެ. ބައެއް ބެލެނިވެރިންނަށް ހީވެފައި އޮންނަނީ ދަރިފުޅަކީ ކުޑަ ކުއްޖަކަށްވީމާ ބައެއް ކަންތައްތަކަކީ ކުއްޖާ އަށް ދޫދެވިފައި އޮންނަންޖެހޭ ކަންތައްތައް ގޮތުގައެވެ. އަނެއް ބަޔަކު ގަބޫލުކުރަނީ އަޅާނުލީމާ އެ ކަންތައްތައް އަމިއްލައަށް ހައްލުވާނެ ކަމަށެވެ. ނަމަވެސް ކުޑަކުދިން ކުރިޔަސް ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން ހުންނާނެ އެވެ. އަދި ކުރަން ނުވާ ކަަހަލަ ކަންތައްތައް ކުރުމުން އެއީ ގޯސް ކަމެއް ކަން ކުއްޖާއަށް ވަގުތުން ވިސްނައިދޭން ޖެހޭނެ އެވެ.
ބެލެނިވެރިޔާ އެހެން މީހަކާ ވާހަކައެއް ދައްކަން ހުއްޓާ އެ ދޭތެރެ މެދަށް ވަދެ އެ ކުއްޖާ ވާހަކަ ދައްކަން ފަށަން ހުއްދަ ދިނުމަކީ އެހެން މީހުންނާ ދޭތެރޭގައި ވިސްނަން ޖެހޭނެކަން ކުއްޖާއަށް ދަސްކޮށްދިނުމަށް އެޅޭ ހުރަހެކެވެ. މިހެން ހަދައިފި ނަމަ ތިމާ ބުރަކޮށް އުޅޭ ވަގުތެއްގައި ދަރިފުޅު އެކަނި ކުޅެލާ ހަދަން އުޅޭކަށް ދަހެއް ނުވާނެ އެވެ. މިފަދަ ކަންކަން ކުއްޖާ ހެދިބޮޑުވަމުން އަންނަ އިރު ދަސްކޮށްދީ ކިޔައިނުދީފިނަމަ ކުއްޖާގެ އަޚުލާގަށް ނޭދެވޭ އަސަރުތައް އަންނަން ފަށައެވެ.
ދެން ފަހަރަކުން ފޯނެއް ކުރާ ގަޑީގައި ނުވަތަ ރައްޓެއްސަކާ ބައްދަލުކުރަނިކޮށް ވާހަކަ ނުދައްކަން ކުއްޖާ ގާތު ބުނާށެވެ. އެކަން ކޮށްފިނަމަ ނަސޭހަތްދީ އެކަންކަން ތަކުރާރު ކުރާނަމަ ކުއްޖާ ބޭނުން އެއްވެސް ކަމެއް ނުވާނެ ކަމަށް ބުނާށެވެ. އަމިއްލަ ދަރި ވެސް ގޯސްކަމެއް ކުރާކަމުގައި ވަނީމަ އެކަން ހުއްޓުވައި ނަސޭހަތް ދޭން ވާނެ އެވެ. ހެދިބޮޑުވަމުން އަންނަ އިރު ސްކޫލް ދައުރުގައްޔާއި އެހެނިހެން މާހައުލުގައި ވެސް ކުއްޖާގެ ފަރާތުން ފެންނަ ނޭދެވޭ ކަންކަން ދިފާއު ކުރުމުގެ ބަދަލުގައި ނަސޭހަތްދީ، އަދަބު ދޭން ޖެހޭ ހާލަތުގައި އަދަބު ވެސް ދޭށެވެ.
މިސާލަކަށް އެކުގައި ކުޅެން އުޅޭ ކުއްޖެއްގެ ގައިގައި ދަރިފުޅު ޖެހުމަކީ އަޅާނުލާ ދޫކޮށްލާވަރުގެ ކަމެއް ނޫނެވެ. މި ކަހަލަ ކަންކަމަށް ވަގުތުން ފިޔަވަޅު ނާޅައިފި ނަމަ ކުއްޖާގެ ހަރުކަށިކަން އިތުރުވެގެން ދާނެ އެވެ. ކުއްޖަކު ކޮއްޕާލުން ނުވަތަ ކުއްޖަކު ގައިގައި ވިކާލުން ފަދަ އެއްވެސް ކަމެއް ކުއްޖާ ކޮށްފި ނަމަ އެއީ ވަގުތުން ފިޔަވަޅު އަޅަން ޖެހޭނެ ކަންކަމެވެ. މިކަންކަމާ އަޅާ ނުލެވިއްޖެ ނަމަ އުމުރުން އަށް އަހަރު ވާއިރު ކުއްޖާ އަކީ އެހެން ކުދިންނާ ތޮޅޭ ބަސްނާހާ ކުއްޖަކަށްވެ މައިންބަފައިންނަށް ވެސް ކޮންޓްރޯލް ކުރަން އުނދަގޫ ވެދާނެ އެވެ.
ދަރިން އެދޭ ކޮންމެ ކަމަކަށް އާއެކޭ ބުނާތީ، ނެގެޓިވް ކަންކަމަށް ދަރިންގެ ސިކުނޑި ތައްޔާރު ނުކުރެވި އެ ކުދިންގެ އުޅުމަށް ވަރަށް ނުރަނގަޅު އަސަރުތައް ކުރަމުން އަންނަ ކަމަށް އިނގިރޭސި ވިލާތުގެ މަޝްހޫރު ސައިކޮލޮޖިސްޓަކު ހެދި ދިރާސާއަކުން ވެސް ދެއްކި އެވެ.
ސައިކޮލޮޖިސްޓް ޑރ. އެމަންޑާ ގަމާ ވިދާޅުވީ ކްލާހުގައި ކުދިންގެ އުޅުން ގޯސްވުން ފެށިގެން އަންނަނީ މައިގަނޑު ގޮތެއްގައި އެހެން ދަރިވަރުންގެ ސަބަބުން ނޫން ކަމަށާއި އެއީ ގޭތެރެއިން ފެށޭ މައްސަލައެއް ކަމަށެވެ. ގަމާ ވިދާޅުވި ގޮތުގައި ދަރިން އެދޭހާ ކަމެއް ކޮށްދިނުމުގެ ސަބަބުން އެ ކުދިންނަށް ހަގީގީ ދިރިއުޅުމަަކަށް ތައްޔާރެއް ނުވެވެ އެވެ. މިއީ ދަރިން ބާރުވެރި ކުރުވުމަށްޓަކައި ކޮންމެހެން ހުއްޓާލަންޖެހޭ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރައްވާފައިވެ އެވެ.
އޭނާ ވިދާޅުވީ ބޭނުން ކޮންމެ ކަމެއް ނުވާނެ ކަމާއި ކުއްޖާ ބޭނުންވާ ކަމަކަށް އެހެން މީހަކު ނޫނެކޭ ބުނުމަކީ އެއްވެސް މައްސަލައެއް ނޫންކަން އެ ކުދިންނަށް ގޭތެރެއިން ފެށިގެން ވިސްނައިދޭން ޖެހޭނެ ކަމަށެވެ. މިއީ ދިރިއުޅުމުގެ އެންމެ އަސާސީ އެއް ހުނަރު ކަމަށާއި އެކަން ނޭނގުމުން ދަރިންނަށް ވަރަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށް ގަމާ އިންޒާރު ދެއްވި އެވެ.

