މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ( އެމް.އޭ.ސީ.އެލް ) އިން "އެއަރޕޯޓް އެމަރޖެންސީ އެންޑް ރެސިލިއެންސް" ގެ ނަމުގައި ފޯރަމެއް ފަށައިފިއެވެ.
ކްރޮސްރޯޑްސްގައި ކުރިއަށްދާ މި ފޯރަމް ފައްޓަވައި ދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް މުއާޒް ހަލީމްއެވެ. މި ފޯރަމްގައި އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިން ޑައިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދު ގެ އިތުރުން ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރުންނާއި، ކުންފުނީގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން އެއަރޕޯޓުގެ އެމަރޖެންސީގެ ހާލަތުގައި ޝާމިލުވާ ހުރިހާ ސްޓޭކްހޯލްޑަރުން ވަނީ ބައިވެރިވެފައިއެވެ.

އެމް.އޭ.ސީ.އެލްގެ ފުރަތަމަ އެއަރޕޯޓް އެމަރޖެންސީ އެންޑް ރެސިލިއަންސް ފޯރަމް ތެރެއިން/ފޮޓޯ: އެމްއޭސީއެލް
މި ފޯރަމް ފައްޓަވައި ދެއްވާ ވަހާކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް، މުއާޒް ހަލީމް ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ގައުމުގެ އެންމެ މުހިއްމު ޢިމާރާތްތައް ގާއިމު ކުރެވިފައިވާ ތަން ކަމުގައިވާއިރު، އެއަރޕޯޓަށް ހާއްސަ ސަލާމަތާއި ރައްކާތެރިކަމުގެ ހަރުދަނާ ފިޔަވަޅުތައް އެޅިފައިހުރުން މުހިއްމު ކަމަށެވެ. އަދި އެއަރޕޯޓުގެ އޮޕަރޭޝަންތަކުގައި އަވަސް އިމަރޖެންސީ ރެސްޕޮންސް ކަށަވަރުކުރުމަށާއި، ވިލުންވެރިކަން ދެމެހެއްޓުމަށްޓަކައި ސްޓޭކްހޯލްޑަރުންގެ މެދުގައި ކޯޑިނޭޝަން ވަރަށް މުހިންމުކަން ފާހަގަކުރެއްވިއެވެ.

އެމް.އޭ.ސީ.އެލްގެ ފުރަތަމަ އެއަރޕޯޓް އެމަރޖެންސީ އެންޑް ރެސިލިއަންސް ފޯރަމް ތެރެއިން/ފޮޓޯ: އެމްއޭސީއެލް
ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ މެނޭޖިންގ ޑައިރެކްޓަރ އަދި ސީ.އީ.އޯ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ފަސިންޖަރ ޓްރެފިކް އިތުރުވެ، މުޅި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި އެއަރޕޯޓުގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާއިރު، މިމަޝްރޫޢުތަކުގެ ހުރިހާ މަރުޙަލާތަކެއްގައި ވެސް ސަލާމަތީ ކަންކަން ހަރުދަނާކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ.
ކްރޮސްރޯޑްސް ގައި ދެ ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ މި ފޯރަމްގެ މައިގަނޑު މަގުސަދަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ސަލާމަތީ ކަންކަން ހަރުދަނާ ކުރުމާއި، ދިމާވެދާނެ ކުއްލި ހާލަތަކަށް އިޖާބާދިނުމުގައި މިހާރަށް ވުރެ ބޮޑަށް ތައްޔާރުވެ، އެކަމަށް ހުރިހާ ސްޓޭކްހޯލްޑަރުން އެކުގައި މަސައްކަތްކުރުން ހަރުދަނާ ކުރުމެވެ.

އެމް.އޭ.ސީ.އެލްގެ ފުރަތަމަ އެއަރޕޯޓް އެމަރޖެންސީ އެންޑް ރެސިލިއަންސް ފޯރަމް ތެރެއިން/ފޮޓޯ: އެމްއޭސީއެލް
މި ފޯރަމްގައި ސެކިއުރިޓީއާއި އެމަރޖެންސީ ޙާލަތްތަކުގައި އެކި މުއައްސަސާތަކުން އަދާކުރާ ދައުރާއިބެހޭގޮތުން އެ މުއައްސަސާތަކުން މަޢުލޫމާތު ހުށަހަޅައިދޭނެއެވެ. އަދި ސެކިއުރިޓީ އެމަރޖެންސީ ޓޭބަލްޓޮޕް އެކްސަސައިޒެއް ކުރިޔަށް ގެންދާނެއެވެ. މިއީ ހުރިހާ މުއައްސަސާތައް ގުޅިގެން އަސްލު އެމަރޖެންސީ ޙާލަތެއްގައި ޢަމަލު ކުރާގޮތަށް ކުރިޔަށްދާ އެކްސަސައިޒެކެވެ.

އެމް.އޭ.ސީ.އެލްގެ ފުރަތަމަ އެއަރޕޯޓް އެމަރޖެންސީ އެންޑް ރެސިލިއަންސް ފޯރަމް ތެރެއިން/ފޮޓޯ: އެމްއޭސީއެލް
"އެއަރޕޯޓް އެމަރޖެންސީ އެންޑް ރެސިލިއަންސް ފޯރަމް 2024" އަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސަލަމަތާއި ރައްކާތެރިކަން ހަރުދަނާކޮށް ކަމާގުޅުންހުރި ހުރިހާ ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރުމަށް އެމް.އޭ.ސީ.އެލްއިން ބޭއްވި މިފަދަ ފުރަތަމަ ފޯރަމެވެ.

