އެކިއެކި ކަންކަމާއި އެކި ޙާލަތުގައި ތިމާއާއި އެހެން މީހުންނާ އަޅާކިޔޭ ގޮތްވެއެވެ. އަނެކާއަށް ލިބިފައިވާ ވަޒީފާ ނުވަތަ އާމްދަނީއާ މެދުގައެވެ. ނުވަތަ ޞިއްޙަތާއި ދުޅަހެޔޮކަމާ މެދުގައެވެ. ނުވަތަ ގޯތިގެދޮރާއި ފޭރާމާއި ތަނަވަސްކަމާ މެދުގައެވެ.
މި ގޮތަށް ތިމާއަށްވުރެ ފަސޭހައިގައި އުޅޭ މީހުންނަށް ބެލުމަކީ އެ ކަމުގެ ސަބަބުން އެތަކެއް ހިތާމަ ކުރިމަތި ކުރުވާ ކަމެކެވެ. އަނެކާއަށް ލިބިފައިވާ ނިޢްމަތްތަކާ މެދު ޙަސަދަވެރިވުން ވެސް މެދުވެރިވާ ކަމެކެވެ. އަދި ތިމާއަށް މާތް ﷲ ދެއްވި ގިނަގުނަ ނިޢްމަތްތައް ހަނދާން ނައްތުވައިލާ ކަމެއް ވެސް މެއެވެ. އަދި ތިމާއަށް މާތް ﷲ ލެއްވި ރަޙުމަތާ މެދު ނިކަމެތިކަމުގެ ނަޒަރަކުން ދެކެވި، އެ އިލާހުގެ ރަޙުމަތުން އުއްމީދު ކެނޑިގެންދިޔުމަށް މެދުވެރި ކުރުވާ ކަމެކެވެ.
މިފަދަ ސަބަބުތަކަށް ޓަކައި މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ވަނީ އެކަމުގެ ޙައްލު އުނގަންނަވައި ދެއްވާފައެވެ. އިތުރު އެކަލޭގެފާނުގެ އެ އިރުޝާދުގައި ހިފައިފި މީހެއްގެ ހިތްދަތިކަމާއި، ވޭނާއި ކެކުޅުންތަކަށް ކެތްކުރަން ފަސޭހަވެ، ކުރިމަތިވެފައިވާ ޙާލަތާއި މާތް ﷲ ގެ މިންވަރުފުޅަށް ރުހެން ފަސޭހަވެގެންދެއެވެ.
ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘް ކުރެއްވިއެވެ. “انْظُرُوا إِلَى مَنْ أَسْفَلَ مِنْكُمْ، وَلَا تَنْظُرُوا إِلَى مَنْ هُوَ فَوْقَكُمْ، فَهُوَ أَجْدَرُ أَنْ لَا تَزْدَرُوا نِعْمَةَ اللهِ عَلَيْكُمْ” (رواه مسلم) މާނައީ: “ތިޔަބައިމީހުން އަބަދުވެސް ތިމާއަށްވުރެ ދަށް ފެންވަރުގައި ދިރިއުޅޭ މީހުންނަށް ބަލާށެވެ! އަދި ތިޔަބައިމީހުންނަށްވުރެ ތަނަވަސް ޙާލުގައި އުޅޭ މީހުންނަށް ނުބަލާށެވެ! އެހެނީ، އެއީ ﷲ ގެ ނިޢްމަތްތަކަށް ނިކަމަތިކޮށް ހިތުމުގެ ސުންޕާކަމުން ތިޔަބައިމީހުން ސަލާމަތްވުން ގާތް ގޮތެވެ.”
މި ބަސްފުޅަކީ ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم އަށް ދެއްވިގެންވާ جَوَامِعُ الكَلِم (މަދު ބަސްފުޅަކުން ފުން މާނަތައް ދޭހަވާ ބަސްފުޅުތައް)ގެ ތެރެއިން ހިމެނޭ ބަސްފުޅެކެވެ. މީސްތަކުންވަނީ ދުނިޔޭގެ ދިރިއުޅުމާއި ރިޒުޤު ތަނަވަސްކޮށްދެއްވުމުގައި ތަފާތު ދަރަޖަތަކުގައެވެ.
މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿نَحْنُ قَسَمْنَا بَيْنَهُم مَّعِيشَتَهُمْ فِي الْحَيَاةِ الدُّنْيَا وَرَفَعْنَا بَعْضَهُمْ فَوْقَ بَعْضٍ دَرَجَاتٍ لِّيَتَّخِذَ بَعْضُهُم بَعْضًا سُخْرِيًّا وَرَحْمَتُ رَبِّكَ خَيْرٌ مِّمَّا يَجْمَعُونَ﴾ (الزخرف: ٣٢) މާނައީ: “ދުނިޔޭގެ ދިރިއުޅުމުގައި އެއުރެންގެ މެދުގައި ދިރިއުޅުމުގެ ކަންތައްތައް ބެއްސެވީ ތިމަން އިލާހެވެ. އަދި އެއުރެންކުރެ ބައެއް މީހުން، އަނެއްބައި މީހުންގެ މައްޗަށް ދަރަޖަތަކަކަށް އުފުއްލެވީމެވެ. (އެއީ) އެއުރެންކުރެ އެއްބަޔަކު އަނެއްބަޔެއްގެ ޚިދުމަތްތެރިކަން ހިފުމަށް ޓަކައެވެ. އަދި ކަލޭގެފާނުގެ ވެރިރައްބުގެ ރަޙްމަތް އެއުރެން އެއްކުރާ ތަކެއްޗަށްވުރެ ހެޔޮކަން ބޮޑެވެ.”
މީސްތަކުންނަށް މާތް ﷲ ދެއްވާފައިވާ ރިޒުޤު ތަފާތު ވުމާއި، އަދި އިންސާނާއަކީ އޭނާގެ އަތުގައި ހުރި ތަކެއްޗަށްވުރެން އެހެން މީހުންގެ އަތުގައި ހުންނަ ތަކެއްޗަށް ބެލޭ ގޮތް ޠަބީޢީގޮތުން ހުންނަ މީހަކަށް ވީހިނދު، އިސްވެ ބަޔާން ކުރެވުނު ނަބަވީ މަތިވެރި އިރުޝާދުގައި ހިފުމަކީ ނަފުސު ކޮންޓުރޯލު ކުރުމަށް ލިބޭ ވަރަށް މުހިންމު ފުރުޞަތެކެވެ. އަދި އޭނައަށް ﷲ ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރި ވުމަށް މަގުފަހިކޮށްދޭ ކަމެކެވެ.
މައުލޫމާތު: الشَّيْخ حَسَن مُوسَى فِكْرِي / ދީނުގެމަގު

