އދ މާމިގިލީ މަގު ހެދުމުގެ މަޝްރޫޢުގެ 80 އިން ސައްތައިގެ މަސައްކަތް ނިމިއްޖެއެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނި ގޮތުގައި އދ. މާމިގިލީގައި ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަމުން އަންނަ މަގުތަކުގެ %80 މަސައްކަތް ނިމިފައިވާއިރު، މި މަޝްރޫޢުގެ މިވަގުތު ޖުމްލަ 6 މަގެއްގެ މަސައްކަތް ކުރަމުން ގެންދާކަމަށެވެ. އެއީ ޖުމްލަ 4.8 ކިލޯ މީޓަރުގެ ދިގުމިން ކަމަށްވެސް އާރްޑީސީ އިން ވަނީ ބުނެފައެވެ.
ހަމައެހެންމެ، މިހާތަނަށް 6 މަގެއްގައި ކޭބަލް ޖަންކްޝަން ބެހެއްޓުމާއި ހޮޅިއެޅުމުގެ ހުރިހާ މަސައްކަތެއް ވަނީ ނިންމާލެވިފައިވާ ކަމަށްވެސް އާރްޑީސީއިން ބުންޏެވެ. އަދި 5 މަގެއްގައި ސެޓްލްމަންޓް ޓޭންކާއި ހޮޅި އެޅުމުގެ މަސައްކތް ނިންމާލެވިފައިވާއިރު، އެއް މަގެއްގައި އެ މަސައްކަތުގެ %80 ޕަސެންޓް ވަނީ ނިންމާލެވިފައެވެ.

މިއީ ޖުމްލަ 95,043,314.41 ރުފިޔާގެ މަޝްރޫޢު…ފޮޓޯ:އާރްޑިސީ
މީގެ އިތުރުން 3 މަގެއްގައި ކާރބް ސްޓޯންޖެހުމާއި 4 މަގެއްގައި ދުވާރުގެ މަސައްކަތްތަކުގެ އިތުރުން މަގުބައްތި ޖެހުމުގެ މަސައްކަތް ނިންމާލެވިފައިވާއިރު، އެއް މަގެއްގައި ތާރު ކުރިން އަޅާ އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) ފަށަލަ އެޅުމުގެ މަސައްކަތް ވަނީ ނިމިފައެވެ.
އަދި އިތުރު މަގެއްގައި އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) ފަށަލަ އެޅުމުގެ 75 އިން ސައްތަ ވަނީ ނިންމާލެވިފައެވެ. އަދި މިވަގުތު ކުރިއަށްދަނީ ގެވެހިމަގުގައި އޭބީސީ ފަށަލަ އެޅުމާއި ބީޗް ރޯޑްގައި ކާރބްސްޓޯން ޖެހުމާއި ކީވޯލް ޖެހުމުގެ މަސައްކަތުގެ އިތުރުން އަމީނީމަގުގައި ސަބް ބޭސްގެ މަސައްކަތް ކުރުމަށް ދަނީ ތައްޔާރުވަމުންނެވެ. މިމަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 26 ގައެވެ.
އާރްޑީސީ އިން ހާމަކުރި ގޮތުގައި މިއީ ޖުމްލަ 95,043,314.41 ރުފިޔާގެ މަޝްރޫޢު އެކެވެ.

