ފުލުހުންގެ ނަމުގައި ސްކޭމް ކޯލްތަކެއް ކުރަމުންދާތީ އެކަމާމެދު ސަމާލުވުމަށް ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ.
ފުލުހުންގެ ޚިދުމަތުގެ ތަރުޖަމާނު އަޙުމަދު ޝިފާން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއިން ބޭރުގެ ނަންބަރުތަކެއް ބޭނުންކޮށްގެން ފުލުހުންގެ ނަމުގައި ސްކޭމް ކޯލްތަކެއް ކުރަމުންދާ ކަމަށެވެ.
ނަމަވެސް ރާއްޖެއިން ބޭރުގެ ނަންބަރުތައް ބޭނުންކޮށްގެން ފުލުހުން ނުގުޅާނެ ކަމަށާއި މިކަމަށް ސަމާލުވުމަށް ވެސް ޝިފާން ވަނީ އިލްތިމާސް ކުރައްވައިފައެވެ.
ސަރުކާރުގެ އެކިއެކި މުއައްސަސާތަކާއި ކުންފުނިތަކުގެ ނަމުގައި ސްކޭމް ކޯލުތައް ކުރާ މައްސަލަ ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. އެގޮތުން ބަލާއިރު ސްކޭމް ކޯލްކޮށްގެން 500,000 ރ. ވަގަށް ނެގި މައްސަލައެއް ވެސް މިދިޔަ ފެބްރުވަރީ މަހު ވަނީ ފުލުހުންނަށް ހުށަހަޅައިފައެވެ.
ދާދިފަހުން ފުލުހުން ވަނީ ސައިބަރ ކްރައިމްގައި ހިންގާ ލޯބީގެ ނުވަތަ ރޮމޭންސް ސްކޭމްތަކުގެ މައްސަލަތައް ފުލުހުންނަށް ހުށަހެޅެމުންދާ ކަން ފާހަގަކޮށް އެފަދަ ސްކޭމްތަކަށް ރައްކާތެރިވުމަށް ވެސް އިލްތިމާސްކޮށްފައެވެ.

