ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ތެރެއިން މިހާތަނަށް 51 ސިފައިން ފައިބައިފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން، ހީނާ ވިދާޅުވީ، މިހާތަނަށް ދެ ޕްލެޓްފޯމެއްގައި ތިބި އިންޑިއާގެ 51 ސިފައިން އެނބުރި ގައުމަށް ގޮސްފައިވާ ކަމަށާއި، މޭއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ހުރިހާ ސިފައިން ފައިބައިގެން ދިޔުމަކީ ކަން އޮތް ގޮތް ކަމަށެވެ.
“މިހާތަނަށް ދެ ޕްލެޓްފޯމެއްގައި ތިބި 51 ސިފައިން ފައިބައިގެން ދިޔަ. މޭއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ހުރިހާ ސިފައިން ފައިބައިގެން ދިއުން އެއީ އަދި އެކަން އޮތް ގޮތަކީ،” ހީނާ ވިދާޅުވިއެވެ.
ހީނާ އިތުރަށް ވިދާޅުވީ، ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ފައިބައިގެން ދިއުމުން އެކަމާއި ގުޅޭ އިތުރު މައުލޫމާތު ހިއްސާ ކުރައްވާނެކަމަށެވެ.
ދާދި ފަހުން އިންޑިއާ ސަރުކާރާއެކު އެގައުމުގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި ހައި ލެވަލް ކޯރ ގްރޫޕްގެ 4 ވަނަ ބައްދަލުވުމަށްފަހު ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވެސް ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބާކީ ތިބި ހުރިހާ ސިފައިން މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން އެނބުރި އިންޑިއާއަށް ފޮނުވާލެވޭނެ ކަމުގެ ޔަގީންކަން ދީފައެވެ.
ރާއްޖޭގައި އިންޑިއާގެ ތިން އުޅަނދެއް އޮޕަރޭޓްކުރެއެވެ. ފުރަތަމަ ހެލިކޮޕްޓަރު ގެނައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. ދެވަނަ ހެލިކޮޕްޓަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ގެނައިިރު، ޑޯނިއާ މަތިންދާބޯޓު ގެނެސްފައިވަނީ ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އެވެ.

